ކުރިން މިކަން ހަނދާންކޮށްދެނީ ރަމަޟާންމަސް ނިމުމުންނެވެ. މިއަހަރު މިހަނޑާންކޮށްދެނީ ރަމަޟާން މަސް ފެށުމުގެ ކުރިންނެވެ. އެއީ މިހާރުން ފެށިގެން ނިޔަތްގަނެ ދުޢާކުރުމަށްޓަކައެވެ. ރަމަޟާން މަހުވެސް ދުޢާކުރަމުން ގެންދިއުމަށްޓަކައެވެ.
އެކަމަކީ ރަމަޟާން މަސް ނިމުމުން އަޅުކަންކުރަން ކަންނެތްވެ އަޅުކަމާއި ދުރުހެލިވާ މީހަކު ކަމުގައި ނުލެއްވެވުމެވެ. ދުޢާކުރަންވީ އެކަމަށެވެ. ތިބާގެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވައިފިނަމަ ކޮންފަދަ ހެއްޔެވެ؟
ގުޅުންހުރި ލިޔުން-:
ބައެއް ދުވަސްތަކުގައި އަޅުކަންކުރަން ކަންނެތްވެ ފޫހިވާ މީހުން ތިބެއެވެ. ޚާއްޞަކޮށް ރަމަޟާންމަހަށްފަހު އަޅުކަންކުރަން ފޫހިވެ ނުކުރެވޭ މީހުން ތިބެއެވެ.
ވިސްނައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަޅުކަމަކީ އެއީ ކިތަންމެ ކުޑަކުޑަ އަޅުކަމެއް ނަމަވެސް ޤަވާއިދުން ކުރެވޭ އަޅުކަމެވެ. ވީމާ އެއްދުވަހު ކުރާހިތް ކުޑަވެފައި އަނެއްދުވަހު ކަންނެތްވެފައި އަނެއް ދުވަހު ފޫހިވެގެން ކަމުދާކަށް ނެތެއް ނޫންހެއްޔެވެ؟
އަޅުކަންތައް ކުރުންމަތީ ޘާބިތު ކޮށްދެއްވުން އެދި ދުޢާ ދަންނަވަންވާނެއެވެ. (ފޫހިނުވެ ކަންނެތްނުވެ އަޅުކަންކުރުންމަތީގައި ދެމިތިބޭ މީހުންވެސް ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދަންވާނެއެވެ.)
ރަމަޟާންމަހު އެންމެންވެސް އަޅުކަމުގައި ހީވާގިވެއެވެ. ރޯދަހިފައި، ޤުރުއާން ކިޔަވައި، ފަރުޟު ނަމާދަށް ރައްކާތެރިވެ، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތާއި، ރޭއަޅުކަންކޮށް، ޞަދަޤާތްދީ ހަދައެވެ. ދުލާއި ލޮލާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން އުޅެއެވެ. ނަމަވެސް ރަމަޟާންމަސް ނިމުމާއި އެކީ މިކަންކަން ހުއްޓާލާ، ނުވަތަ ފަރުވާކުޑަކުރާތަން ފެނެއެވެ. މާނައަކީ ގިނަބަޔަކަށް ރަމަޟާންމަހަށް ފަހުގައި އަޅުކަމުގައި ޘާބިތުނުވެވެއެވެ. އެހެންކަމުން އަޅުކަން އަދާކުރުމުގައި ޘާބިތުކަންދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
މިގޮތުން އަންނަނިވި ދުޢާފަދަ ދުޢާތައް ގިނަގިނައިން ކުރެވިދާނެއެވެ.
﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا ﴾ [آل عمران: 8]
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!".
އަދި މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.
((اللَّهمَّ يا مقلِّبَ القلوبِ، ثبِّتْ قلبي على دينِك))
މާނައީ: "އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީންމަތީ ޘާބިތުކޮށްދެއްވާދޭވެ".
- މަޢްލޫމާތު: ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން