ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތަކާ އެހެން މައްސަލަތައް ޙައްލުކުރަންވެސް އެންމެ ފައިދާބޮޑު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތަކާ އެހެން މައްސަލަތައް ޙައްލުކުރަންވެސް އެންމެ ފައިދާބޮޑު ގޮތް-

ކަންކަން ކުރިމަތިވުމުން ކުއްލިއަކަށް ވިސްނޭ ގޮތަށް ޢަމަލުކުރުމަކީ އެންމެ ގިނަބައަކަށް ބޮޑެތި ދެރަތައް ލިބޭ އެންމެ ބޮޑު ސަބަބެވެ. އެގޮތަށް އެކަން މެދުވެރިވަނީ އެވަޤުތު އެލިބޭ ވިސްނުން ގިނަފަހަރު ލިބޭނީ ޝައިޠޯނާގެ ކިބައިން ކަމަށްވާތީއެވެ.  

ކަމަކާއިމެދު ހާސްވެ ކަންބޮޑުވާންޖެހިއްޖެނަމަ އަދި ކުއްލި މައްސަލައެއް ކުރިމަތިވިޔަސް  ތެޅިފޮޅިނުގަނެ ހަމަޖެހިލާށެވެ! މަޑުކޮށްލާށެވެ! ހަމަ އެންމެ ސުވާލެއްގެ ޖަވާބު ހޯދަން މަސައްކަތްކުރާށެވެ!  

އެސުވާލަކީ "މިކަން ޙައްލުކުރަން ނުވަތަ މިކަމަށް ޙައްލު ހޯދަން ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ގޮތަށް އަހުރެންނަށް ކުރެވޭނީ ކޮންކަމެއްބާވައެވެ! ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނީ ކޮންކަމެއް ކޮންގޮތަކަށް ކުރިއްޔާބާވައެވެ!" މިއީ ދެޢިބާރާތެއް ނަމަވެސް ދާދި އެއް ވާހަކައެކެވެ.   

އަހުރެންނަކީ ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ގޮތަށް ކުރަން މަސައްކަތްކުރާ މީހަކީމެވެ. އެހެންވެ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ޢަމަލުކުރުމުގެ ކުރިން (ފިޔަވަޅު އެޅުމުގެ ކުރިން) މިސުވާލު އުފައްދަމެވެ. ކެތްތެރިވެލުމުން ވިސްނޭ ގޮތަށް ކަންކަން ކުރުމުން ކާމިޔާބުވެސްވެއެވެ. އިން ޝާ ﷲ  

އަހުރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައި ބުނަމެވެ. ދިރިއޅެމުން އަންނައިރު ދެމަފިރިންގެ މެދުގައި މައްސަލަތައް އުފެދުމުންވެސް ފިޔަވަޅެއް އެޅުމުގެ ކުރިން މިފަދައިން ވިސްނައި ކެތްތެރިވެލައިފިނަމަ މައްސަލަ ޙައްލުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ. ވަރިފަށަށް އަރަން ޢަމުދުން ނުވެސް ޖެހޭނެއެވެ. އިން ޝާ ﷲ  

މިހެން މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. މީޘާލަކަށް ދަރިންގެ ޒިންމާ އުފުލުމުން ނުރެކެވޭނެ ކަމާއި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަމާއި އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެގެންކަމާއި ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަމަކީ ވަރިކަން ވިސްނުމުން ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ވަރިކުރާނީ ނުވަތަ ވަރިވާނީ ކާކުހެއްޔެވެ؟  

ވީމާ މިބުނިމަގުން ސުވާލުއުފެއްދުމަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށް އަހުރެން ދެކެމެވެ. ދެން ބުނެލަން ބޭނުންވަނީ އަހުރެން ފަދައިން މިމަގުން ވިސްނައިލުމަށްފަހު ކަންކަން ކުރަންފެށުމުން އަންނަ ބަދަލެއްވެސް ނިކަން ދެކިބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން