މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މިއަހަރު ކޮންޓެއިނަރ ސްކޭނަރެއް ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މިއަހަރު ކޮންޓެއިނަރ ސްކޭނަރެއް ގެންނަނީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދާޚިލީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ހުރިހާ އިދާރާއެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުން ކަމަށެވެ. މީގެ ސަބަބުން މަސައްކަތްތައް ވިލަރެސްކުރުމަށް ފަސޭހަވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި މައިގަނޑު ދެ ދާއިރާއަކުން މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އެއީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ދޮރުތައް ބަންދުކުރުމާއި، ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ ތަކެތި ބަލައި ފާސްކުރުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމްކޮށް ސްކްރީން ކުރި ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ސްކޭން ކުރަމުންދާ" ކަމަށެވެ.

މީގެ އިތުރުން، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ ތަކެތި ސްކޭން ކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެވޭނެ ކަމަށާއި، އެ ސްކޭނަރު އޮޕަރޭޝަނަށް ގެނައުމުން ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން