ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވެނީ ޙަސަދަވެރިންނާއިމެދުގައެވެ. ޙަސަދަވެރި ޢަމަލެއް އެކުވެރިއެއްގެ ކިބައިން ފެނުނަސް އެއީ މާބޮޑު ކަމަކަށް ނުހަދައި ދޫކޮށްލެވޭތީއެވެ. ޙަސަދަވެރިން ތިބޭނީ ފޮރުވިގެންނެވެ. ހެޔޮއެދޭކަން ދައްކައިގެންނެވެ. ކަމެއް ފަޅާއެރިޔަސް ބުނާނީ އެއީ ނުބައި ނިޔަތެއްގައި ކުރިކަމެއް ނޫންކަމަށެވެ. ތިމާ ހިމެނެނީ ތިބާއަށް އެންމެ ބޮޑަށް ހެޔޮއެދޭ އެކުވެރިންގެ ތެރެއިން ކަމަށެވެ.
ނިކަން ވިސްނައިލަބަލާށެވެ!
ޙަސަދަވެރީންނާމެދު ރައްކާތެރިވާށެވެ! އެމީހުންގެ ޙަސަދައަށް ނިމުމެއް ނެތެވެ. ތިބާއަށް ފެންނަ ހުވަފެންތަކާމެދު ޙަސަދަ ލާ ބަޔަކު ތިބާގެ ޙަޔާތުގެ ޙަޤީޤަތްތަކުގެ މައްޗަށް، ޙަޔާތުގައި ލިބޭ ކާމިޔާބީއާއި އުފާވެރިކަމުގެ މައްޗަށް ކިހާ ޙަސަދައެއް ލާނޭ ހެއްޔެވެ؟
قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا- يوسف 5
"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ. ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ.”"
ތިބާގެ ސިއްރުތައް ރައްކާކުރާށެވެ. ޙަސަދައިން ރައްކާތެރިވުމަށްޓަކައި އޮތް އެންމެ މޮޅު ރައްކާތެރިކަން ހޯދާށެވެ. ފަތިސް ނަމާދަށް ރައްކާތެރިވާށެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކްރުތައް އެންމެ ދުވަހަކުވެސް ދޫނުކުރާށެވެ.
- ޝައިޚް މުޙައްމަދު ޝާފިޢު