ބައެއް ފަހަރު ޖަނަވާރުތައް ޤަބުރުސްތާނުގެ ކައިރިން ނުދާން އުޅެއެވެ. ޤަބުރުސްތާނާއި ކައިރިނުވާންވެސް އުޅެއެވެ. އެއިގެ އިތުރުން ބޯތިރިކޮށްގެންވެސް ކުރިއަށް ދެއެވެ. މިއީ ބައެއް ފަހަރު ފެންނަ ކަންކަމެވެ. ފާހަގަކުރެވޭނީ ވިސްނާ މީހަކަށެވެ. މިކަންކަމުގެ ސަބަބު އަހުރެމެންނަށް ނުއެނގެނީ ޖަނަވާރުންނަށް ބުނެ ނުދެވޭތީއެވެ.
ވީމާ އެކަންކަމާއި އެއްވެސް ކަމަކާއި އަޅުވާކަށް ނެތީމެވެ. ނަމަވެސް ޙަދީޘްފުޅުން އެނގެން އޮތް ކަމެއް ބުނެލާނަމެވެ. އެއީ ކައްވަޅުގައި ޢަޛާބް ލިބުން ޙައްޤުވާ މީހުންނަށް ޢަޛާބުދެއްވަވާކަމާއި ޢަޛާބުގެ ގަދަފަދަ ކަމުން ޖަނަވާރުތަކަށްވެސް އެއަޑުތައް އިވޭ ކަމެވެ. އެކަމަކު އިންސާނުންނަށާއި ޖިންނިންނަކަށް ނުއިވޭނެތެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ.
ކައްވަޅަކީ އިންސާނާގެ ދެވަނަ މަންޒިލެވެ. ދުނިޔޭގެ ޙަޔާތް ނިމުމުން ބަދަލުވާންޖެހޭ މަންޒިލެވެ. ޤިޔާމަތާއި ހަމައަށް ދެމިހުންނަންޖެހޭނެ މަންޒިލެވެ. ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ބަރުޒަޚުގެ ޢާލަމުގައި ޙޭދަކުރަންޖެހޭ މުއްދަތުގައި ދުނިޔޭގެ ކަންކަމާއި އަދި ޤިޔާމަތް ދުވަހުގެ ކަންކަން ވަނީ ފަރުދާކުރެވިފައެވެ. އެނގޭނީ ހަމައެކަނި އެމީހަކަށް ﷲ ތަޢާލާ އަންގަވައިދެއްވެވި ކަމެކެވެ. ކޮންމެ ކަމެއް އަންގަވައިދެއްވެވުމަށްވެސް ﷲ ތަޢާލާ ކުލަދުންވަންތަވެވޮޑިގެންވެއެވެ.
ބަރުޒަޚުގެ ޢާލަމާއިމެދު ވިސްނަން އެންމެ ފަސޭހަވާނީ ނިދާފައި އޮވެވޭއިރާއިމެދު ވިސްނުމުންނެވެ. ފެންނަ ހުވަފެނާއިމެދު ވިސްނުމުންނެވެ. މިޘާލަކަށް ހަށިގަނޑު އޮންނަނީ އެނދުގައެވެ. އެކަމަކު ވަށައިގެން ހިނގާ އެއްވެސް ކަމެއް ނުއެނގެއެވެ. ހަމައެއާއިއެކު ތަޅުލައިގެން އަރާމުތަންމައްޗެއްގައި ގޭގެ ކޮޓަރީގައި ނިދާފައި އޮތަސް ހުވަފެނުގައި ބިރުވެރި ޖަންގައްޔެއްގައި އުޅެވޭތަނާއި ބައަކު ނުވަތަ ޖަނަވާރުތައް ތިމާއަށް އަނިޔާކުރާތީ ގަދަވޭން އަޅާކަން އިޙްޞާޞް ކުރެވިދާނެއެވެ. ސަލާމަތްވެވޭނީ ހޭލެވުމުންނެވެ.
ބަރުޒަޚުގެ ޢާލަމުގައިވެސް މިވަނީ އެފަދަ ގޮތެކެވެ. ޢަޛާބް ޙައްޤު މީހުންނަށް ޢަޛާބް ލިބެމުންދާނެއެވެ. އެކަންކަން ނިމޭނީ ޤިޔާމަތްވުމުންނެވެ. އެކަމަކު ވަރަށް ބޮޑު ތަފާތެއް ވެއެވެ. އެއީ ހޭލެވުމުން ހުވަފެނުން ސަލާމަތްވެވޭ ފަދައިން އެއިރު ސަލާމަތްނުވެވޭނެކަމެވެ. ޙިސާބު ބައްލަވައި އެމީހަކަށް ޙައްޤު ޢަޛާބު ދެއްވަވާނެ ކަމެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވެވުނު މީހަކަށް އާޚިރަތުގެ ކަންކަން ލުއިވެގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން / މިއަދުނޫސް