ކައިވެންޏަށްފަހު ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެމުންދިއަ ދެމަފިރިންނެވެ.
ޢާއިލާގެ ތެރެއިން ކުރިމަތިވާ މައްސަލަތައް ގިނަވެ ކެތްނުކުރެވުމުން އަނބިމީހާ އެދުނީ ވަކިދިރިއުޅުމަށެވެ. ފިރިމީހާގެ ޖަވާބަކަށްވީ ޢޭނާގެ މައިންބަފައިން ދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވާ ކަމެވެ.
އަނބިމީހާ ބުނީ އޭނާވެސް އޭނާގެ މައިންބަފައިންދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ނަމަވެސް މިހުރީ ވަކިވެގެން އައިސް ފިރިމީހާގެ ޚިދުމަތުގައި ކަމަށެވެ. އަދި ކައިވެނިކޮށްގެން މިހުރީ ފިރިމީހާއާއި ކަމަށާއި ފިރިމީހާގެ ޢާއިލާއާއި ނޫންކަމެވެ. ވީމާ ފިރިމީހާގެ ޢާއިލާގެ އެންމެންގެ ހުރިހާ މަސައްކަތެއް ކޮށްނުދެވޭނެ ކަމަށެވެ.
ސުވާލަކީ މިޙާލަތުގައި ދެން ކަންޔތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟
އެއްވެސް ޝައްކެއް ނެތެވެ. ފިރިމީހާގެ ޢާއިލާއަށް ޚިދުމަތްކުރުމަކީ ޞަދަޤާތެކެވެ. ހެޔޮކަމެކެވެ. ޘަވާބުވެސް ދެއްވަވާނެ ކަމެކެވެ. ނަމަވެސް އެއީ މަޖުބޫރުން ކުރުވަން އޮތްކަމެއް ނޫނެވެ. އެއީ ހިތުން ރުހުމުން ކޮށްދޭންޖެހޭނެ ކަމެކެވެ.
ފިރިންނަށް ބުނެލަން އޮތީ ފަށަމުން ބުނެލި ވާހަކަކޮޅުގައި އަނބިމިހާ އެބުނަނީ ތެދަށެވެ. އޭނާ ކައިވެނިކުރީ ފިރިމީހާއާއިއެވެ. ވީމާ އެކަމަށް އިޙްތިރާމްކުރަންވާނެއެވެ. ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެން މައްސަލަތައް ހުރިނަމަ އިންނާނެ ވަކިތަނެއް ދައްކަން ޖެހޭނެއެވެ. މައިންބަފައިންގެ ގޭގައި ގެންގުޅޭނަމަ އޭނާއަށް އެހެން މީހުންގެ އުނދަގޫތަކުން ސަލާމަތްވެވިގެން އެކަނި އިނދެވޭނެ މަގެއް ދައްކަން ޖެހޭނެއެވެ.
ގިނަ ފަހަރަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ ގެއަށް ގެނެވޭ އަންހެންދަރިންގެ އަގުވަޒަންނުކުރެވޭތީއެވެ. ގޭގެ ދަރިއެއް ފަދައިން ނުބެލޭތީއެވެ. ކުރަންޖެހޭ ޙައްޤު އިޙްތިރާމްކޮށްގެން ގެންގުޅޭނަމަ މިފަދަ މައްސަލަތައް ވަރަށް ބޮޑުތަނުން މަދުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން