ދެން އެކަލާނގެ حضرة އަށް لَوْحُ الْمَحْفُوظُ ގެންނަވައި وحى ކުރައްވާހުއްޓެވެ.
އިބަގެކިބައިގައި ތިމަންސުވާމީންގެ އަމުރަށް ލިޔެވިގެންވީ تَوْراة އާއި، إِنْجِيل އާއި قرآن އާއި އަދި އެހެނިހެން ފޮތްތައް ކޮބައިހެއްޔެވެ. لَوح ދަންނަވާނެޔޭ. ހައްދަވާ ބޮޑުކުރެއްވި ކަލާކޯއެވެ. جبريل ގެފާނުން އެތަކެތި ބާވައިގެންފިއެވެ. ދެން جبريل ގެފާނުން ގެންދަވައިފާހުއްޓެވެ. لَوْح قَصْدُ ކުރަނީ އެއިގައި ލިޔެވިގެންވާ އަހުރެންގެ كَلاَم ފުޅާއި، وَحى އާއި ކަލޭގެފާނުން ބާވައިގަތް ކަމުގައެވެ. އެތަކެއްޗަށްކުޅައީ ކިއެއް ހެއްޔެވެ. جبريل ގެފާނުން ދަންނަވާހުއްޓެވެ.
ހައްދަވާބޮޑުކުރެއްވި ކަލާކޮ مًوسَى ގެފާނަށް توراة، داؤد ގެފާނަށް زَبُور، عيسَىގެފާނަށް إنْجيْل، مُحَمَّد ގެފާނަށް قرآن އަދާކުޅައީމެވެ. އަދިކޮންމެ رَسُول ބޭކަލަކަށް އެބޭލަކަށް އަދާކުރާންވީ رِسَالة އެއް ހަމަޔަށް އަދާކުޅައީމެވެ. އެ صُحْف އެއްގެ ވެރިއަކަށް އެ صحف އެއް ގެންގޮސް އަރުވައި ދަސްކޮށްދިނީމެވެ.
ދެން نوح ގެފާނު حَاضر ކުރެއްވިދާ ހުށި. އެކަލޭގެފާނަށް وحى ކުރައްވާހުއްޓެވެ. جبريل ގެފާނު ދަންނަވަނީ ކަލޭގެފާނަށް އަހުރެންގެ ބަސްފުޅުތައް އަދާކުޅަމުގައްޔާއި ކަލޭގެފާނީ رَسُول ބޭކަލަކުކަމުގައެވެ. އެ رَسُولً ކަމަށް ކަލޭގެފާނު ކުޅައީ ކިޔެއްހެއްޔެވެ؟ ނުވަތަ جبريل ގެ ބަހާއި މެދުގައި އިބަގެ ޖަވާބަކީކޮބައިހެއްޔެވެ؟ نوحގެފާނު ދަންނަވާނެޔޭ. جبريل ގެފާނުންގެ ބަސްފުޅުތެދެވެ. މި ނިކަމެތި އަޅާ މިއަޅާގެ قوم ގެ މީހުނަށް ރޭދުވާމަގުން ދީނަށްގޮވައި، އިބަސުވާމީންގެ ފޮނުއްވި ތެދުމަގު ދެއްކީމެވެ. މިއަޅާ ގޮވާގޮވުމަށް އެއުރެން ފިލާން ދުވާ ދުވުންނޫން އެހެންކަމެއް އިތުރެއް ނުކުރެތެވެ.
ދެން نوح ގެފާނުންގެ قوم އެކަލޭގެފާނުންގެ ކުރިމަތިފުޅަށް حَاضِر ކުރައްވައި وَحِى ކުރައްވާހުއްޓެވެ.
ތިޔަބައިމީހުންގެ أخ މިހިރަ نوح ތިޔަބައިމީހުނަށް އަހުރެން ފޮނުވި رِسَالة އަދާކޮށް ތެދުމަގެއް ނުދައްކާހެއްޔެވެ. އެއުރެން ދަންނަވާނެތޭ. އެކަލޭގެފާނެއް އަޅަމެނަކަށް އެއްޗެއް ނާންގައެވެ. އެއީ ދޮގުވެރިއެކެވެ. ދެން نوح ގެފާނަށް وحى ކުރައްވާނެތެވެ. ކަލޭގެފާނުންގެ ބަހުގެ މައްޗަށް ހެކިސާބިތަކީ ކޮބައިހެއްޔެވެ؟ نوح ގެފާނުން ދަންނަވާނެތޭ. މިއަޅާގެ ވާހަކައިގެ މައްޗަށް ހެއްކަކީ محمّد ގެފާނާއި އެކަލޭގެފާނުންގެ أمّة ގެ މީހުންނެވެ. އެމީހުންނަކީ މާފަހުން ދުނިޔެއަށް އައި ބައެކެވެ. އެމީހުންގެ ކިބައިގައި މި خبر ތައް ހުންނަހުއްޓެވެ. ދެން އިބަސުވާމީންގެ ދެނެވޮޑިގަތުން މާ ބޮޑުވެގެންވެއެވެ.
ދެން محمّد ގެފާނާއި އެކަލޭގެފާނުންގެ أمّة ގެ علم ވެރީން ގެންނެވޭނެއެވެ. އެމީހުންނަށް وحى ކުރައްވާނެތޭ. نوح ތިޔަބައިމީހުންގެ ކިބައިން ހެކިއެދެއެވެ. محمّد ގެފާނު ދަންނަވާހުއްޓެވެ. نوح ގެފާނުންގެ ބަސްފުޅު ތެދުތެދެވެ. އިބަސުވާމީންގެ ބާވައިލެއްވި قرآن ގައި އެ خبر ތައް އެބަހުއްޓެވެ. އަދި نوح ގެ قوم ހަލާކުވީފަހުން ދުނިޔެއަށް އައިހައި މީހުން އެއީ ދެނެތިބި خبر އެކެވެ.
ދެން سلام އާއި صلوات ލެއްވި رَسُولُ اللهِ ގެފާނުން قرآن ން إِنَّا أرْسَلْنَاكَ نُوحًا މިތަނުން ފައްޓަވައިގެން ކިޔަވާ ވިދާޅުވާހުއްޓެވެ. ދެން މާތްރަސްކަލާނގެ نوح ގެފާނުންގެ قوم ގެމީހުނަށް އަންގަވާނެތޭ. ތިޔަބައިމީހުންގެމައްޗަށް عذاب ގެ وَعيد حقّ ވެގެންވެއެވެ. ދެން އެއުރެން ނަރަކައަށް ގެންދިއުމުގެ أمر ފުޅު އަތުވެދާހުށި. މިމީހުންނަކަށް حِسَاب ބެއްލެވުމެއް ميزان ކިރުއްވުމެއް ނުއޮންނަހުށި.
- ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން