ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު ދެމީހުންވެސް ދެކެން ޖެހޭނީ މިއީ އެކެއްގެ ގޮތުގައެވެ. އެކަކު ފުރިހަމަވާނީ ދެވަނަ މީހާއާއިވެސް އެކުގައިކަމެވެ. އެކަކު ނެތިއްޖެ ނަމަ ގައިގެ އެއްފަޅި ަމދުވީ ކަމަށެވެ.
ދެން ވިސްނައިލާށެވެ. އެކަކު އަނެކަކު ނިކަމެތިކޮށް، ދެރަކޮށް ހިތުގައި ޖެއްސުވުމަކީ ދެމީހުންކުރެ އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ އަމަލުތައް ކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަންކަން ކުރުމަކީ އެމީހަކަށް ހުރިހާ ގޮތަކުންވެސް މުޞީބާތްތައް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމަށްވާއިރު މިފަދަ ޙާލަތަކަށް އަމިއްލައަށް ވެއްޓިގަތުމަކީ އެމީހެއްގެ ޖާހިލުކަން ހާމަވެގެންދާ ދެވަނަ ސަބަބެވެ.
ވީމާ ފިރިން ކަމުގައިވީނަމަވެސް އަދި އަނބިން ކަމުގައިވީނަމަވެސް ހަޔާތުގެ ބައިވެރިޔާއަށް އޯގާތެރިވާށެވެ! ހިތުގައި ޖެއްސުމާއި އަނިޔާވެރިވުމާއި އަނިޔާކުރުން ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެބާވަތުގެ ކަންކަން ކުރާނަމަ ދެމީހުންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ. އަދި ވަރި ގިނަވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.
ޙަޔާތުގެ ބައިވެރިޔާ ނިކަމެތިކޮށްލައި، ބައިވެރިޔާއަށް ނިކަމެތިކޮށް ހިތައި އަދި ހަރުކަށި އަމަލުކުރުމަކީ ޖާހިލުންގެ ސިފައެކެވެ. ބައެއް މީހުން އެކަން ކުރަނީ އެމީހުންގެ ބާރުގަދަކަން ދެއްކުމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އެމީހަކަށް ލިބޭނީ އިތުރު ނިކަމެތި ކަމެވެ. އެންމެންނަށް ހާމަވެ އެނގިގެންދަނީ ވެސް އެމީހެއްގެ ނިކަމެތި ކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން