ރ. އަތޮޅުގެ އާބާދީ ބޮޑު ދެ ރަށް ކަމަށްވާ އުނގޫފާރާއި ދުވާފަރާ ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ސީދާ ދަތުރުތައް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ހާމަކުރި ގޮތުގައި، މިއީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގެ ފެރީ ނެޓްވޯރކަށް ގެނެވުނު މުހިންމު ބަދަލެކެވެ. މި އައު ރޫޓު ތަޢާރަފްކުރަން ނިންމީ ދުވާފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި، އެ ރަށާއި އަތޮޅު ވެރިކަން ކުރާ ރަށް އުނގޫފާރާ ދެމެދު ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ މަގުސަދުގައެވެ.
މާދަމާއިން ފެށިގެން މި އައު ރޫޓުގެ ދަތުރުތައް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. މި ރޫޓުގައި ދަތުރުތައް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ 6 ދުވަހަކުއެވެ.
މި ދަތުރުތަކަށް ޚާއްޞަކޮށްފައިވަނީ 25 ފަސިންޖަރުންގެ ޖާގައިގެ ޒަމާނީ ފެރީއެކެވެ. މީގެ އިތުރުން، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން، ކޮންމެ ފެރީއަކުން 2 ސީޓު އެފަދަ ފަރާތްތަކަށް ވަނީ ޚާއްޞަކުރެވިފައެވެ.
މި އައު ރޫޓުގެ ސަބަބުން އުނގޫފާރާއި ދުވާފަރާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުވެ، ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ބޮޑުތަނުން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.