އިންސާނާ ހެޔޮމަގުން ކަސިޔާރުވެ، ޒިނޭއާއި އެހެނިހެން ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުން ސަލާމަތްވުމަށް އެބައިމީހުންގެ ޝަހުވާނީ އެދުންވެރިކަން ޙަލާލުގޮތުގައި ފުއްދުމަށްޓަކައި ކައިވެނި ޝަރުޢު ކުރެއްވުނެވެ. ދެމެފިރިން އެކަކު އަނެކެއްގެ ޖިންސީ އެދުންވެރިކަން ފުއްދުމަކީ ކައިވެނީގެ މަތިވެރި ގުޅުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްކަމެވެ. އެހެނީ ދެމެފިރިން އެކަކު އަނެކެއްގެ އެދުންވެރިކަން ފުއްދައިދިނުމަކީ ސަވާބު ލިބެނިވިކަމެކެވެ.
އަބޫ ޛައްރު رضي الله عنه ރަސޫލާ صلى الله عليه و سلم ގެ އަރިހުން ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.
(…وَفِي بُضْعِ أَحَدِكُمْ صَدَقَةٌ قَالُوا يَا رَسُولَ اللَّهِ أَيَأتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرًا)
މާނައީ: ”އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާއިއެކު ޖިމާޢުވުމަކީ ޞަދަޤާތެކެވެ. އެބޭކަލުން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަހުރެމެންގެ ތެރެއިން މީހަކު އޭނާގެ ޝަހުވަތުގެ އެދުންވެރިކަން ފުއްދައިފިނަމަ އެކަމުގައި އަޖުރުލިބޭނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު އޭނާގެ ޝަހުވަތުގެ އެދުން ޙަރާމްގޮތުގައި ފުއްދައިފިނަމަ، އެކަމުގައި އޭނާގެ މައްޗަށް ފާފައެއް ވާކަމަށް ތިޔަބައިމީހުން ދެކެމުހެއްޔެވެ؟ ހަމަ އެފަދައިން ޙަލާލް ގޮތުގައި އެކަން ކޮށްފިނަމަ އޭނައަށް އަޖުރުހުއްޓެވެ.")
އެހެންކަމުން އެއްދާންކުރުމުގައި ކައިވެނިވާ ދެމީހުން އެމީހުންގެ ޢަމަލުތައް ބަހައްޓާނެ ގޮތް މިތަނުގައި ބަޔާންކޮށްދެވޭތޯ ބަލާނަމެވެ.
1- ޖިމާޢުވާއިރު ކިޔަން ވާރިދުވެފައިވާ ދުޢާކިޔުން:
ފިރިމީހާ އޭނާގެ އަނބިމީހާއާއި ޖިމާޢުވާން އެދޭހިނދު މި ދުޢާކިޔުން އެދެވިގެންވެއެވެ. ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ.
(لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا)
މާނައީ: ”ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ އަނބިމީހާއާއި ޖިމާޢުވާން ވެއްޖެހިނދު ކިޔާށެވެ."
"بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا". ދެން ޙަދީޘްކުރެއްވިއެވެ. (فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا) މާނައީ: ” ފަހެ އެދެމީހުންގެ ދެމެދުން ދަރިއަކު އުފަންވުމަށް މިންވަރުފުޅު ވެއްޖެނަމަ، އެކުއްޖާއާއި ދުވަހަކުވެސް ޝައިޠާނަކު ގާތްނުވާހުއްޓެވެ."
2- ޖިމާޢުވާނެގޮތް (އަނބިމީހާއާއި ކައިރިވާނެގޮތް) :
އެމީހަކު ބޭނުން ފަރާތަކުން، ކުރިމަތިންވިޔަސް، ފުރަގަހުންވިޔަސް ފިރިމީހާ އޭނާގެ އަނބިމީހާގެ ކުރިމަތިފަރާތަށް ޖިމާޢުވުން ހުއްދައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ބަސްފުޅުގައިވާ ގޮތުގެ މަތިންނެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ)(އަލްބަޤަރާ 223) މާނައީ: “ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.)"
މިތަނުގައި މިކަމާއި ގުޅޭ ޙަދީޘްތަކެއް ޒިކުރުކޮށްލާނަމެވެ:
ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.
މާނައީ: އެމީހުންނަކީ ބުދަށް އަޅުކަންކުރުމުގެ އަހުލުވެރިންކަމުގައި ވާޙާލު އަންޞާރުންގެ މި އަވަށަކީ ފޮތުގެ އަހުލުވެރިންގެ ތެރެއިން ޔަހޫދީންތަކެއްވެސް އުޅުނު އަވަށެއްކަމުގައި ވިއެވެ. ވުމާއެކު ޢިލްމީގޮތުން އެޔަހޫދީންގެ މާތްކަން އެއަވަށުގެ އަންޞާރުންގެ މައްޗަށް އޮތްކަމަށް އެބައިމީހުން ދެކެއެވެ. އެހެންވެ އެޔަހޫދީންގެ ގިނަ ޢަމަލުތައް ނަކަލުކުރާ ބައެއްކަމުގައި މިބައިމީހުން ވިއެވެ. ފޮތުގެ އަހުލުވެރިންގެ މިފަދަ ޢަމަލުތަކުގެ ތެރޭގައި އެމީހުންނަކީ އަންހެނުން އުޑުތިލަމަތިން އޮށޯވެއޮވެގެން ނުވަތަ އަރިޔަކަށް ބާއްވައިގެން ނޫންގޮތަކަށް ޖިމާޢުވެ އުޅޭބައެއްނޫނެވެ. އެގޮތަކީ އަންހެނާ މާ ނިވާކަންބޮޑު ގޮތެއްކަމުގައި އެމީހުން ދެކޭތީއެވެ. ދެން މިއަވަށުގެ އަންޞާރުން މިކަންމިގޮތަށް ކުރުމުގެ އާދަ އެޔަހޫދީންގެ ޢަމަލުތަކަށް ބަލައިގެން ހިފައި އުޅުނެވެ. އެހެންނަމަވެސް ޤުރައިޝުވަންހައިގެ އަވަށެއްގައި އުޅުނުބަޔަކު، އެބައިމީހުންގެ އަންހެނުންނާއި ޖިމާޢުވާއިރު އެ އަންހެނުން (އަންޞާރުން ދެކޭގޮތުގައި) ގޯސްގޮތަކަށް (އެއްކޮށް) ކަޝްފުކުރެއެވެ. އެމީހުންނަކީ އަންހެނުންގެ ކުރިމަތިންނާއި ފުރަގަހުން އަދި އުޑުތިލަމަތިން ބާއްވައިގެން އަރާމުހޯދައި އުޅުނު ބައެކެވެ. މުހާޖިރުން މަދީނާއަށް ވަޑައިގަތްހިނދު، އޭގެތެރެއިން ބޭކަލަކު އަންޞާރުންގެ ބޭކަނބަލަކާ ކައިވެނި ކުރެއްވިއެވެ. އަދި އެބޭކަލަކު ކުރިން ދެންނެވި ބާވަތުގެ ޢަމަލުތައް އަނބިމީހާއާއިއެކު ކުރަންއުޅުމުން އެކަމަށް އިންކާރުކޮށް އެބޭކަލަކަށް ނަންގަތެވެ. ތިމަންމެން ޖިމާޢުވެއުޅޭ ގޮތްކަމުގައި ވާކަން ކަށަވަރީ އަރިއަށް އޮވެގެންކަން ކަށަވަރެވެ. ވުމާއެކު ކަލޭގެފާނުވެސް އެގޮތަށް ކަންތައް ކުރައްވާށެވެ. ނޫންނަމަ އަޅުގަނޑާއި ދުރުވެލައްވާށެވެ. މިކަން ބޮޑުވެގެން ރަސޫލާ صلى الله عليه و سلم އަރިހަށް މިޚަބަރު ގޮސްފިއެވެ. ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތް ބާވައިލައްވައިފިއެވެ.
(نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ)
މާނައީ: ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.)
((އެބަހީ: ކުރިމަތިންނާއި ފުރަގަހުންނާއި އުޑުތިލަމަތިން ބާއްވައިގެން ޖިމާޢުވެ އުޅެންވީވާހަކައެވެ. އެހެނީ ދަރިން ލިބޭތަނަށް ޖިމާޢުވުމެވެ)
- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން
-- ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- (4