މުސްލިމުންނަކީ އެހެން މީހެއްގެ ރުހުން ހޯދަން ކަންކަން ކުރަން ޖެހޭނެ ބައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
މުސްލިމުންނަކީ އެހެން މީހެއްގެ ރުހުން ހޯދަން ކަންކަން ކުރަން ޖެހޭނެ ބައެއް ނޫން!

އަޅުގަނޑުމެންގެ ތެރޭގައި އެހެން މީހުން ދެކެ ބިރުގަންނަ މީހުން ވަރަށް ގިނައެވެ. ބިރުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި އެމީހުން ރުހޭނެ ގޮތަށް ކަންކަން ކުރެވޭ މީހުން ބައިވަރެވެ. އެފަދަ ބީހުން ބިލާލް އައްސަދުގެ މިބަސްފުޅުތަކަށް ވިސްނަވައިލެއްވުން ވަރަށް މުހިންމެވެ 

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުން ކޮންމެ މީހަކާއިމެދުގައިވެސް ކަންކަން ކުރަންވާނީ ވީހާ ރަނގަޅަކަށެވެ. ޚާއްޞަކޮށް އެމީހަކު ބަލަހައްޓަންޖެހޭ މީހުންނާއިމެދު ކަންކަން ކުރަންވާނީ ވަރަށް ރަނގަޅަށެވެ. ފިރިން، އަނބިން، ދަރިން، މައިންބަފައިން އަދި ޢާއިލާގެ މީހުންނާއި ޢާންމުކޮށް އެންމެންނާއިމެދުގައިވެސްމެއެވެ.  

ހަމައެފަދައިން މީހެއްގެ ވަޒީފާގައި މަސައްކަތްކުރާނަމަ މަސައްކަތްކުރަންވާނީ ވީހާރަނގަޅަކަށެވެ. މަސައްކަތްކުރުވާ ފަރާތް ހިތްހަމަޖެހޭނެ ފެންވަރަށް މަސައްކަތްކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ވަޒީފާގައި ތެދުވެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ހަމައެއާއިއެކުވެރިންނަށް އިޙްތިރާމްކުރުމަކީވެސް ކުރަންޖެހޭނެކަމެކެވެ. ކޮންމެ މީހަކަށް ވެރިއަކަށް ނުވެވޭނެއެވެ. އެހެނީ ވެރިކަމަކީވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމެކެވެ. ވެރިމީހާ ރައްޔިތުންނަށް އިޚްލާޞްތެރިވެފައި ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާނަމަ އެވެރިއަކަށް އެއްބާރުލުންދީ އަދި އެހީތެރިވުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ.  

ވިސްނާލަން އޮތް ކަމަކީ މުސްލިމުންނަކީ އެއްވެސް މީހެއްގެ ރުހުން ހޯދަން މަސައްކަތްކުރަންޖެހޭނެ ބައެއް ނޫންކަމެވެ. މުސްލިމުންނަށް އޮތީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.  

އަހުރެން މިއަދުވެސް މިކަމުގެ ދިރހުރި މިޘާލެއް ދައްކާނަމެވެ. ޣައްޒާގެ ރައްޔިތުންގެ ބޮލަށް ބޮން އަޅަމުންގެންދާއިރު ގިނ ޢާއިލާތަކެއްގެ އެންމެން އެކުގައިހެން އެދަނީ ޝަހީދުވެގެންނެވެ. އެންމެ މީހަކަށް ނަމަވެސް ސަލާމަތްވެވިއްޖެނަމަ އެމީހަކު ބުނަނީ حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ އެވެ. ތިމަންނާއަށް ހަމަ ހަމައެކަނި ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ފުދޭކަމަށެވެ. އެހެން ފަރާތަކުން އެއްވެސް އެހީތެރިކަމަކަށް ބޭނުންނުވާކަމަށެވެ.  

7 އޮކްޓޯބަރުގައި ހަނގުރާމަ ފަށައި ދޮޅުމަހެއްހައި ދުވަހުގެތެރޭގައި އެކަނިވެސް 40،000 ޓަނުގެ ބޮން އެޅިއެވެ. ޣައްޒާގެ ރައްޔިތުންގެ ޢަޤީދާ އާއި ޘާބިތުކަން ގުޑުވައިލެވުނުހެއްޔެވެ؟ އެކަން ނުވީ (ޘާބިތުކަން ގުޑުވައި ނުލެވުނީ މިބުނި ޢާޔަތުގައި އެމީހުން ޘާބިތުވެ ތިބީތީއެވެ.  

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ މިއީ އިބްރާހީމްގެފާނު އެބިޔަ ބޮޑު އަލިފާންގަނޑަށް އެއްލައިލެވުނު ވަޤުތުގައިވެސް ޘާބިތުކަން ހޯއްދެވި އާޔަތެވެ.  

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ 

"އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް އީމާން ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!"

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން