ދޭނެ އެއްޗެއް ނެތިގެން ޞަދަޤާތް ނުކުރެވި ހުންނަން ހަމައެކަކަށްވެސް ނުޖެހޭނެ! ބަހާނެ ތަކެއްޗާ ލިބިގަންނަންވީ ޞަދަޤާތް ބައިވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 27ސ
ދޭނެ އެއްޗެއް ނެތިގެން ޞަދަޤާތް ނުކުރެވި ހުންނަން ހަމައެކަކަށްވެސް ނުޖެހޭނެ! ބަހާނެ ތަކެއްޗާ ލިބިގަންނަންވީ ޞަދަޤާތް ބައިވަރު!

ބައެއް މީހުން ބުނެއުޅެއެވެ. "އެންމެ ދެރަވާކަމަކީ ޞަދަޤާތެއްކޮށްލާނެ އެއްޗެއްވެސް އަތުގައި ނެތުމެވެ." އެފަދަ ވިސްނުމުގައި ތިބި މީހުން ތިރީގައިވާ ލިޔުން ކިޔައިލާށެވެ! ކިތަންމެ ފަޤީރު މީހާގެވެސް އަތްފޯރާފަށުގައި ޞަދަޤާތްކުރާނެ ތަކެތި ފުނިފުންޏަށް އެބަހުރިކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ 

ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ!  

ހެޔޮ ޢަމަލުތަކުގެ ތެރެއިން ޞަދަޤާތްކުރުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. ނަމަވެސް، ބައެއް ފަހަރު ވިސްނިފައި އޮންނަ ގޮތަކީ، ޞަދަޤާތް ކުރެވޭނީ މުއްސަނދިންނަށާއި ފުދިގެން އުޅޭ މީހުންނަށް އެކަނި ކަމުގައެވެ. އެކަމަކު، އިސްލާމްދީނަކީ ވަކި ފަންތިއަކަށް ބާވައިލައްވައިފައި އޮތް ދީނެއް ނޫނެވެ. އެހެންކަމުން، ހުރިހާ ފަންތިއެއްގެ މުސްލިމުންނަށް ވެސް ޞަދަޤާތްކުރެވޭނޭ ކަން ޝަރުޢީ ނައްޞުތަކުން އެނގި ސާބިތުވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަށް ނަޒަރު ހިންގައިލާނަމެވެ. 

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «كُلُّ مَعْرُوفٍ صَدَقَةٌ» (متفق عليه) މާނައީ: [ކޮންމެ ހެޔޮ ކަމަކީ ޞަދަޤާތެވެ.] މި ޙަދީޘުން އަންގައިދެނީ ޞަދަޤާތަކީ ހަމައެކަނި ރުފިޔާފައިސާއިން ކުރެވޭ ކަމެއް ނޫންކަމެވެ. ހެޔޮ ކޮންމެ ކަމެއް ހިމެނެނީ ޞަދަޤާތުގެ ތެރެއިން ކަމެވެ. 

އަޅުގަނޑުމެން މުސްލިމުން ކޮންމެ ދުވަހަކު ފަސް ފަހަރު ޤާއިމުކުރަންޖެހޭ އަޅުކަމަކީ ނަމާދެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «وَكُلُّ خُطْوَةٍ تَمْشِيهَا إِلَى الصَّلَاةِ ‌صَدَقَةٌ» (مسلم)  މާނައީ: ”ނަމާދަށް ދިޔުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ޞަދަޤާތެކެވެ.] ވީމާ، ޖަމާޢަތަށް ނަމާދަށް ދިޔުމަށް އާދަކުރާށެވެ. ނަމާދަށް ދާއިރު އަޅާ ކޮންމެ ފިޔަވަޅަކަށް ޘަވާބު ލިބޭނެއެވެ. މިއީ ވަރަށް ފަސޭހަ ޞަދަޤާތެކެވެ.

އަދިވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ހަމަކަށަވަރުން ކޮންމެ ތަސްބީޙައެއްގައި ޞަދަޤާތެއް ވެއެވެ. އަދި ކޮންމެ ތަކުބީރެއްގައި ޞަދަޤާތެއް ވެއެވެ. އަދި ކޮންމެ ތަޙްމީދެއްގައި ޞަދަޤާތެއް ވެއެވެ. އަދި ކޮންމެ ތަހްލީލެއްގައި ޞަދަގާތެއް ވެއެވެ. (އެބަހީ: سُبْحَانَ اللَّهِ، اللَّهُ أَكْبَرُ، اَلْحَمْدُ لِلَّهِ، لَا إِلٰهَ إِلَّا اللَّهُ މިއިން ކޮންމެ ޒިކުރެއް ކިޔުމުން ސަވާބު ލިބޭނެއެވެ.)] (މުސްލިމް) 

އެކަކު އަނެކަކަށް ހެޔޮބަސް ބުނުމީ ވެސް ޞަދަޤާތެކެވެ. އަނބިމީހާ ކާނާއެއް ތައްޔާރުކުރުމުން އޭގެ މީރު ވާހަކަ ބުނުމީ ވެސް ޞަދަޤާތެކެވެ. ރައްޓެއްސަކަށް ކުރިއެރުމެއް ލިބުމުން މަރްޙަބާ ކިޔަސް، ދަރިޔަކަށް ވަނައެއް ނުވަތަ ރަނގަޅު ނަތީޖާއެއް ލިބުމުން ހިތްވަރުދިނުމުގެ ގޮތުން ބަހެއް ބުނެލިޔަސް މެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «كُلُّ كَلِمَةٍ طَيْبَةٍ ‌صَدَقَةٌ» (الأَدَبُ الْمُفْرَدُ) މާނައީ: [ކޮންމެ ހެޔޮބަހަކީ ޞަދަޤާތެކެވެ.] 

އެންމެ ކުޑަމިނުން މުސްލިމް އަޚާގެ ކުރިމަތީ ތިބާ ހިނިތުންވުން ވެސް ޞަދަޤާތުގެ ތެރޭގައި ހިމެނެއެވެ. މިއަށްވުރެ ވަކީން ފަސޭހަ ޞަދަޤާތެއް ވޭހެއްޔެވެ؟ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ» (الترمذي) މާނައީ: [ތިބާގެ މުސްލިމް އަޚާގެ ކުރިމަތީ ހިނިތުންވުމީ ތިބާއަށް ޓަކައި ޞަދަޤާތެކެވެ.] ވީމާ، މީސްތަކުންނާ ބައްދަލުވާ ހިނދު ހިނިތުންވެފައި ވާ އުފާވެރި މޫނަކައިގެން ހުރުމަށް މަސައްކަތްކުރާށެވެ. އެއީވެސް، ސަވާބުހުރި ޢަމަލެކެވެ. 

އަދި ހަމައެހެންމެ، ދިރިއުޅުމުގެ ޙާޖަތްތައް ފުއްދުމުގައި  އެކެއް އަނެކެއްގެ އެހީތެރިކަމަށް ބޭނުންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ތިބާގެ އަޚާއަށް އެހީތެރިވުމަކީ ޞަދަޤާތެކެވެ.] (الأَدَبُ الْمُفْرَدُ) ވީމާ، މީހަކަށް އެހީއެއް ނުވަތަ ކަމެއް ބޭނުންވެފައި ހުރިކަން އެނގިއްޖެ ނަމަ އަދި އެއީ ތިބާއަށް ކޮށްދެވޭވަރުގެ ކަމެއް ނަމަ އެ ކަމެއް ކޮށްދިނުމަށް އަވަސް ވެގަންނާށެވެ. 

ޞަދަޤާތާ ގުޅުން ހުރި މި ނޫނަސް އެތައް ގިނަ ޙަދީޘްފުޅުތަކެއް ވާރިދުވެގެން އައިސްފައި ވެއެވެ. އެހެންކަމުން، ރުފިޔާފައިސާ ނެތިގެން ކަމަށް ބުނެ ޞަދަޤާތް ނުކުރެވިފައި ނުހުންނާށެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ކަހަލަ ޞަދަޤާތެއް ކުރުމަށް ޢަޒުމު ކަނޑައަޅަމާ ހިނގާށެވެ!

 

(މިއީ "ދީނުގެމަގު" މަޖައްކާއަށް މުޙައްމަދު ސަމޫޙް ސަޢީދު ކިޔުއްވާފައިވާ ލިޔުއްވުމެކެވެ.)

މިއަދު އޮންލައިން