ޝަހާދަތުގެ ދެކަލިމަ ތިބާއަށް ކޮށްދޭ ފައިދާތައް އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޝަހާދަތުގެ
ދެކަލިމަ ތިބާއަށް ކޮށްދޭ ފައިދާތައް އެނގޭހެއްޔެވެ؟

ޝަހާދަތުގެ ދެކަލިމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ގިނަބައަކަށް ވިސްނެނީ އެއީ ނިދަންވުމުން ކިޔާލަން އޮތް އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.

އެދެކަލިމައިން ލިބިގަނެވެން އޮތް ފައިދާތައް މާގިނައެވެ. އެހެނީ އެއީ ތިބާގެ ދުނިޔަވީ ހަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކޮށް އުޖާލާކޮށްދޭނެ އެންމެ އަލިގަދަ ދަންމަރެވެ.   

ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!   

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގަލެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ. ﷲ تَعَالَى ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ.  

ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ ގެ މާނައަކީ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން މި ކަލިމައަށް ފުރިހަމަޔަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި އެކަލާނގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. -----[1] މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ." އަދި ދެވަނަ ކަލިމަ ކަމުގައިވާ مُحَمَّدٌ رَسُوْلُ اللهِ ގެ މުރާދަކީ، މުޙައްމަދު z އީ، އިންސީންނާއި ޖިންނީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، ﷲ ގެ ޙަޟްރަތުން ފޮނުއްވި ރަސޫލާކަމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ----- މާނައީ: "އުފާވެރިކަމުގެ خَبَرُ ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خَبَرُ ދެއްވާ ބޭކަލަކު ކަމުގައި،حَقُّ ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ." 

ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެނީ، ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ މުޙައްމަދު z އަށެވެ. ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާ z ގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެއެވެ. ޝަރީޢަތުގެ މި ދެމަޞްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް ޢަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ޙަޔާތް ބައްޓަންކުރާ މީހަކަށް ވާނެއެވެ.

 

- ހުކުރު ޚުޠުބާއަކުން

 

 

މިއަދު އޮންލައިން