ދަރިން ތަރުބިއްޔަތުކުރުމުގައާ ވެރިކަން ކުރުމުގަ ލިބިގަންނަންޖެހޭ ވަރަށް މުހިންމު ބައެއް ފިލާވަޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
ދަރިން ތަރުބިއްޔަތުކުރުމުގައާ ވެރިކަން ކުރުމުގަ ލިބިގަންނަންޖެހޭ ވަރަށް މުހިންމު ބައެއް ފިލާވަޅު-

ތަރުބިއްޔަތުގައި އިހުމާލުވުމުގެ ސަބަބުން ނުވަތަ އިސްލާމީ ތަރުބިއްޔަތާ ދުރު ތަރުބިއްޔަތެއް ކުދިންނަށް ދިނުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އެއްކަމަކީ ދަރީންގެ ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން އިތުރުވުމެވެ. ކިތަންމެ ރަނގަޅަށް ތަރުބިއްޔަތު ކުރިޔަސް ޢަދާވާތްތެރިކަން އޮވެދާނެއެވެ. އެއީ ޝައިޠޯނާ އުފައްދުވާ ކަމަކަށްވާތީއެވެ. ނަމަވެސް މިހައި ބޮޑަށް އެކަން އިތުރުވަމުން މިދަނީ ދެވޭ ތަރުބިއްޔަތުގެ ސަބަބުންނެވެ.

މިކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި އިސްލާމީ ތަރުބިއްޔަތުގެ މަންހަޖުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ﷲ ތަޢާލާ ވަނީ އަހަރެމެންގެ ދަރީންނާމެދު ސަމާލުވުމަށް އަހަރެމެންނަށް އަންގަވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. 

(يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَكُمْ فَاحْذَرُوهُمْ  وَإِنْ تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ)  [سورة التغابن 14] 

"އޭ އީމާންވީ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް  ޢަދާވާތްތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން ޢަފޫކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ،ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ." 

މި އާޔަތުގައި މުއުމިނުންނަށް ﷲ ތަޢާލާ މި އަންގަވަނީ އަނބިންނާ ދަރިންގެ ކިބައިން އުފެދިގެން އަންނަ ދެކޮޅުވެރިކަމަށް ސަމާލުވުމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުންނަކީ އަހަރެމެންގެ ޢަދުއްވުން ކަމުގައެވެ. ޢަދުއްވަކީ ތިބާއަށް ނުބައިގޮތް ބޭނުންވާ މީހާއެވެ. ތިބާގެ ޒިންމާއަކީ މިފަދަ ސިފަތަކުން ސިފަލިބިގެންވާ އަނބީންނާ ދަރިންނާމެދު ސަމާލުވުމެވެ. ނަފުސު އަބަދުވެސް ގޮވާނީ އަނބީންނާއި ދަރީންދެކެ ލޯބިވުމަށެވެ. އެހެނަސް އެ ލޯބީގައި ﷲ ތަޢާލާ ޙަރާމް ކުރެއްވި ނުވަތަ މަނާކުރެއްވި ކަންތައްތައް އެކުލެވި، އެ ކަންތައްތަކަށް ލެނބޭނަމަ އެކަމުން ހުޝިޔާރުވުމަށް ﷲ ތަޢާލާ އަންގަވަނީއެވެ. އަދި އެބައިމީހުންގެ ލޯބީގެ ކުރިއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބި އިސްކުރުމަށް އަންގަވަނީއެވެ. 

އަނބީންނާ ދަރީންނާމެދު ސަމާލުވެވޭނެ އެއްގޮތަކީ އިސްލާމީ މަންހަޖުގެ މަތީގައި އެމީހުން ތަރުބިއްޔަތު ކުރުމެވެ. ﷲ އަށް ކިޔަމަންގަތުމުގައި އެބައިމީހުންނަށް އެހީތެރިކަން ލިބޭ ގޮތުގައެވެ. ސަލަފުއްޞާލިޙުންގެ ސިޔަރަތުގައި އަހަރެމެންނަށް މިކަމާބެހޭ ވަރަށް ގިނަ ދަރުސްތަކާއި ޢިބްރަތްތައް ވެއެވެ.  

ޢުމަރު ބިން ޢަބްދިލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ދަރިދަރިކަލުން ތަރުބިއްޔަތު ކުރެއްވީ ޞާލިޙް ދަރީންތަކެއްގެ ގޮތުގައެވެ. އެދަރީންނަށް ނަޞީޙަތް ދެއްވާ އިރުޝާދު ދެއްވާ ރިވެތި ނަމޫނާ ދެއްކެވިއެވެ.  

ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ދަރިކަލެއް އޭނާގެ އަނގޮޓީގައި ހަރުކުރުމަށް އެއްހާސް ދިރުހަމު ދީފައި އެހެއް ބައްލަވައިގެންނެވި ޚަބަރު އެކަލޭގެފާނާ ހަމައަށް ފޯރުމުން ދަރިކަލުންނަށް ލިޔުއްވިއެވެ. "ތިބާ އެއްހާސް ދިރުހަމު ދީފައި އަނގޮޓީގެ އެހެއް ގަތް ޚަބަރު އަހަރެންނަށް ލިބިއްޖެއެވެ. އޭތި ވިއްކާލާށެވެ. އަދި ބަނޑުހައި ހޫނުކަންމަތީގައިވާ އެއްހާސް މީހުންނަށް ކާން ދޭށެވެ. އަދި ޗައިނާގެ ދަގަނޑު އަނގޮޓިއެއް ގަންނާށެވެ. އަދި އޭގައި ލިޔާށެވެ. "އެމީހެއްގެ ނަފުސުގެ ޤަދަރު އެނގިއްޖެ މީހަކަށް ﷲ ރަޙުމަތް ލައްވާށި!"

(ابن الجوزي- سيرة ومناقب عمر بن عبد العزيز ص315) 

ޞައްޙަ ތަރުބިއްޔަތަކީ މިއީ އެވެ. އަމުރާއި ނަހީ އޭގައި ހިމެނިފައިވާ އަދި ސަބަބު އޮޅުން ފިލުވައިދިނުން ހިމެނިފައިވާ ތަރުބިއްޔަތެވެ. އޭގެ އަސަރު ފެންނަފަދަ ތަރުބިއްޔަތަކަށް ތަރުބިއްޔަތު ވެގެންދަނީ މިކަން ކަމުގެ ސަބަބުންނެވެ. މި ތަރުބިއްޔަތުގެ ނަތީޖާ ބައްލަވާށެވެ. 

މީސްތަކުންގެ އަޑު އެއްސެވުމަށްޓަކައި ޢުމަރު ބިން ޢަބްދިލްޢަޒީޒު މަޖިލިސްކުރެއްވި ދުވަހެއްގައި ދުވަސް ދެބައިވުމުން، އެކަލޭގެފާނު ވެފައިވާ ވަރުބަލީގެ ސަބަބުން އަރާމު ކުރެއްވުމަށްޓަކައި ކުޑަވަގުތުކޮޅެއް ނެންގެވުމަށް ޤަޞްދުކުރެއްވިއެވެ. މީސްތަކުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ނުކުމެވަޑައިގަންނަވަންދެން ތިޔަބައިމީހުން ތިޔަ ތިއްބެވި ތާގައި ތިއްބަވާށެވެ. އަރާމުކޮށްލެއްވުމަށްޓަކައި އެތެރެއަށް ވަދެވަޑައިގަތެވެ. އެހިނދު އެކަލޭގެފާނުގެ ދަރިކަލުން އެބައިމީހުންނާ ބައްޕާފުޅު ކޮބައިތޯ ސުވާލުކުރެއްވުމުން އަރާމުކުރެއްވުމަށްޓަކައި އެތެރެއަށް ވަދެވަޑައިގެންނެވި ވާހަކަ ބުނުމުން ބައްޕާފުޅު އަރިހަށް ވަނުމުގެ އިޛުނަ ހޯއްދަވައިގެން  ވަދެވަޑައިގެން ވިދާޅުވިއެވެ.

"އޭ އަމީރުލް މުއުމިނީން އެވެ! ތިބާ އެތެރެއަށްވަދެވަޑައިގަތީ ކީއްވެތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "ކުޑަކޮށް އަރާމުކޮށްލުމަށް ބޭނުންވީއެވެ/" 

އެހިނދު ދަރިކަލުން ވިދާޅުވިއެވެ. "ތިބާގެ ރައްޔިތުން ދޮރުކައިރީގައި ތިބާގެ އިންތިޒާރުގައި ތިއްބާ، އެބައިމީހުންނަށް ތިބާ ޖަވާބުދާރީވާންޖެހޭ ޙާލު، ތިބާއާ މަރު ބައްދަލު ނުކުރާނޭ ކަމުގެ އަމާންކަން ތިބާއަށް އޮތީހެއްޔެވެ؟" އެހިނދުގައި ޢުމަރު ބިން ޢަބްދިލްޢަޒީޒު ތެދުވެވަޑައިގެން އެމީހުންނާ ބައްދަލުކުރެއްވުމަށްޓަކައި މަޖިލީހަށް ނުކުމެވަޑައިގަތެވެ."

(ابن الجوزي- سيرة ومناقب عمر بن عبد العزيز ص298) 

ރަނގަޅު ތަރުބިއްޔަތުގެ ނަތީޖާއަކީ މިއީއެވެ. އޭގެ މޭވާއަކީ ތިބާއަށް ހެޔޮ އެދޭ ދަރީންތަކެކެވެ. ޢަދުއްވުން ތަކެއް ނޫނެވެ. 

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން