ޙަފްޞާ ބިންތު ސީރީން رَحِمَهَا الله އަކީ ތާބިޢީ ބޭކަނބަލެކެވެ. އަޅުވެރި، ޢިލްމުވެރި ބޭކަނބަލެކެވެ. މަޝްހޫރު ތާބިޢީ މުޙައްމަދު ބުން ސީރީންގެ އުޚްތެކެވެ.
މުޙައްމަދު ބުން ސީރީނަކީ ތާބިޢީބޭކަލުންގެ ތެރެއިން ޙަދީޘް ޢިލްމާއި ފިޤްހު ޢިލްމާއި ހުވަފެން ތަފްސީރު ކުރުމުގެ ޢިލްމުގައި އަރައި ހުންނެވި ބޭކަލެކެވެ.
ޙަފްޞާ ބިންތު ސީރީން رَحِمَهَا اللهގެ ދަރިކަލެއް ނިޔާވިއެވެ. އެ ދަރިކަލުންނަކީ ވަރަށް ކިޔަމަންތެރި، ބަސްފުޅު ޤަބޫލުކުރައްވާ ދަރިކަލެކެވެ. އެ ދަރިކަލުން ނިޔާވުމުން އެ ކަމަނާއަށް ވަރަށް ފުން ހިތާމައެއް ލިބިވަޑައިގަތެވެ. މިފަދަ ދަރިކަލަކާ އެކު ގިނަ ދުވަހު އުޅުއްވުމަށް އެ ކަމަނާ އެދިލައްވައެވެ. ހިތް އެދުނު ފަދައިން މިންވަރުނުކުރެއްވި ނަމަވެސް ކެތްތެރިކަމަކީ اللهގެ މިންވަރުފުޅަށް ރުހިވަޑައިގެންނެވުން ކަން އެ ކަމަނާއަށް އެނގިވަޑައިގަންނަވައެވެ.
ދަރިކަލުން ނިޔާވި ދުވަހުގެ ރޭ ދަމުނަމާދުގައި އެ ކަމަނާ ކިޔަވައިވިދާޅުވީ سُورَةُ النَّحْلއެވެ. އެ ސޫރަތް ވިދާޅުވަމުން އަންނަނިވި އާޔަތާ ހަމައަށް ވަޑައިގެންނެވުނެވެ. ﴿مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّـهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ (النحل: ٩٦) މާނައީ: [ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި اللهގެ ޙަޟްރަތުގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން ޢަމަލުކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.] އެ ހިނދު އެ ކަމަނާގެ ހިތްޕުޅަށް ތަސައްލީއެއް ލިބިވަޑައިގެންނެވިއެވެ. ހިތާމައާއި މޮޅިވެރިކަމުގެ ކަޅު ވިލާތައް އެ ކަމަނާގެ އިސްތަށިފުޅުން ކެހިގެން ދިޔައެވެ. (މަޞްދަރު: البر والصلة لابن الجوزي)
ޙަފްޞާ ބިންތު ސީރީން رَحِمَهَا اللهއަށް މި އާޔަތުން އެހައި ބޮޑު ތަސައްލީއެއް ލިބިވަޑައިގެންނެވީ ކީއްވެތޯއެވެ؟ އެ ކަމަނާ މި އާޔަތާ މެދު ވިސްނައި، ތަދައްބަރުކުރެއްވުމުން އެނގިވަޑައިގެންނެވީ މި ދުނިޔޭގައިވާ ކޮންމެ އެއްޗެއް ނެތި ފަނާވެދާނޭ ކަމެވެ. ޖީލަކަށް ފަހު ޖީލެއް ދުނިޔޭގެ ދަންފަޅި ހަމަކޮށް އުޚުރަވީ ޙަޔާތާ ކުރިމަތިލާނޭ ކަމެވެ. އަދި ކެތްތެރިކަމުގެ މާތްކަން ވެސް މި އާޔަތުގައި ބަޔާންވެފައި ވެއެވެ.
ކެތްތެރިކަމަކީ ވަރުގަދަ ބާރެކެވެ. އަލިކަމެއް ވެސް މެއެވެ. سُورَةُ النَّحْلގެ މި އާޔަތަކީ ކެތްތެރިވުމަށް ހިތްވަރުދޭ އާޔަތެކެވެ. މި އާޔަތުގައި ފަނާވެދަނިވި އެއްޗެހީގެ ވާހަކައާއި ދެމިހުންނާނޭ އެއްޗެހީގެ ވާހަކަ އައިސްފައި ވެއެވެ. ބުއްދިވެރިޔަކީ ފަނާވަނިވި އެއްޗިއްސާއި ކަންކަމަށްވުރެ، ދެމިހުންނާނޭ އެއްޗިއްސާއި ކަންކަމަށް އިސްކަންދޭ މީހާއެވެ.
މި އާޔަތުގެ ތަފްސީރުގައި السَّعْدِيُ ވިދާޅުވެފައިވެއެވެ. [سُورَةُ النَّحْلގެ މި އާޔަތާ، އަޢްލާ ސޫރަތުގެ ނިމޭކޮޅުގައި ހުރި އާޔަތްތަކާ އެއްގޮތް ކަމެއް އެބަ ހުއްޓެވެ. މި ދެ އާޔަތުން ވެސް ދުނިޔެއާ މެދު ޒުހުދުވެރިވުމަށް ހިތްވަރުލިބެއެވެ.] އަޢްލާ ސޫރަތުގެ ނިމޭކޮޅުގައި ހުރި އާޔަތްތަކަކީ: ﴿بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا(١٦) وَالْآخِرَةُ خَيْرٌ وَأَبْقَىٰ(١٧)﴾ (الأعلى:) މާނައީ: [އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެން ވާ ޙާލުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.]
މުޞީބާތްތައް ކުރިމަތިވާ ހިނދު ކީރިތި ޤުރުއާން ކިޔަވައި އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރުމަކީ ހިތަށް ތަސައްލީ ލިބޭނޭ ކަމެކެވެ.
(މިއީ މުޙައްމަދު މަޢޫން ޝަރީފް "ދީނުގެމަގު" މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.)