ދަރިން ނުލިބުމުން ނުވަތަ ލިބުންލަސްވާނަމަ ދެމަފިރިން ޓެސްޓްކުރުމުގެ ކުރިންވެސް ގިނަފަހަރު ކުށްވެރިކުރެވެނީ އަނބިމީހާއެވެ. ދަރިން ނުލިބެނީ އަނބިމީހާގެ ސަބަބުން ކަމަށްވެއްޖެނަމަ އަދި މާބޮޑަށް ކުށްވެރިކުރެއެވެ. ނިކަމެތިވެސް ކުރެއެވެ.
އެގޮތަށް އެކަންއެކުރަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ނުއެނގޭތީއެވެ. ތިމަން ﷲ އިރާދަ ކުރައްވަވާ އަޅަކަށް ފިރިހެންދަރިން ނުވަތަ އަންހެން ދަރިން ދެއްވަވާ ކަމަށާއި ޢަދަދު ކަނޑައަޅުއްވަވަނީވެސް ތިމަން ﷲ ކަމަށާއި ނުދެއްވަވަން އިރާދަކުރައްވަވަނީވެސް ތިމަން ﷲ ކަމަށް އޮތް ބަސްފުޅެވެ.
އަދިވެސް ވިސްނައިލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަތީ ޢާއިޝަތުގެފާނު ދެކެއެވެ. ދަރިކަލަކު ލިބިވަޑައިގެންނެވިހެއްޔެވެ؟ ލިބިވަޑައިނުގަތީތީ އެކަމަނާގެ ދަރަޖައަށް އުނިކަމެއް ލިބިވަޑައިގެންނެވި ހެއްޔެވެ؟ މުސްލިމް ކަނބަލުންގެ ތެރެއިން އެންމެ ބޮޑު ޢިލްމްވެރިއަކީ އެކަމަނާއެވެ.
ދެން ނިކަން ބުނެބަލާށެވެ! ދަރިއަކު ނުލިބުނިތީ އަނބިމިހާ ދެރަކޮށް ނިކަމެތިކުރެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ މިބަޔާންކުރި ޙަޤީޤަތްތައް ޤަބޫލުކުރާ މުސްލިމަކު އެކަމެއް ނުކުރާނެއެވެ. އަނބިމީހާއަކީ ކުދިން ނުލިބޭ އަންހެނަކުނަމަ ކުދިން ހޯދުމަށްޓަކައި އިތުރު އަނބިންނާއި ކައިވެނިކުރުން ހުއްދައެވެ. އަދި ގިނަ އަނބިން ނުގެންގުޅެވޭނެނަމަ ވަރިކުރުންވެސް ހުއްދައެވެ. ނުކުރެވޭނެ ކަމަކީ ދެރަކޮށް ނިކަމެތިކުރުމެވެ. އެގޮތަށް ކަންތައް ކުރެވޭނަމަ އެކަންވާނީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ފާފައަކަށެވެ.
ހިތާމައަކީ ތަކުރާރުކޮށް މިފަަދ ވާހަކަތައް ކިޔައިދެވޭއިރުވެސް ޤަބޫލުނުކޮށް ތިމާ ފާފަވެރިވާނެ ގޮތަށް ކަންކަން ކުރެވޭކަމެވެ. އެގޮތަށް އެކަންކުރުން ހުއްޓާލަމާ ހިނގާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން