ކޮންމެ މީހެއްގެވެސް މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާނެއެވެ. މަރުވާ މީހާއަށް އެވަގުތު މަލާއިކަތާ ފެންނާނެއެވެ. މުޅި ކައުނު ފުރުއްވާލައްވަވާފައި ވަނިކޮށެވެ! ހުންނަވާނީ ހުދު ހެދުނަކޮޅެއްގައެވެ. އެއީ ދުނިޔޭގައި އިންސާނާ އާއި ބައްދަލުވާނެ އެންމެ ކަންބޮޑުވާންޖެހޭ ވަގުތެވެ! އެ ވަގުތުކޮޅަކީ އެމީހަކު ދުނިޔޭގައި އޮތް ނަމަވެސް ނުވަތަ ދުނިޔޭގައި ހުރި ނަމަވެސް އެމީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާ ވަގުތެވެ. ފެންނަ އެއްވެސް ކަމަކާއި ހިނގާ އެއްވެސް ކަމެއްގެ އެއްވެސް ވާހަކައެއް އެމީހަކަށް ނުދެއްކޭނެއެވެ.
މައްޔިތާ ގެންގޮސް ކައްވަޅުގައި ވަޅުލެވޭ އިރަށް ބިންގަނޑު އެމީހަކު ފިއްތައިލާނެއެވެ. އެފަރާތުގައި ހުންނަ ކަށިތައް އަނެއް ފަރާތުން ނުކުންނަހައި ބާރުމިނުގައެވެ. މިގޮތަށް ފިއަތައިލެވޭނީ ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! ރަސޫލް (ﷺ)ގެ ޙަދިޘްފުޅުތަކުން އެނގެނީ އެކަން އެގޮތަށް ހިނގާނެ ކަމެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކައަވްޅުގައި ސުވާލުކުރެވޭނީ އެކަން ހިނގުމަށްފަހުގައެވެ.
މިފަދަ ވާހަކަތައް ދައްކާއިރަށް އެއް ބައަކު މިބުނަނީ ތިއައީ ދެން ދައްކަން ކޮން ވާހަކައެއް ހެއްޔެވެ؟ ތިއަ ފަދަކަންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެހެން އެބުނަނީ އާޚިރަތް އޮތްކަމާއި މި މުޞީބާތްތައް ކުރިމަތިވާނެ ކަމަށް ޤަބޫލު ނުކުރާ މީހުންނެވެ. އާޚިރަތް އަންނާނެކަން ޤަބޫލު ނުކުރި މީހުންނަށް (މަރުވެފައިވާ) މީހުންނަށް މިހާރު އެވަނީ އާޚިރަތް އައިސްފައެވެ. އާޚިރަތުގެ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ ކޮންފަދަ ބޮޑެތި މޮޔައިން ހެއްޔެވެ؟ ކުރިމަތިލާން ޖެހިފައި އެވަނީ ކޮންފަދަ ބޮޑެތި ބިރުވެރި ކަންކަމާއި ހެއްޔެވެ؟ އެފަދަ ބޮޑެތި މޮޔައިންނަށްވެ އަމިއްލައަށް ގަދަފަދަ އަޛާބުގެ ތެރެއަށް ވެއްޓި ނުގަންނާށެވެ!
ޤިޔާމަތްވާން ހިނގާނެ ކަންކަން އޮޅުންފިލުވަން ގިނަބައަކު އުޅެއެވެ. އެއިގެތެރެއިން އެއްބައަކު ހެޔޮ ޢަމަލުކޮށް ޤިޔާމަތްދުވަހާއި ކުރިމަތިލާން ތައްޔާރެއް ނުވެއެވެ. އެހެން ތިއްބައި އެބަ މިދުނިޔެ ދޫކުރަންޖެހެއެވެ. މަރުގެ މަލާއިކަތާ އެމީހާގެ ލޮލަށް ފެންނަ ހިސާބުން އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ. ވީމާ މަރަށް ތައްޔާރުނުވާ މީހާ ހޯދާ ޤިޔާމަތްވުމުގެ ޢާލާމާތްތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- މުފްތީ މެންކްގެ ދަރުސަކުން