ސުވަރުގެ ވަންނަން ބޭނުންވާނީ ﷲ ގެ ރުހިވޮޑިގަތުން! މަންމަ ކިތަންމެ ބާރުއެޅިޔަސް ކުށެއް ނެތި އަނބިމީހާ ވަރިކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ސުވަރުގެ ވަންނަން ބޭނުންވާނީ ﷲ ގެ ރުހިވޮޑިގަތުން! މަންމަ ކިތަންމެ ބާރުއެޅިޔަސް ކުށެއް ނެތި އަނބިމީހާ ވަރިކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ނޫން!

މަންމަ ވަރަށް ގަދައަށް ރުޅި އައިސްގެން ހުރެ ބުންޏެވެ. "ދަރިފުޅާއެވެ! ތިއަ ދަރިފުޅު 9 މަސްދުވަހު އޮތީ މިބަނޑުގައެވެ. ދަރިފުޅަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދީ ބޮޑުކުރީމެވެ. އަނބިމީހާ ހަމަމިހާރު ވަރިނުކުރާނަމަ ޤިޔާމަތް ދުވަހުވެސް މާފެއް ނުކުރާނަމެވެ!"  

ޖަވާބުގައި ދަރިފުޅު ބުންޏެވެ! "ލޯބިވާ މަންމާއެވެ! މަންމަ ދެކެ އަހުރެން އިންތިހާއަށް ލޯބިވަމެވެ. ނަމަވެސް ތިއަދައްކަނީ އަހުރެންގެ އަނބިމީހާގެ ވާހަކައެވެ. 3 ދަރިންގެ މަންމަގެ ވާހަކައެވެ. މަންމަގެ ބަހަށް ޢަމަލުކޮށް އަނބިމީހާއާއި ދަރިން ނިކަމެތިކޮށްލެވޭނީ އަނބިމީހާގެ ކުށެއް ދެއްކީމައެވެ.  

ލޯބިވާ މަންމާއެވެ! ޤިޔާމަތް ދުވަހު ސުވަރުގެ ވަންނަން އަހުރެންނަށް ބޭނުންވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ދުނިޔޭގައި މަންމަގެ ރުހުން ހޯދަން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ކުރީމާ ޤިޔާމަތް ދުވަހު ވާނީ ކިހިނަކުން ހެއްޔެވެ؟  

ﷲ ތަޢާލާ އަންގަވާފައިވަނީ މަންމައަށް ހެޔޮކޮށް ހިތުމަށެވެ. އެކަން އެބަކުރަމެވެ. އެކަމަކަށް މަންމައަކަށް ދެކޮޅެއް ނުހެދޭނެއެވެ. ވީމާ އަހުރެން މަންމައަށް ނަޞީޙަތްތެރިވާން ބޭނުމީ މަންމަ ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. އަހުރެންގެ ދަރިންނަށާއި އަނބިމީހާއަށް ރަޙުމް ކުރުމަށެވެ. އަނބިމީހާގެ އެއްވެސް ކުށެއް ނެތި އަނިޔާވެރި ނުވުމަށެވެ!"  

މަންމައަކަށް ޅީދަރިފުޅުގެ ކުށެއް ނުދެއްކުނެވެ. މައްސަލައަކީ ހިތުގައި އޮތް ޙަސަދަވެރިކަމެވެ. މަންމަ ރުހޭ މީހަކާއި ދަރިފުޅު ކައިވެނިކުރުވަން ބޭނުންވުމެވެ.

ރަނގަޅަށް އަޑުއަހާށެވެ! ދަރިން ތިއްބަސް އަދި ނެތަސް އަނބިމީހާގެ ކުށެއް ނެތި، އަނބިމީހާގެ ނުރުހުމުގައި ވަރިކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. ޚާއްޞަކޮށް ދަރިން ތިބިނަމަ މާބޮޑަށްވެސް ވިސްނަންވާނެއެވެ.  

އޭނާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. މަންމަގެ ރުހުން ހޯދަން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެއް ކުރެވިއްޖެނަމަ ލިބޭނެ ދެރަ ފޫބައްދައިދިނުމަކީ އެއްވެސް މަންމައަކަށް ކުރެވޭނެ ކަމެއް ނޫނެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއަކުން ފެނުނު ކަންކަމެވެ. އަޑުއިވުނު ވާހަކަތަކާއި ނަޞީޙަތެވެ. މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ގިނައިން ކުރިމަތިވާ މައްސަލައަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން