ބައެއް ފިރިހެނުންނަށް ވިސްނިފައި އޮންނަނީ ކާތަށި އަމިއްލައަށް ދޮވެލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެއީ ތިމާގެ ޤަދަރު ކުޑަވެގެންދާ ކަމެއް ކަމަށެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް ތަފާތެވެ.
ކާތަށި އަމިއްލައަށް ދޮވެލާނަމަ އަންގައި އެދެވެނީ ތިމާ މިހުރީ އަނބިމީހާއަށް އެހީތެރިވާން ތައްޔާރަށް ކަމެވެ. ޒިންމާ ނަގައިގެން ކަންކަން ކުރަން ތައްޔާރަށް ކަމެވެ. ޚާއްޞަކޮށް އަނބިމީހާއަކީ ގޭގެ މަސައްކަތްތަކުގައި ބުރަކޮށް އުޅޭ އަންހެނަކު ނަމަ އަނބިމީހާއަށް އެދެވެނީ ވަރަށް އަގުހުރި މެސެޖެކެވެ. މީގެމާނައަކީ އަނބިމީހާ ބޭނުންވަނީ އޭނާ ތަށިދޮވެދޭންކަމަށްވާނަމަ އެކަން އޭނާއަށް ދޫކޮށްލުމުގައިވެސް މައްސަލައެއް ނެތެވެ.
މިހުންނަނީ ދެމަފިރިންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަންކަމެވެ. ޒަވާޖީ ޙަޔާތެއްގައި އެންމެ މުހިންމު ކަމަކީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކަމާއިއެކު އޮތުމެވެ.
އަދިވެސް ވިސްނައިލާށެވެ. ތިބާ ކޭތަށި ތިބާ ދޮވެލި ނަމަވެސް ކެއްކި ތެއްޔާއި ދެންހުރި ހުރިހާ އެއްޗެއް ޢާންމު ގޮތެއްގައި ދޮންނާނީ އަނބިމީހާއެވެ. އެކަން ޢޭނާ ކުރާނީ އެއްވެސް ޝަކުވާއަކާއި ނުލައި އުފަލުންނެވެ.
އެކަމަކު ރަނގަޅު ގޮތަކީ އަނބިމީހާ ކޮށްދޭ ކަންކަމަށް އަގުދިނުމެވެ. މިބުނަނީ ފައިށާދޭ ވާހަކައެއް ނޫނެވެ. ލޯބިދިނުމެވެ. އޯގާތެރިވުމެވެ. ރަޙުމްކޮށް ހެޔޮކޮށް ހިތުމެވެ. ތިމާއަށް ލިބެންޖެހޭ އުފާތައް ލިބުމުގެ އެންމެ ބޮޑުބާރަކީ އެކަންކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން