ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެކަމުން ލިބެންޖެހޭ ރޫޙާނީ ފައިދާ ނުލިބޭ ބައަކު އުޅެއެވެ. އެއިގެ ތެރެއިން އެންމެ ޢާންމު އެއްބާވަތުގެ މީހުންގެ ކިބައިން ފެންނާނެ ޢަލާމާތަކީ ރުޅިގަދަވެ ރުޅި ކޮންޓްރޯލްނުކުރެވުމެވެ.
ދަންނާށެވެ! ކަމެއް ދިމާވި ނަމަވެސް ރުޅި އިސްކުރުމަކީ އެމީހާގެ ދަހިވެތިކަމުގެ ބޮޑުކަން އަނގައިދޭ ކަމެކެވެ. ރުޅިއަކީ ހައްލު ހޯދަން މަސައްކަތްކޮށް ހައްލެއް ނުފެނުމުން އެންމެފަހުން ބޭނުންކުރަން އޮންނަ ހަތިޔާރު ކަމަށް ހަދާށެވެ. އެޙާލަތުގައިވެސް ރުޅި އަންނަން ޖެހޭނީ ހުއްދަ މިންވަރަށެވެ! އަތުންފައިން ބޮޑެތި ގޯސްތައް ހެދި، ދުލުން ނުބައިބަސްތައް ބުނެވޭ މިންވަރަކަށް ނޫނެވެ.
ވީމާ ރުޅިއަކީ ފުރަތަމަ ބޭނުންކުރާ ހަތިޔާރަށް އެއްގޮތަކަށްވެސް ހަދައިގެން ނުވާނެއެވެ. ހަމަ އެއާއިއެކު މައްސަލަތައް ޙައްލުކުރަން ބޭނުންކުރާ ހަތިޔާރަކީ އޯގާތެރިކަން ކަމުގައި ހަދައިފިނަމަ މާފަސޭހައިން ގިނަ މައްސަލަތައް ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ
ކަމެއް ދިމާވާއިރަށް ރުޅި އިސްކުރާނަމަ އެކަމުން އެނގިގެންދަނީ އެމީހަކު ނަމާދުކޮށް ރޯދަހިފައި އަދި ކީރިތި ޤްރްއާން ކިޔަވައި ޞަދަޤާތްދީ ހެދިނަމަވެސް އެކަންކަމުގެ ސަބަބުން ތިމާއަށް ލިބެން ޖެހޭ ރޫޙާނީ ފައިދާ ނުލިބޭ ކަމެވެ. އަޅުކަން ކުރުމުން ލިބެން ޖެހޭ ރޫޙާނީ ފައިދާ ލިބެމުން ނުދާނަމަ ޤަބޫލުކުރަން ޖެހޭނީ އެމީހަކު އިޞްލާޙްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމެވެ. އެކަންކަމަށް ވިސްނައި އަވަހަށް އަމަލުތައް އިޞްލާޙްކުރަން އަވަސްވެގަންނާށެވެ!
ގިނައިން އަތް އިސްކުރަނީ ފިރިހެނުންނެވެ. ފިރިހެނުންނަށް ބުނެލަން އޮތީ ހަޤީޤީ ބާރު ހުރި މީހަކު އެމީހަކަށްވުރެ ބަލިކަށި މީހަކަށް އަތް އިސްކުރުމަކީ ކުރާނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން ހެޔޮކޮށް ހިތަން ޖެހޭ މީހަކު ނިކަމެތިކޮށް ހިތުގައި ޖެއްސުމަކީވެސް ކުރާނެ ކަމެއް ނޫނެވެ.
ގިނަ ފަހަރު މިފަދަ މައްސަލަތައް ކުރިމަތިވެ އަނިޔާ ލިބެނީ އަންހެނުންނަށެވެ. ފިރިހެނުންނަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ ވަރަށް މަދުންނެވެ. މިއީ އަންހެނުންނަށްވުރެ އެތައް ގުނައަކަށް ބާރު ގަދަ ފިރިހެނުން ލަދުގަންނަން ޖެހޭނެ ކަމެކެވެ. ހަމަ އެފަދައިން އަނބިންނާއި ދަރިންގެ ބެލެނިވެރިކަމާއި ހަވާލުވެހުރި މީހެއްގެ ހައިޞިއްޔަތުންވެސް ލަދު ގަންނަން ޖެހޭނެ ކަމެކެވެ. އެފަދަ އަމަލުތައް ކުރަނީ މިފަދަ އެއްވެސް ކަމަކަށް ހޭލުންތެރިކަމެއް ނެތް މީހުންނެވެ. އެމީހުންނަކީ ޖާހިލުން ކަމަށް ބުނެވޭ އެއް ސަބަބަކީވެސް އެއީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން