ތިމާ ކުރަން ބޭނުންވާ ހުރިހާ ކަމެއް ޙާޞިލް ނުވުމަކީ ދުނިޔޭގެ ޠަބީޢަތެވެ. ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްނުކުރެވުމުން ކޮންމެވެސް ވަރެއްގެ ހިތާމައެއް ކުރަންޖެހުމަކީ އިންސާނީ ޠަބީޢަތެވެ. އެއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަން އެންމެންވެސް ޤަބޫލުކުރަން ބޭނުންވާނެއެވެ.
ގިނަބައަކަށް ބަލައިފިނަމަ އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބެނީ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނިނުކުރެވުމުންނެވެ. އެހެންވެ އަހުރެން ސުވާލެއް ކޮށްލާނަމެވެ.
އަހުރެން ހުރިހާ އަޚުންނާއި އުޚުތުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން އިޚްލާޞްތެރިކަންމަތީގައި ދިރިއުޅެމުން އަންނަނިކޮށް ތިބާ ކައިވެނިކުރަން ބޭނުންވި މީހާ އާއި ކައިވެނި ނުކުރެވި އެހެން މީހަކާއި ކައިވެނިކުރަން ޖެހިފައިވާނަމަ ﷲ ތަޢަލާ ތިބާއަށް ދެއްވެވި ބައިވެރިޔާގެ ސަބަބުން އުފާވެރި ދިރިއުޅުމެއް ނުލިބޭ ހެއްޔެވެ؟
މިސުވާލަށް ތެދުވެރިކަމާއިއެކު ޖަވާބުދިން މީހުންގެ ތެރެއިން ވަރަށް މަދުމީހަކު ނޫނީ ބުނެފައިވަނީ ލިބުނީ އުފާވެރިކަން ކަމަށެވެ. އެކަމުން އަންގައިދެނީ ތިބާގެ ޗޮއިސްއަށްވުރެ ﷲ ތަޢާލާގެ މިންވަރުފުޅު މާފުރިހަމަކަމެވެ. އަދި ތިބާއަށް އުފާވެރި ދިރިއުޅުމެއް ލިބޭނީ ކާކާއި ކައިވެނިކޮށްގެންކަން ﷲ ތަޢަލާ މާމޮޅަށް ދެނެވޮޑިގެންވާކަމެވެ.
ތިމާ ބޭނުންވި ބައިވެރިޔާ ނުލިބުމުންވެސް އަދި ބައިވެރިއަކު ލިބުން ލަސުވުމުންވެސް ކަންބޮޑުނުވާށެވެ! އެކަންކަން އެގޮތަށް މިންވަރު ކުރައްވަވަނީ ތިމާއަށް ރަނގަޅަކަށްކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ. އެކަންކަން އެގޮތަށް މިންވަރު ކުރައްވަވަނީ ތިމާއަށް މާފައިދާހުރި ގޮތްތައް މިންވަރުކުރައްވަވަންކަން ޔަޤީންކުރާށެވެ!
ﷲ ތަޢާލާއަށް ވަކީލުކުރާ، މިންވަރުފުޅަށް ޝުކުރުވެރިވެ ކެތްތެރިވާ އަޅަކު މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން