ބައެއް އަންހެނުން ލޯބިވެގެން ވަކިހިސާބަކަށް ދެވުމުން ކައިވެނިކޮށް އޭނާގެ އަންތބަކަށް ވެއެވެ. އަންތބަކު ކޮސްދޭންޖެހޭ ހުރިހާ ކަންކަން ކޮށްދޭން ފަށައެވެ. ހަމައެކަނި މަސައްކަތުގެ ގޮތަކުންވެސް ނޫނެވެ. ހުރިހާ ގޮތަކުންނެވެ.
އެއިރުން ގިނަ ފިރިހެނުން ކަންތައްކުރާ ގޮތަކީ ލަސްކުރުމެވެ. "އަދި ފަހުން" ގައި އުޅެމުން ގެންދަނީއެވެ. އެނގޭހެއްޔެވެ؟ އެގޮތަށް އެތައް އަހަރަކު އުޅެފައި ކައިވެނިނުކޮށް ގުޅުން ކަނޑައިލުމުގެ މައްސަލަތައް ކުރިމަތިވަނީ މަދަކުން ނޫނެވެ. އެކަން އެނގެނީ އެޙާލަތުގައި ކުރިމަތިވާ ހިތްދަތިކަމުން އަރައިގަންނަން ބޭނުންވެގެން ކައުންސިލިންގ ހޯދަން އަންނަ އަންހެނުންގެ ޢދަދުންނެވެ.
ލޯބިވެ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ދުވަސްތަކުގައި ކަންކަން ދިމާވާ ގޮތަކުން މަސައްކަތުގެ އެހީތެރިވެލައި ނުދޭކަށް ނުބުނަމެވެ. މިޘާލަކަށް އެއްޗެތި ދޮވެލައިދިނުން، ކާއެއްޗެއް ކައްކާލައިދިނުން ފަދަ ކަމެއް ކޮށްނުދޭކަށް ނުބުނަމެވެ. އެކަމަކު އެކަންކޮށްދޭންވެސް އޭނާ ދިރިއުޅޭ ތަނަށް ނުދާށެވެ. އަމިއްލައަށް ދިރިއުޅޭތަނުގައި ހުރެގެން ކޮށްލައިދޭށެވެ.
މިބާވަތުގެ މައްސަލަތައް ކުރިމަތިވަނީ ދީނުގައި އޮތްގޮތް ދޫކޮށްލެވޭތީއެވެ. ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކުރަން އޮތް އޮތުމަށް ޢަމަލުނުކުރެވޭތީއެވެ. ޢިއްފަތްތެރިއެއްގެ ގޮތުގައި ކައިވެނިކުރަން ދޭ ނަޞީހަތުގެ އަޑު ނުއިވޭތީއެވެ. މިފަދަ ހުރިހާ މައްސަލަތަކުގެވެސް ޙައްލަކީ އެންމެ ބޮދަށް ލޯބިވާ ފަރާތަކީ މާތް ﷲ ކަމުގައި ހެދުމެވެ. އެގޮތަށް އެކަންކުރާނަމަ މިބަޔާންކުރިފަދަ މައްސަލަތައް ކުރިމަތިވެގެން ކަރުނައަޅާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
މިކަމަށްވެސް ވިސްނައިލާށެވެ! މާތް ﷲ އަންގަވާފައިވަނީ ކައިވެނިކޮށްގެން އަންތބަކަށް ވުމަށެވެ. އެކަމަކު ތިބާ އެއެންގެވުމުގައި ކޮޅުފައިން ޖެހީއެވެ. އެހިސާބުން މާތް ﷲ ތިބާ ދޫކޮށްލެއްވެވީއެވެ. އެހެން ވެއްޖެނަމަ ލިބޭނީ ކޮން އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން