ހެޔޮލަފާ ޞާލިޙް އަންތބެއް ހޯދަން އަންގަވާފަ އޮތީމާ ތަޤްވާވެރިކަމެއް ނެތް ރީތި އަންހެނަކާ ކައިވެނިކުރީމާ ދެންވާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ހެޔޮލަފާ ޞާލިޙް އަންތބެއް ހޯދަން އަންގަވާފަ އޮތީމާ ތަޤްވާވެރިކަމެއް ނެތް ރީތި އަންހެނަކާ ކައިވެނިކުރީމާ ދެންވާނީ ކިހިނެއްތަ؟

ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ދުނިޔޭގައި ކިތަންމެ ރީތި މީހަކަށްވެސް މަޙްޝަރު ދުވަހު އެއްވެސް ރީތިކަމެއް ލިބެން އޮތީ، މޫނު އުޖާލާވާން އޮތީ، ކަނުކަމުން ސަލާމަތްވެވި ލޮލަށް ފެންނަ މީހަކު ކަމުގައި ވެވެން އޮތީ ތަޤްވާވެރިކަމުންނެވެ. ޞާލިޙް ޢަމަލުތައް ކުރިވަރަކުންނެވެ. އެކަމުން އެނގެނީ ދުނިޔޭގައި ދެއްވަވާ ރީތިކަމުގެ އެއްވެސް ފައިދާއެއް ނެތްކަމެވެ.  

މި ޙަދީޘްފުޅަށް ވިސްނައިލާށެވެ!  

عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ

1467 صحيح مسلم كتاب الرضاع باب خير متاع الدنيا المرأة الصالحة 

Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said, “The world is enjoyment and the best enjoyment in the world is a righteous wife.”

Source: Ṣaḥīḥ Muslim 1467

Grade: Sahih (authentic) according to Muslim  

"ދުނިޔެއަކީ އުފާކުރަނިވި ތަނެކެވެ. ދަންނާށެވެ! ދުނިޔެއިން ތިމާއަށް ލިބޭނެ އެންމެ ހެޔޮ ނިޢްމަތަކީ ޞާލިޙް އަންހެނެކެވެ. (ޢަންތބެކެވެ.)" މިއީ މާތްﷲ ރުއްސުން ލެއްވެވި ޢަބްދުﷲ އިބްނި ޢުމަރުގެ އަރިއަހުން ޞަހީޙް މުސްލިމްގައި ބަޔާން ކުރައްވާފައިވާ ޙަދިޘް ބަސްފުޅެކެވެ. 

މިހާރަކަށް އައިސް ކައިވެނި ކުރުމުގައި ގިނަ ބައަކު މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދޭތަނެއް ނުފެއެވެ. ބަލާތަން ފެންނަނީ ބޭރުފުށުގެ ސިފައަށާއި ތަނަވަސްކަން ފަދަ ކަންކަމަށް ކަމުގައި ފާހަގަ ކުރެވެއެވެ.  

ބަލައިލަން ރީތި އަންތބަކު ލިބިއްޖެނަމަ ލޮލަށް ހިތްހަމަޖެހުން ލިބިދާނެއެވެ. ނަމަވެސް އެ އަންހެނަކީ ޞާލިޙް، ތަޤްވާވެރިއަކަށްނުވާނަމަ ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ސިކުނޑިއަށް ލިބެންޖެހޭ ހަމަޖެހުމެއް ވެސް ނުލިބޭނެއެވެ. ހަމައެފަދައިން ތަނަވަސްކަން ހުރި އަންހެނަކު އިޚްތިޔާރުކުރާއިރު އޭނާއަކީ ޞާލިޙް، ތަޤްވާވެރިއަކަށް ނުވެއްޖެނަމަ ގިނަ ފަހަރު ދިރިއުޅުން ވާނީ ގަދަގަނޑަކަށް ޣަރަޤްވެ ރާޅުތަކުގެ ތެރޭގައި ފަތަން ޖެހުން ފަދަ ކަމަކަށެވެ.  

މިކަންކަމަކީ ދުނިޔެއިން ފެނި ތަޖުރިބާ ކުރެވެމުން އަންނަ ކަންކަމެވެ. ހިތާމައަކީ ކިތަންމެ ގިނައިން ފެނި ތަޖުރިބާކުރަން ޖެހުނު ނަމަވެސް އެކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.  

މިޙަދީޘްފުޅުގައި ބަޔާން ކުރައްވަވާފައި އެވަނީ އަނބިމީހާގެ ވާހަކަ ނަމަވެސް  ފިރިއަކު އިޚްތިޔާރުކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. ބޭރުފުށުގެ ސިފައަށާއި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ ކަންތައްތައް ދާނީ ހަމަ މިގޮތްތަށް މެދުވެރިވަމުންނެވެ. އެކަން އެންމެންނަށްވެސް އެނގޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަރީގެ މައްސަލަތައް މިހައި ބޮޑަށް އިތުރުވަމުން މިދަނީ މިފަދަ ޙަދީޘްފުޅުތަކަށް ހަމަ އަމަލުނުކުރޭވޭތީއެވެ. ރަސޫލް (ﷺ) ބަޔާންކޮށްދެއްވަވާފައިވާ މިފަދަ ކޮންމެ ކަމަކީ ވެސް ހަމަ ﷲ ތަޢާލާގެ އެންގެވުންތަކެވެ. ވީމާ އަހަރެމެންނަށް ކޮންމެ ކަމެއްގައިވެސް އޮތީ ހަމަ ﷲ ތަޢާލާއަށް ކިޔަމންތެރިކަން އަދާކުރުމެވެ.

ދެން މިކިޔައިދެނީ މިދެއްކި ވާހަކަތަކަށް ބާރުލިބިގެންދާ ވާހަކައެކެވެ. އަންހެނަކު އޭނާގެ ޒަވާޖީ ހަޔާތުގެ ވާހަކަ ކިޔައިދެމުން ބުނެފައިވެއެވެ.  

"އަހަރެން ފުރަތަމަ ކައިވެނި ކުރީ ރަށުގެ އެންމެ ތަނަވަސް ފިރިހެނުންގެ ތެރޭގައި ހިމެނޭ މީހަކާއިއެވެ. އެއީ ތަނަވަސް މީހެކެވެ. ނަމަވެސް ތަޤްވާވެރިކަމުގެ ސިފަ އެއްވެސް ވަރަކަށް ހުރި މީހެއް ނޫނެވެ. 2 ދަރިން ލިބުނު ފަހުން ވަރިވާން ޖެހުނީ ހިތަށާއި ސިކުނޑިއަށް ހަމަ އެއްވެސް ހަމަޖެހުމެއް ނުލިބިގެންނެވެ. ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހުނު ކަންތައްތަކަށް ކެތް ނުކުރެވިގެންނެވެ. 

މިހާރު ކައިވެނިކޮށްގެން މިއުޅެނީ ވަރަށް ކުޑަ މުސާރައެއް ލިބޭ މީހަކާއިއެވެ. ދިރިއުޅުމުގެ ކަންކަން އަސާސީ ފެންވަރުގައިވެސް ފުއްދައިލެވެނީ މަދު މަހެއްގައެވެ. އެއިރު ހެދުން ލައި އުޅުނީ އެންމެ އަގު ބޮޑު ފޮތިންނެވެ. މިހާރު މިލަނީ ވަރަށް އާދައިގެ ފޭރާމެވެ. ފޮތިމަތީ ފޮތި އަޅައިގެންވެސް އެބަލަމެވެ. ނަމަވެސް މިހާރުގެ ފިރިމީހާއަކީ ވަރަށް ތަޤްވާވެރި ހެޔޮ ލަފާ މީހަކަށްވުމުން ހިތުގައި ޕެޗްއަޅާކަށް ނުޖެހެއެވެ. ބޭރުފުށުން ރީތިވެފައި އެތެރޭގައި އޮންނަ ހިތުގައި ޕެޗްއަޅައިގެން އުޅެން ޖެހުމުން އެކަމުގެ ވޭން މާބޮޑެވެ. އެހެންކަމުން ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ."    

މިފަދަ ކިތަންމެ ހާދިސާތަކެއް ތިއައިން ކޮންމެ މީހަކަށް ވެސް އެނގިފައިވާނެއެވެ. ކިތަންމެ ރައްޓެއްސަކަށް ކުރިމަތިވެފައިވާނެއެވެ. އަދި މިތަނުގައި ތިބި ބައެއް މީހުންނަކީ މިކަން އަމިއްލައަށް ތަޖުރިބާ ކުރެވިފައިވާ ބައަކަށްވެސް ވެދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން