އެއްވެސް މީހަކަށް ﷲ ރުހިވޮޑިގަންނަވާ ވަރެއް ނުއެނގޭނެ! އެއްވެސް މީހަކަށް ނުބައިބަސް ބުނުމުގެ ކުރިން އަދި ނުބައިކޮށް ކަމެއް ކުރުމުގެ ކުރިން މިޙަދީޘްފުޅަށް ވިސްނާލަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 50ސ
އެއްވެސް މީހަކަށް ﷲ ރުހިވޮޑިގަންނަވާ ވަރެއް ނުއެނގޭނެ! އެއްވެސް މީހަކަށް ނުބައިބަސް ބުނުމުގެ ކުރިން އަދި ނުބައިކޮށް ކަމެއް ކުރުމުގެ ކުރިން މިޙަދީޘްފުޅަށް ވިސްނާލަންވާނެ!

މުދަލުގެ މައްސަލައަކާއި ގުޅިގެން ނުވަތަ އަމިއްލަ މަންފާއަށްޓަކައި އުފައްދާ ވާދަވެރިކަމުގެ ތެރެއިން ޢަދާވާތްތެރިކަން ބޮޑުވެ ﷲ ތަޢާލާގެ މަގުގައި މަސައްކަތްކުރާ ތަޤްވާވެރި އަޅުވެރިންނަށްވެސް އަދި އެނޫން މީހުންނަށްވެސް ނުބައި ބަސްތައް ބުނުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. އެއްވެސް ބިރެއް ނެތި ގެންދަނީ ނުބައި ބަސްތައް ބުނަމުންނެވެ. އަދި ބޮޑެތި ގެއްލުންތައްވެސް ދެމުންނެވެ.  

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅަކީ ކާކުކަމެއް ނުއެނގޭނެއެވެ. ދުނިޔަވީ ގޮތުން އެމީހާއަކީ އެންމެ ދަށުދަރަޖައިގެ، އެންމެ ނިކަމެތި މީހަކު ކަމުގައިވެސް ވެދާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާގެ ދަރަޖައަކީ ކޮބައިކަން ހަމައެކަކަށްވެސް ނުމެ އެނގޭނެމެއެވެ.  

ވީމާ އެއްވެސް މީހަކަށް ނަފްރަތުކޮށް ނުބައިބަސްތައް ބުނުމުގެކުރިން މިޙަދީޘްފުޅާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ.  

عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلّى الله عَلَيْهِ وَآلِهِ وَسَلَّمَ:((إِنَّ اللهَ تَعَالَى قَالَ: مَنْ عَادَى لِيْ وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَيَّ عَبْدِيْ بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلاَ يَزَالُ عَبْدِيْ يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الذِّيْ يَسْمَعُ بِهِ، وَبَصَرَهُ الَّذِيْ يُبْصِرُ بِهِ، وَيَدَهُ الَّتِيْ يَبْطِشُ بِهَا، وَرِجْلَهُ الَّتِيْ يَمْشِيْ بِهَا، وَلَئِنْ سَأَلَنِيْ لأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِيْ لأُعِيْذَنَّهُ)). رَوَاه البُخَارِيُّ.  

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ ވަލީވެރިޔަކާ ޢަދާވާތްތެރިވެއްޖެ މީހަކާ ދެކޮޅަށް ތިމަން ﷲ ހަނގުރާމަ އިޢުލާނު ކުރައްވަމެވެ. ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުށްތަންވުމަށްޓަކައި (ކުރާ) ތިމަން އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ (ޢަމަލަކީ) ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހުގެ އަޅާ، ނަވާފިލު (އިތުރު އަޅުކަން) އަދާކުރުމުގައި ދެމިހުންނަމުން ގޮސް ތިމަން ﷲ އެމީހެއްދެކެ ލޯބިވެ ވޮޑިގަންނަވަމެވެ. ފަހެ ތިމަން އިލާހު މީހެއްދެކެ ލޯބިވެވޮޑިގަންނަވައިފިއްޔާ،ތިމަން ﷲ،އޭނާގެ އެހުމާއި، ބެލުމާއި، ހިފައި އުޅޭ އަތް އަދި އޭނާ ހިނގައި އުޅޭ ފައި ފަދައިން، (އޭނާގެ އެހީތެރިއެއް ކަމުގައި) ވޮޑިގަންނަވަމެވެ. އޭނާ ތިމަންއިލާހުގެ ޙަޟްރަތުން ކަމަކަށް އެދިއްޖެނަމަ، ހަމަ ކަށަވަރުން އޭނާއަށް ދެއްވާހުށީމެވެ. އަދި ތިމަން އިލާހުގެ ހަޟުރަތުން ރައްކާތެރިކަމަށް އެދިއްޖެނަމަ، ހަމަކަށަވަރުން އެމީހަކަށް ރައްކާތެރިކަން ދެއްވާހުށީމެވެ."

ޚައްޠާބީ ވިދާޅުވިއެވެ. "އޭގެ މާނައަކީ އޭނާ އޭނާގެ ހަށިގަނޑުގެ އެ ގުނަވަންތަކުން ކުރާ ޢަމަލުތަކަށް ﷲ ތަޢާލާ ތައުފީޤު ދެއްވުމެވެ. އަދި އެ ގުނަވަންތައް ރައްކާތެރިކޮށްދެއްވުމާއި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެއްޗިހި އަޑުއެހުމުންނާއި އެފަދަ މަންޒަރުތައް ބެލުމުންނާއި، އަތުން ކުރާ ނޭދެވޭ ކަންތައްތަކުންނާއި އޭނާގެ ފައިން ނުބައިކަންތައްތަކަށް ހިނގާފައި ދާ ދިޔުމުން އޭނާ ސަލާމަތްކޮށްދެއްވުމެވެ."

އަދިވެސް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ފަރުޟުތައް އަދާކުރުންކަން އެނގިގެން އެބަދެއެވެ. އަދި ﷲ ތަޢާލާ އާއި ކުއްތަންވާން އެދޭމީހާ ސުންނަތް އަޅުކަންކުރަންޖެހޭކަންވެސް އެނގިގެން އެބަދެއެވެ. އަދި މިކަންކަން ކުރުމުން އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެކަމާއި އެއިރުން އެމީހާ އެދޭހައި ކަންކަން ހިންމަވައިދެއްވަވާނެކަން ވެސް އެނގިގެން އެބަދެއެވެ.  

އެއްވެސް ޝައްކެއްނެތް ގޮތުގައި ﷲ ތަޢާލާގެ މި ތައުފީޤު ލިބިއްޖެ މީހަކު މަކާރިމުލް އަޚްލާޤު ލިބިގެންފިއެވެ. އަދި އޭގެ ސަބަބުން މީސްތަކުންގެ ލޯބި ލިބުން އެމީހެއްގެ މައްޗަށް ވާޖިބު ވެއްޖެއެވެ. އަދި އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން އޭނާއަށް ލިބިއްޖެއެވެ. އަދި ﷲ ގެ އަމުރުފުޅާއެކު، އޭނާއަށްޓަކައި މީސްތަކުންގެ ހިތްތަކުގައި ލޯބިޖެހިގެން ދެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން