ދަރިން ލިބުމާމެދު ކޮންމެ މީހަކަށްވެސް މިންވަރުކުރައްވަވާނީ އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތް! އުފާވެރިކަން ޔަޤީންކުރަން ބޭނުންނަމަ އޮތީ ރަޙްމަތަށް ކެތްތެރިވެލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ދަރިން ލިބުމާމެދު ކޮންމެ މީހަކަށްވެސް މިންވަރުކުރައްވަވާނީ އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތް! އުފާވެރިކަން ޔަޤީންކުރަން ބޭނުންނަމަ އޮތީ ރަޙްމަތަށް ކެތްތެރިވެލުން!

ދާދިފަހުން އަހުރެންކުރި ދަތުރެއްގައި އެމާބަނޑު 4 ކުދިންގެ މައްޗަށް އެއްފަހަރާ ކަށުނަމާދުކުރީމެވެ. ވިހެއިއިރު މަރުވެފައިތިބުމުންނެވެ.

އެކުދިންގެ މަންމައާއި ބައްޕަގެ ހިތުގައި އަޅާނެ ވޭން އަހުރެންނަށް އިޙްޞާޞް ކުރެވެއެވެ. ބުނަން ބޭނުންވަނީ ދަރިން ދެއްވެވުމާއި ނުދެއްވެވުން އަދި ދެއްވެވުމަށްފަހު އަނބުރާ ގެންދެވުން ފަދަ ކަންކަމުގެ މައްޗަށް އަހުރެމެން އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ.  

ކައިވެންޏަށްފަހު ގިނަ ބައަކަށް އަވަސްވެގަނެވެނީ ދަރިން ހޯދުމަށެވެ. އެއްބައަކު ކައިވެނިކުރުމާއިއެކު ދަރިން ބޭނުންވެއެވެ. ނުލިބި ލަސްވާނަމަ ޝަކުވާކުރެއެވެ. ދެމަފިރިން އެކަކު އަނެކަކު ކުށްވެރިކުރެއެވެ. ދަރިން ލިބުން ލަސްވާނަމަ ބޭސްފަރުވާވެސް ކުރެއެވެ.  

މިއިން އެއްވެސް ކަމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ދަރިން ލިބުމަކީ ދެމަފިރިން އެކުގައި ބަނދެވުންކަމާއި އެބަނދެވުން ބަނދެވިގެން ޢުމުރަށް ތިބެންޖެހޭނެކަން ޤަބޫލުނުކުރެވުމެވެ.  

މިޘާލަކަށް ދަރިން ހޯދަން މަސައްކަތްކުރަމުން ދަނިކޮށް ދަރިއަކު ނުވަތަ 2، 3 ދަރިންވެސް ދެއްވަވައިފާނެއެވެ. އެއަށްވުރެ ގިނައިންވެސް ދެއްވަވައިފާނެއެވެ. ހިތާމައަކީ ދަރިން ދެއްވެވުމުން މައިންބަފައިން ދިރިތިބެމެ އެދރިން ޔަތީމްކުރެވޭކަމެވެ.  

އެ ޙާލަތުގައި ދަރިން ނުލިބިގެން ކުރި ޝަކުވާތައް ހަނދާނެއްވެސް ނުހުރެއެވެ. ދަރިން ހޯދި މަޤްޞަދު ހަނދާނެއްވެސް ނުހުރެއެވެ. ކުރި ދުޢާތަކުގެ މަތިންނެއްވެސް ހަނދާނެއް ނުހުރެއެވެ. ހުރިހާ އުފަލެއް ގުޅުވަނީ އިއްޔެ ފެނުނު މާރީތި ޒުވާން މީހާ އާއިއެވެ. ބެލެނީ ދަރިންގެ މުސްތަޤްބަލަކަށް ނޫނެވެ. ޒުވާނާއާއިއެކު ދިރިއުޅުމުން ލިބިދާނެ އުފާވެރިކަމަށާއި ހިތްހަމަޖެހުމަށެވެ.  

މިބުނެލީ އެންމެންގެ ވާހަކައެއް ނޫނެވެ. އެގޮތަށް ކަންކަންކުރާ މީހުން ކަންތައްކުރާގޮތުގެ ވާހަކައެވެ. ވިސްނައިގެން އަޑުއަހާށެވެ! މިދައްކާ ވާހަކަތައް ކުރިން އަޑުއަހާފައިވެސް ވެދާނެއެވެ. މިވާހަކަތައް ތަކުރާރުކުރަން މިޖެހެނީ ދަރިން ނުލިބުމުންނާއި މަދުން ލިބުމުންނާއި އަދި ވަކިޖިންސަކުން ލިބުމުން ޝަކުވާކުރާމީހުން ގިނަކަމުންނެވެ. އަދި ކީއްހެއްޔެވެ؟ ގިނައިން ލިބުމުންވެސް އެބަ ޝަކުވާކުރެއެވެ.

އެއްބައަކު އަހެން ދަރިން ގިނައިން ލިބިގެން ޝަކުވާކުރާއިރު އަނެއް ބައަކު ޝަކުވާކުރަނީ ފިރިހެން ދަރިން ގިނައިން ލިބިގެންނެވެ. އަނެއް ބައަކު ދަރިން ލިބުނު އަދަދު މަދުވެގެން ޝަކުވާ ކުރާއިރު އަނެއް ބައަކު އެންމެ ދަރިއަކު ނުލިބިގެންވެސް ޝަކުވާ ކުރަނީއެވެ.  

ދަރިން ނުލިބޭނަމަ ހޯދަން މަސައްކަތް ކުރުމަކީ އަޅުކަމެކެވެ. ވީމާ ދަރިން ހޯދަން މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތްތަކަށެވެ. ދަރިން ނުލިބެނީ ހަމަ ކުޑަ ކުޑަ ޞިއްހީ މައްސަލައަކުން ކަމަސްވެސް ވެދާނެއެވެ. ފަރުވާ ކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. ދަރިން ނުލިބިގެން މާޔޫސް ނުވާށެވެ! އެކަމަށް ކެތްތެރިވުމަކީ އަދި ވަކިން ބޮޑު އަޅުކަމެކެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ދަރިން ނުލިބުމަކީ ވެސް ނިޢްމަތެކެވެ.  

ދަރިން ލިބެން ބޭނުންވާނީ ވަކި ޖިންސަކުން ނޫނެވެ. ދަރިން ދެއްވަވާނެ އަދަދާއި ޖިންސް ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެއަށް ބަދަލު ގެނައުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ވަކި ޖިންސަކުން ކުދިން ލިބުމުން ރުޅިއައުމަކީ، އެކުދިން ދެކެ ފޫހިވުމަކީ ﷲ ތަޢާލާގެ ނިންމެވުން ބަލައި ނުގަނެވޭ ކަމުގެ ހެއްކެކެވެ. އަހަރެމެންނަށް އޮތީ ދެއްވެވި ދަރިން ބަލައި ރަނގަޅު ގޮތުގައި ބޮޑުކުރުމެވެ.  

އަހަރެންނަށް ދެއްވެވީ ކިތައް ދަރިންކަން އެނގެން ބޭނުން ހެއްޔެވެ؟ އަހަރެންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ 7 އަންހެން ދަރިންނާއި 2 ފިރިހެން ދަރިންނެވެ. އަހަރެމެން މިތިބީ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެގެންނެވެ. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ޝައިޚް ޢާޞިމް އަލްޙަކީމަށް ދެއްވަވާފައިވަނީ 13 އަންހެން ދަރިންނެވެ. ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟  

ވީމާ ދަރިން ނުލިބުމަކީވެސް އަދި ދަރިން ގިނަވުމަކީވެސް، މަދުވުމަކީވެސް އަދި ވަކި ޖިންސަކުން ދަރިން ގިނަވުމަކީވެސް ޝަކުވާއަކަށް ނުހަދާށެވެ! ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމަކީ ލިބުނު ދަރިން ރަނގަޅު ގޮތުގައި ބަލައިބޮޑުކުރަން މަސައްކަތްކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

https://www.youtube.com/watch?v=q_NctsESfMI

މިއަދު އޮންލައިން