1- ދެ ޖިމާޢުގެ ދެމެދުގައި ވުޟޫކުރުން:
ފިރިހެނަކު އޭނާގެ އަނބިމީހާއާއިއެކު ޖިމާޢުވެ، ދެވަނަ ފަހަރަށްވެސް ޖިމާޢުވާން އެދޭނަމަ އެދެމެދުގައި ވުޟޫކުރަންޖެހޭކަން ރަސޫލާ صلى الله عليه و سلم ގެ މި ބަސްފުޅުން ދޭހަވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
((إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ [بَيْنَهُمَا وُضُوءًا](و في رواية: وُضُوءَهُ لِلصَّلَاةِ) [فَإِنَّه أَنْشَطُ فِيْ العَوْدِ ]))
މާނައީ: "ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަނބިމީހާއާއިއެކު ޖިމާޢުވުމަށްފަހު، އަނެއްކާވެސް ޖިމާޢުވާން ޤަސްދުކޮށްފިނަމަ އެދެމެދުގައި ވުޟޫކުރާހުށިކަމެވެ. އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ހަމަކަށަވަރުން އެއީ އަލުން ޖިމާޢުވުމަށްވާ ތާޒާކަމާއި ހީވާގިކަމެކެވެ."
(މިޙަދިޘްފުޅުން އެނގިގެންދަނީ ދެ ޖުނުބު ނުވަތަ ދެ ޖިމާޢޫވުން ދެމެދުގައި ހިނައިގަތުމަކީ ތާޒާކަން ލިބި ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރުވެގެންދާނެ ކަމެއްކަމެވެ.)
2- ހިނައިގަތުމަކީ އެންމެ މޮޅުއިތުރުވެގެންވާގޮތް:
ވުޟޫކުރުމަށްވުރެ މޮޅުއިތުރުވެގެންވަނީ ހިނައިގަތުމެވެ. އަބޫ ރާފިޢުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ.
((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ طَافَ ذَاتَ يَوْمٍ عَلَى نِسَائِهِ ، يَغْتَسِلُ عِنْدَ هَذِهِ ، وَعِنْدَ هَذِهِ ، قَالَ: فَقُلْتُ لَهُ: يَا رَسُولَ اللَّهِ! أَلَا تَجْعَلُهُ غُسْلًا وَاحِدًا ؟ قَالَ: هَذَا أَزْكَى وَأَطْيَبُ وَأَطْهَر))
މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه و سلم އެއްދުވަހެއްގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުގައި އެއްދާންކޮށް، ކޮންމެ އަނބިކަނބަލެއްގެ ގެކޮޅުގައި ހިނައިވަޑައިގަންނަވަމުން ގެންދެވިއެވެ. އަބޫ ރާފިޢު ވިދާޅުވިއެވެ. ފަހެ ތިމަން އެކަލޭގެފާނަށް ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ހުރިހާ ހިނައިގަތުމެއް އެއް ހިނައިގަތުމަކަށް ނަހައްދަވަނީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” މިގޮތް މޮޅުއިތުރުވެފައި، ރިވެތިވެ، ޠާހިރުކަން ބޮޑުވެގެންވެއެވެ. “
(ނުނިމޭ)
- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން
- ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- (6):