މިބުނަނީ ޢާއިލާގެ ގިނަ ބައަކު އެއް ގެއެއްގައި އުޅޭނަމަ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެއްގެ ވާހަކައެވެ. ފިރިމީހާގެ އަޚުންގެ ގާތުގައި އަނބިމީހާ ކޮޓަރީގައި އުޅޭއިރު ޓަކިޖަހައި ހުއްދަ ހޯދައިގެން ވަންނަން ބުނަން ފިރިމީހާ ޖެހިލުންވެއެވެ. އެއީ ޢާއިލީ ގުޅުން ކެނޑިދާނެ ކަމުގެ ބިރަށެވެ.
އެކަމުން އަނބިމީހާއަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. އެއީ ބުރުގާ ނަގައިގެން ހުއްޓައިވެސް ވަންނާތީއެވެ. އެހެންވެ ޓަކިޖަހައި ހުއްދަ ހޯދަން އަނބިމީހާ ބުނެފިނަމަ އޭނާދެކެ ރުޅިއައިސް ނަފްރަތުވެސް ކުރެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ޅިޔަނުންނަކީ މަޙްރަމުންނެއް ނޫނެވެ. އެކަން ބަޔާން ކުރެއްވެވި ޙަދީޘްފުޅުގައި އޮތީ މާހަރުކަށިކޮށެވެ. "ޅިޔަނުންނަކީ މަރު" ކަމަށެވެ. އެއިގެ މާނައަކީ މަރައިލާ ވާހަކައެއް ނޫނެވެ. ޅިޔަނުންނާއިމެދު ސަމާލުނުވެއްޖެނަމަ އެންމެ ބޮޑު ދެރަ ކުރިމަތިވެދާނެ ކަމުގެ އިންޒާރެވެ.
ބުނަންހެއްޔެވެ؟ މިއީ ފިރިމީހާ ޙައްލުކުރަންޖެހޭނެ މައްސަލައެކެވެ. އަނބިމިހާއަށް ބަސްބުނަން އެޖެހެނީ ފިރިމީހާ އަޅައިނުލާތީއެވެ. ވީމާ މިފަދަ ކަންކަމުގައި އަނބިމީހާ ކުށްވެރިނުކުރާށެވެ! ހުރިހާ ގޮތަކުންވެސް އަނބިމީހާއަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެކެވެ. ވަކިދިރިއުޅުމެއް ހޯދައިދީގެން ނަމަވެސްމެއެވެ.
އެންމެ ނުރައްކާ އެއްކަންތައްވެސް ފާހަގަކޮށްލާނަމެވެ. އެއީ އަޅާނުލައި ތިއްބާ މައްސަލައެއް ކުރިމަތިވެއްޖެނަމަ ޢާއިލާއިން ކުށްވެރިކުރާނީ ޅިޔަނެއް ނޫނެވެ. އަނބިމީހާއެވެ. ބުނާނީ އެއީ އޭނާގެ ވައްތަރުން މެދުވެރިވި ކަމެއް ކަމަށެވެ. މިކަން މިގޮތަށް މެދުވެރިވަނީވެސް މަދަކުން ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން