ﷲ ތަޢާލާއަށާ ރަސޫލް ޞޢޥ) އަށް ލޯބިވާކަން ދައްކަން ކުރަންވީ ކޮންކަމެއް؟
މިސުވާލުމިކުރީ މިސްކިތުގެ ޖަމާޢަތުން އެއްގޮތަކަށްވެސް ނުފެންނަ އަދި ދީނުގެ ޙުކުމްތަކަށް ޢަމަލުވެސް ނުކުރާ ބައެއް މީހުން، އެމީހުންނަކީ އިސްލާމް ދީނަށް ލޯބިކުރާ، ދީން މަތިވެރިކުރަން މަސައްކަތްކުރާ ބައަކު ކަމަށް ބުނެ ދީނުގެ ނަޞީޙަތްދޭތީއެވެ.
ކިޔުންތެރިޔާ ތިއަކުރައްވާ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ
ރަސޫލާ (ﷺ) ދެކެ ލޯބިން ކުރަން އޮތް އެންމެ ފުރަތަމަ ކަމަކީ އެކަލޭގެފާނު ގެންނެވި ކަންކަން ބަލައިގަނެ ޢަމަލުކުރުމެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރުމެވެ.
"އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ބަންގިގޮވީމާ (ފިރިހެނުން) މިސްކިތަށްގޮސް ޖަމާޢަތުގަ ނަމާދުކުރުން. އަނބިދަރިން ޤުރްއާނުގައިވާ މިންވަރަށް އަޢުރަ ނިވާކުރުވުން. މިދެކަންތައް ނުކޮށް ހުންނަ މީހަކު ތިމަންނާ ރަސޫލް (ﷺ) ދެކެ ލޯބިވާކަމަށް ބުނުމަކުން އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން."
ރަސޫލް (ﷺ) ދެކެ އެންމެ ބޮޑަށް ލޯބިފުޅުވާނީ ޞަޙާބީންނެވެ. ނަމަވެސް ރަސޫލް (ﷺ) ގެ ޙަޔާތްޕުޅުގައިވެސް އަދި ޞަޙާބީންގެ ޒަމާނުގައިވެސް ރަސޫލް (ﷺ) ގެ އުފަން ދުވަސް ފާހަގަކުރައްވަވާފައެއް ނުވެއެވެ. އެހެންކަމުން އެކަމަކީ ރަސޫލް (ﷺ) ދެކެ ލޯބިން އެއްވެސް މީހަކު ކުރަން އޮތް ކަމެއް ނޫނެވެ.
ކީރިތިނ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢީދު މީލާދު ފާހަގަކުރުމާއި ބެހޭ ގޮތުން އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ކީރިތި
ރަސޫލާ ﷺ ގެ ޢީދުމީލާދު ފާހަގަކުރަން ފެށީ ހިޖުރައިން ހަތަރުވަނަ ޤަރުނުގައި ޝީޢީ މަޛްހަބުގެ މީހުންކަމުގައިވާ (އަލްފާޠިމިއްޔޫން) އެވެ.
ބިދުޢަވެރި އެޢަމަލަކީ ކީރިތި ރަސޫލާ ﷺ ގެ ދޫފުޅުން މާތްކަމުގައި އައިސްފައިވާ ތިން ޤަރުނުކަމުގައިވާ ޞަޙާބީބޭކަލުންގެ ޤަރުނާއި، ތާބިޢީބޭކަލުންގެ ޤަރުނާއި، ތަބަޢަތާބިޢީންގެ ޤަރުނުގެ ބޭކަލުން ކުރެއްވި ކަމެއްނޫނެވެ.
އެބޭކަލުންނީ އުއްމަތުގެ އެންމެ މާތް ބޭކަލުން. ކީރިތި ރަސޫލާ ﷺ އަށާއި އިސްލާމްދީނަށް ޖާނާއި މާލުން ޤުރުބާންވީ ބޭކަލުންނެވެ. އެކަމުގައި އެއްވެސް ހެވެއް އޮތްނަމަ، އެބޭކަލުން އެކަމަށް އަވަސްވެގަތީހެވެ.
ރަސޫލް ﷺ ދެދެކެ ލޯބިވާން ފުރަތަމަ ކުރަން އޮތްކަމަކީ ޖަމާޢަތުގަ ނަމާދުކުރުމާ، ހުކުރަށް ދިއުމާ ޢީދުނަމާދަށް ދިއުމާ ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރުމެވެ."
- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ އިސް އިމާމް
"ދީނުގެ ޙުކުމްތައް ބިނާވަނީ ހަވާނަފްސުގެ މައްޗަކަށްނޫން! ދީނުގެ ޙުކުމްތައް ބިނާވަނީ ދަލީލުގެ މައްޗަށް. ޙައްގު ކަމުގައި ދަޢްވާކުރާ ނަމަ އިސްލާމީ ޝަރީޢަތުގެ މަޞްދަރަކުން ދަލީލެއް ދައްކަންޖެހޭ."
ބަންގިގޮވުމުން ޢިޖާބަދިނުމަށް އަވަސްވެގަނެ މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމަކީ އެމީހަކު ﷲ ތަޢަލާއަށް ކިޔަމަންތެރިކަން އަދާކުރާކަމާއި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވާކަން ދައްކަން ފުރަތަމަ ކުރަން އޮތް ކަންތަކެވެ. އެހެނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެންމެ ބޮޑަށް އިސްކަންދެއްވެވީ އެކަމަށެވެ.
ޤުރްއާނުގައިވާ މިންވަރަށް އަނބިދަރިންގެ އަޢުރަ ނިވާކުރުވުމަކީ ތިމާގެ އަނބިދަރިންނަކީ މުސްލިމުންކަން ދައްކަންވެސް ކުރަންޖެހޭނެ ކަމެކެވެ.
ދީނުގައި ކުރަން ނެތް ކަންކަން އުފައްދައިގެން އަޅުކަމުގެ ގޮތުގައިކުރުމަކީ ބިދުޢައެވެ. އެއީ ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ.
ދަލީލް:
ޞަޙާބީންގެ ޒަމާނުގައި އެއްދުވަހަކު މިސްކިތަށް އަރައި ޖަމާޢަތްހަދައިގެން ތިބެ ރީތި ރާގުތަކަށް ޝަހާދަތް ކިޔަން ފެށުމުން ޞަޙާބީ ބޭކަލަކު ވަޑައިގެން އެކަން އެގޮތަށް ކުރުން މަނާކުރެއްވެވިއެވެ. އެއީ އެމީހުން ﷲ ތަޢާލާއަށް ލޯބިން ކުރާ ކަމެއް ކަމަށް ދެންނެވުމުންވެސް ވިދާޅުވީ "ތިއައީ (ރަސޫލް (ﷺ) ގެ ޙަޔާތްޕުޅުގައި) އަޅުކަމުގެ ގޮތުން ކޮށްއުޅުނު ކަމެއް ނޫން" ކަމަށެވެ.
- މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް މުޙައްމަދު ލަޠީފް