ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ހިތަށް ހަމަޖެހުން ލިބުމާ! ލޯބިވުމަކާ ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ހިތަށް ހަމަޖެހުން ލިބުމާ! ލޯބިވުމަކާ ނޫން!

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ލޯބިވާނަމަ ކައިވެނި ކާމިޔާބުކުރެވޭނެއެވެ. އެކަން އަހުރެން ޤަބޫލެއް ނުކުރާނަމެވެ. ސަބަބުތައް ބައިވަރެވެ.  

ލޯބިވެގެން ނޫނީ ލޯބިވާތީ ކައިވެނިކުރަނީއެވެ. ކައިވެންޏަށްފަހު ބައިވެރިޔާއަށް ވަފާތެރިއެއް ނުވެއެވެ. އަޅައެއް ނުލައެވެ. ބައިވެރިޔާގެ ޢާއިލާއަށް ނަފްރަތުކުރެއެވެ. ބައިވެރިޔާއަށް ވަޤުތެއް ނުދެއެވެ. އެކަމަކު މިބުނަނީ ބައިވެރިޔާދެކެ ލޯބިވާ ކަމަށެވެ. އަދި އެއީ ތެދެއް ކަމަށްވެސް ވެދާނެއެވެ.  

މައްސަލައަކީ މިބުނި މައްސަލަތައް ހުންނަނަމަ ތިއަބުނާ ލޯތްބަކީ ކޮބައިކަން ނުއެނގޭކަމެވެ. ދެން ނިކަން ބުނެބަލާށެވެ! މިބުނި މައްސަލަތައް ހުންނަނަމަ ހިތަށް ހަމަޖެހުން ލިބޭނެހެއްޔެވެ؟ އަރާމުގައި ނިދައިލެވޭނެ ހެއްޔެވެ؟ އެކަންކަން ކުރެވޭނެ ކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ.  

ލޯބިވުމުގެ ޙަޤީޤީ މާނައިގައި ލޯބިވާ ފިރިއަކުވެސް އަދި އަންތބަކުވެސް މިބުނި ފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. ވަފާތެރިވާނެއެވެ. އަޅައިލާނެއެވެ. ބައިވެރިޔާގެ ޢާއިލާދެކެވެސް ލޯބިވާނެއެވެ. ޢާއިލާ ދެކެ ލޯބިވުމުގެ ވާހަަކ މިދައްކަނީ ސަބަބެއް އޮތީމައެވެ. އެއީ ބައިވެރިޔާގެ ޢާއިލާދެކެ ލޯބިނުވާނަމަ އޭނާއަށް ހަމަޖެހުން ނުލިބޭނެތީއެވެ.  

އަދިވެސް ބުނެލާނަމެވެ. ބައިވެރިޔާއާއި ވާހަކަ ދެއްކުމުން ހިތަށް ހަމަޖެހުން ނުލިބޭނަމަ އެއީ އެންމެ ބޮޑު މައްސަލައެވެ. ވާހަކަދައްކަން ފަށާއިރަށް ބޮލަށް އުނދަގޫވާތީ ކަންބޮޑުވާނަމަ އަނެކާއަށް ލިބޭނީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟  

ޙަޤީޤަތަކީ ކައިވެނީގެ ތެރެއިން ޙާޞިލުކުރަންޖެހޭ އެންމެ ބޮޑު އެއްކަމަކީ ހިތަށް ހަމަޖެހުން ލިބުން ކަމެވެ. ވިސްނާށެވެ! ކިތަންމެ ގިނަ ނުބައި ސިފަތައް ހުންނަ މީހަކު ދެކެވެސް މީހަކު ލޯބިވެދާނެއެވެ. ނަމަވެސް އެމީހެއްގެ ހިތަށް ހަމަޖެހުން ލިބޭނެ ހެއްޔެވެ؟ ހިތަށް ހަމަޖެހުން ނުލިބޭނަމަ އަނެކާދެކެ ވާލޯބިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

މިދެއްކި ހުރިހާ ވާހަކައެއްގެވެސް ޚުލާޞާއަކީ ކައިވެނި ކާމިޔާބުކުރެވޭނީ ހިތަށް ހަަމޖެހުން ލިބިގެންނެވެ. އެކަން ޙާޞިލުނުކުރެވޭނަމަ ވެވޭ ލޯބިން ކުރާނެ ފައިދާއެއް ނެތެވެ. ހަމައެއާއިއެކު ލޯބިނުވިޔަސް ހިތަށް ހަަމޖެހުން ލިބޭނަމަ އެމީހަކާއިއެކު އުފަލުގައި ދިރިއުޅެވިދާނެއެވެ.  


- މަޢުލޫމާތު: ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން