ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރާނެ ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު އަހުރެންނާއި ސުވާލުކުރެއެވެ. މަޝްވަރާކުރެއެވެ. އެމީހުން ދައްކާ ވާހަކަތައް އަހުރެން އަޑުއަހަމެވެ.
އަހުރެންނަށް ފާހަގަކުރެވުނު ގޮތުގައި ގިނަ މައްސަލަތައް ކުރިމަތިވަނީ ދެމަފިރިންގެ މެދުގައި ދައްކަންޖެހޭ ވަރަށް ވާހަކަ ނުދެއްކޭތީއެވެ. މަޝްވަރާނުކުރެވޭތީއެވެ. އަނެކާ ދައްކާ ވާހަކައަށް ސަމާލުކަންދީގެން އަޑުނުއަހާތީއެވެ.
ދެމަފިރިންގެ މެދުގައި އެކަންކަން އެގޮތަށް އޮންނަނަމަ ކުދިކުދި މައްސަލަތައް ޙައްލުނުކުރެވި ގިނަދުވަސްތަކެއް ފާއިތުވެގެންދާނެއެވެ. ޙައްލުނުކުރެވި ގިނަ ދުވަސްވުމުން އެކަންކަމަށް ފިކުރުކުރެވެމުން ގޮސް އެންމެ އާދައިގެ ކަންކަންވެސް ބޮޑެތި މައްސަލަތަކަށް ބަދަލުވެގެންދާނެއެވެ.
ދެމީހުންނަކީ ވަޒީފާއަދާކުރާ ދެމީހުންނަމަވެސް އަދި ވަޒީފާއަދާކުރަނީ ފިރިމީހާ އެކަނި ނަމަވެސް އަދި ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދެމަފިރިންގެ މެދުގައި ހުންނަ ކަންކަން ޙައްލުކުރަން ވާހަކަދައްކަން ވަޤުތުހުސްކުރަންޖެހޭނެއެވެ. އެއީ ނިދަންއޮށޯންނަ ވަޤުތުކަމަށް ހެދުން ރަނގަޅެއް ނޫނެވެ. އެއީ ދެމީހުންގެ އެހެން ގުޅުމަކަށް ޚާއްޞަ ވަޤުތަކަށްވާތީއެވެ. އެއީ އެކަކު އަނެކަކަށް ހިތްހެޔޮކަމާއިއެކު އުފާވެރިކަން ފޯރުކޮށްދޭން އޮތް ވަޤުތެވެ. މައްސަލަތަކުގެ ވާހަކަ ދެއްކީމާ އެއުފާވެރިކަން ދާނީ ގެއްލިގެންނެވެ.
މީގެ އިތުރުން ތިމާއަށް ވިސްނޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގެންވެސް ނުވާނެއެވެ. އަނެކާއަށް ވިސްނޭގޮތަކީ މާރަނގަލު ގޮތެއްކަމަށް ވުމަކީ ވަރަށް ގާތުގައި އޮންނަ ކަމެކެވެ. ވީމާ ދެމީހުންވެސް އަނެކާގެ ވިސްނުމަށް އިޙްތިރާމްކޮށްގެން ކަންކަމުގައި ގޮތް ނިންމާސެވެ. އެއިރުން ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްހަކީމްގެ ވާހަކަފުޅަކުން