ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާކަމަށް ޤަބޫލުކުރަންވެދާނެތޯ؟
މިއީ ބައެއް މީހުންނަށް ކުރެވޭ ސުވާލެކެވެ. އެހެންކަމުން ސުވާލަށް ޖަވާބަކާއިމެދު ވިސްނައިލަމާ ހިނގާށެވެ!
ކަމަކަށް ދަތިވެގެން ނުވަތަ ކަމަކަށް ބޭނުންވެގެން ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދަނީއެވެ. ޢިޖާބަ ކުރެއްވެވިކަމެއް ނުއެނގެއެވެ. މާނައަކީ އޭނާ ބޭނުންވާ ގޮތަކަށް އެކަން ފުއްދަވައެއް ނުދެއްވަވައެވެ. އެޙާލަތުގައި ބައެއް މީހުންނަށް ބުނެވެއެވެ. "އަހުރެން މިހައި ގިނައިން އަޅުކަންކުރަމެވެ. (މިވެނި ކަމަކަށް އެދިގެން) ދުޢާކުރާތާ މިހައި ގިނަ ދުވަސްވެއްޖެއެވެ. އަދިވެސް ފުއްދަވައެއް ނުދެއްވަވައެވެ." މިފަދަ ބަސްތައް ބުނެވެނީ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް މާޔޫސްވެވުމުންނެވެ.
އެހިސާބުން އެމީހަކު ފޭލްވީއެވެ. އެއީ ކެތްތެރިނުވެވުނީތީއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްވީތީއެވެ. އަދި މިއީ އެމީހަކުކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެ ސަބަބެކެވެ. އަދި އެފަދަ މީހުންގެ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަސްވެސް އޮވެއެވެ.
ބުނަންހެއްޔެވެ؟ ފާފައަކަށް އަރައިގަނެވޭފަދަ ކަމަކަށް ނުވަތަ ރަޙިމުގެ ގުޅުން ކެނޑިގެންދާފަދަ ކަމަކަށް އެދިގެން ނޫންގޮތަކަށް ކުރާ ދުޢާ 3 ގޮތަކަށް ޢިޖާބަކުރައްވަވައެވެ. ފުރަތަމަ ގޮތަކީ ދުނިޔޭގައި އެކަމެއް ފުއްދަވައި ދެއްވެވުމެވެ. ދެވަނަގޮތަކީ ދުނިޔޭގައި އެކަމެއް ފުއްދަވައި ނުދެއްވަވައި ޤިޔާމަތް ދުވަހު މާފައިދާހުރިގޮތަކަށް މިންވަރުކުރެއްވެވުމެވެ. 3 ވަނަ ގޮތަކީ އެމީހަކަށް ކުރިމަތިވާން އޮތް ބޮޑު މުޞީބާތަކުން އެމީހަކު ސަލާމަތްކޮށްދެއްވެވުމެވެ.
ވީމާ ދުޢާކުރި ގޮތަށް އެކަމެއް މިދުނިޔޭގައި ހިންމަވައި ނުދެއްވެވުމަކީ ދުޢާ ޢިޖާބަ ނުކުރެއްވެވީކަމަށް ޤަބޫލުކުރެވޭނެ ނުވަތަ އެގޮތަށް ޤަބޫލުކޮށްގެންވާނެ ގޮތެއް ނެތެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު އުންމީދު ކަނޑައިލުމަށްވުރެ ވަކިން ބޮޑު ފާފައެއް ނެތްކަން މިދިއައީ އެނގިގެންނެވެ. ވީމާ މުސްލިމުންނަކީ އެއްވެސް ޙާލަތެއްގައި ﷲ ތަޢާލާގެ ރަޙްމަތްފުޅުން އުންމީދުކަނޑާލައިލެންވާނެ ބައެއް ނޫނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން