ފަށްކުރުމެއް!: ޖުނުބުވެރި ޙާލުގައި ނިދަން ބޭނުންވެއްޖެ ހިނދެއްގައި ވުޟޫކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 54ސ
ފަށްކުރުމެއް!: ޖުނުބުވެރި ޙާލުގައި ނިދަން ބޭނުންވެއްޖެ ހިނދެއްގައި ވުޟޫކުރުން

4- ޖުނުބުވެރި ޙާލުގައި ނިދަން ބޭނުންވެއްޖެ ހިނދެއްގައި ވުޟޫކުރުން: 

ޖުނުބުވެރިވެފައިވާ ދެމަފިރިން ނިދުމުގެ ކުރިން ވުޟޫކުރަންވާނެއެވެ. މިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅުތައް މިތަނުގައި ޒިކުރުކޮށްލާނަމެވެ. އަދި މިވުޟޫގެ ޙުކުމްވެސް ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. 

(قَالَتْ: كَانَ رَسُوْلُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ [يَأْكُلَ أَوْ ] يَنَامَ وَهُوَ جُنُبٌ غَسَلَ فَرْجَهُ وَتَوَضَّأَ وُضُوْءَهُ لِلصَّلَاةِ) 

މާނައީ: ” އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޖުނުބުވެރި ޙާލުގައި ހުންނަވަނިކޮށް، ކޭންބެއްލެވުމަށް ނުވަތަ އަވަހާރަފުޅުލެއްޕެވުމަށް ބޭނުންފުޅުވެވަޑައިގެންފިނަމަ، އެކަލޭގެފާނުގެ ޢައުރަ ގުނަވަން ދޮންނަވައެވެ. އަދި ނަމާދަށް ވުޟޫކުރައްވާފަދައިން ވުޟޫކުރައްވައެވެ."  

(أَنَّ عُمَرَ قَالَ: يَا رَسُولَ اللهِ أَيَنَامُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: نَعَمْ. إِذَا تَوَضَّأ)

 މާނައީ: ” ހަމަކަށަވަރުން ޢުމަރުގެފާނު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދިދާނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އާދޭހެވެ. ވުޟޫކުރުމަށްފަހުގައެވެ." 

އެހެން ރިވާޔަތެއްގައި ވެއެވެ. (تَوَضَّأْ وَ اغْسِلْ ذَكَرَكَ ثُمَّ نَمْ )

މާނައީ: ” ވުޟޫކުރައްވާށެވެ. އަދި ޢައުރަގުނަވަން ދޮންނެވުމަށްފަހު ނިދިކުރައްވާށެވެ." 

އެހެން ރިވާޔަތެއްގައިވެއެވެ. . 

(نَعَمْ. لِيَتَوَضَّأْ ثًمَّ لِيَنَمْ حَتَّى يَغْتَسِلَ إِذَا شَاءَ)

މާނައީ: ” އާދޭހެވެ. ވުޟޫކުރެއްވުމަށްފަހު ނިދިކުރައްވާހުށިކަމެވެ. ހިނައިގަތުމަށް އެދިއްޖެއުމަށް ދާންދެނެވެ.” އަދި އެހެން ރިވާޔަތެއްގައިވެއެވެ. ((نَعَمْ. وَ يَتَوَضَّأُ إِنْ شَاءَ)) މާނައީ: ” އާދޭހެވެ. އަދި އޭނާ ބޭނުންނަމަ ވުޟޫކުރާށެވެ."  

(قَالَ ثَلَاثَةٌ لَا تَقْرَبُهُمْ الْمَلَائِكَةُ جِيفَةُ الْكَافِرِ وَالْمُتَضَمِّخُ بِالْخَلُوقِ وَالْجُنُبُ إِلَّا أَنْ يَتَوَضَّأَ))  

މާނައީ: ” މާލާއިކަތްބޭކަލުން އެބަޔަކާއި ކައިރިވެވަޑައިނުގަންނަވާނެ 3 ބަޔަކުވެއެވެ. އެއީ މަރުވެފައިވާ ކާފަރެއްގެ ހަށިގަނޑާއި ޚަލޫޤު (އެބަހީ: ރީނދުލާއި އެހެނިހެން އަތަރުތައް އެއްކޮށްގެން ހަދާފައިހުންނަ، އަންހެނުންނަށް ޚާއްޞަ އަތަރެއް) ބޭނުންކުރާ ފިރިހެނާއާއި ވުޟޫކޮށްފުމަށް ދާންދެން ޖުނުބުވެރިވެފައިވާ މީހާއެވެ. “ 

5- މި ވުޟޫގެ ޙުކުމް: 

މިވުޟޫއަކީ ވާޖިބުވެގެންވާ ވުޟޫއެއްނޫނެވެ. އެހެނެއްކަމަކު ސުންނަތްކަން ގަދަވެގެންވާ ވުޟޫއެކެވެ. މީގެ ދަލީލަކީ ޢުމަރުގެފާނުގެ މި ޙަދީޘްފުޅެވެ. އެކަލޭގެފާނު ރަސޫލުﷲ صلى الله عليه و سلم އާއި ސުވާލު ކުރެއްވިއެވެ. ((أَيَنَامُ أَحَدُنَا وَهُوَ جُنُبٌ؟ فَقَالَ: نَعَمْ.  وَ يَتَوَضَّأُ إِنْ شَاءَ  )) މާނައީ: ” ތިމަންބޭކަލުންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދިދާނެތޯއެވެ؟ ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އާދޭހެވެ. އަދި އޭނާ ބޭނުންނަމަ ވުޟޫކުރާށެވެ.” އަދި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ މިޙަދީޘްފުޅުންވެސް މިޙުކުމަށް ބާރުދެއެވެ.  

((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنَامُ وَهُوَ جُنُبٌ مِنْ غَيْرِ أَنْ يَمَسَّ مَاءً [حَتَّى يَقُوْمَ بَعْدَ ذَلِكَ فَيَغْتَسِلُ]))  

މާނައީ: ” ފެނުގައި ބީހުމެއްނެތި (ވުޟޫ އަދި ހިނައިގަތުމަކާއި ނުލާ) ޖުނުބުވެރި ޙާލުގައި ރަސޫލުﷲ صلى الله عليه وسلم އަވަހާރަފުޅުލައްޕަވައެވެ. އެއަށްފަހު ހޭފުޅުލައްވައި ހިނައިވަޑައިގަންނަވައެވެ.” އަދިވެސް އެކަމަނާ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. (كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَبِيتُ جُنُبًا فَيَأْتِيهِ بِلَالٌ فَيُؤْذِنُهُ بِالصَّلَاةِ فَيَقُومُ فَيَغْتَسِلُ فَأَنْظُرُ إِلَى تَحَدُّرِ الْمَاءِ مِنْ رَأْسِهِ ثُمَّ يَخْرُجُ فَأَسْمَعُ صَوْتَهُ فِي صَلَاةِ الْفَجْرِ ثُمَّ يَظَلُّ صَائِمًا) قَالَ مُطَرِّفٌ فَقُلْتُ لِعَامِرٍ فِي رَمَضَانَ؟ قَالَ:نعم. سَوَاءٌ رَمَضَانُ أَوْ غَيْرُهُ . މާނައީ: “ ރަސޫލުﷲ صلى الله عليه و سلم ޖުނުބުވެރި ޙާލުގައި އަވަހާރަފުޅުލައްޕަވައެވެ. ދެންފަހެ ބިލާލްގެފާނު އެކަލޭގެފާނުގެ އަރިހަށްވަޑައިގަތުމަށްފަހު ނަމާދަށް އިޛުނައަށް އެދިވަޑައިގަތުމުން، އެކަލޭގެފާނު ތެދުވެވަޑައިގެން ހިނައިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުން ފެންތިކިތައް އޮހޮރިގެންދާތަން ތިމަންކަމަނާ ބައްލަމެވެ. އެއަށްފަހު ނުކުމެވަޑައިގަންނަވައެވެ. އަދި ފަތިސްނަމާދުގައި  އެކަލޭގެފާނު ކިޔަވާވިދާޅުވާ އަޑުފުޅު ތިމަންކަމަނާ އަޑުއައްސަވަމެވެ. ދެންފަހެ އެދުވަހު އެކަލޭގެފާނު ރޯދައަށް ހުންނަވައެވެ.” މުޠައްރިފު(ޙަދީޘްގެ ރާވީއެއް) ވިދާޅުވިއެވެ. ތިމަން ޢާމިރަށް ދެންނެވީމެވެ. އެއީ ރަމަޟާން މަހުގައިތޯއެވެ؟ ވިދާޅުވިއެވެ. އާދޭހެވެ. ރަމަޟާން މާހާއި އެނޫންމަހެއް ކަމުގައިވިޔަސްމެވެ."

6- ޖުނުބުވެރިޔާ ވުޟޫގެ ބަދަލުގައި ތަޔައްމުމް ކުރުން: 

ވުޟޫކުރުމުގެ ބަދަލުގައި ދެމަފިރިންނަށް ބައެއްފަހަރު ތަޔައްމުމް ކުރުން ހުއްދަވެގެންވެއެވެ. ޢާއިޝާ رضي الله عنها ގެ ޙަދީޘްފުޅެއްގައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- إِذَا أَجْنَبَ فَأَرَادَ أَنْ يَنَامَ تَوَضَّأَ أَوْ تَيَمَّمَ)) މާނައީ: ” ރަސޫލުﷲ صلى الله عليه و سلم ޖުނުބުވެރިވެވަޑައިގެންނެވުމަށްފަހު އަވަހާރަޕުޅުލައްޕަވަން ބޭނުންފުޅުވެއްޖެނަމަ ވުޟޫ ކުރައްވައެވެ. ނުވަތަ ތަޔައްމުމް ކުރައްވައެވެ. “ 

7- ނިދުމުގެކުރިން ހިނައިގަތުން މޮޅުއިތުރުވެގެންވުން:

ހިނައިގަތުމަކީ ދެމަފިރިންނަށްވެސް އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ. ޢަބްދުﷲ ބުން ޤައިސްގެ ޙަދީޘެއްގައި ވެއެވެ. ((قُلْتُ: كَيْفَ كَانَ يَصْنَعُ فِيْ الجَنَابَةِ؟ أَكَانَ يَغْتَسِلُ قَبْلَ أَنْ يَنَامَ أَمْ يَنَامَ قَبْلَ أَنْ يَغْتَسِلَ؟ قَالَتْ: كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ . قُلْتُ: اَلْحَمْدُ لِلَّهِ الَّذِيْ جَعَلَ فِيْ الْأَمْرِ سَعَةً. )) މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ޢާއިޝާ رضي الله عنهما އާއި ސުވާލުކުރެއްވީމެވެ. ތިމަން ދެންނެވީމެވެ. ރަސޫލާ صلى الله عليه و سلم ޖުނުބުވެރި ޙާލަތުގައި ކަންތައް ކުރައްވާކަމުގައިވަނީ ކޮންގޮތަކަށްތޯއެވެ؟ އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ހިނައިވަޑައިގަންނަވަނީ ތޯއެވެ؟ ނުވަތަ ހިނައިވަޑައިގަތުމުގެ ކުރިން އަވަހާރަފުޅުލައްޕަވަނީތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ: ހަމަކަށަވަރުން އެ ހުރިހާ ގޮތަކަށްވެސް އެކަލޭގެފާނު ކަންތައް ކުރައްވާކަމުގައި ވެއެވެ. ބައެއްފަހަރު ހިނައިވަޑައިގަތުމަށްފަހު އަވަހާރަފުޅުލައްޕަވައެވެ. އަދި ބައެއްފަހަރު ވުޟޫކުރެއްވުމަށްފަހު އަވަހާރަފުޅުލައްޕަވައެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މި ކަންތައްތަކުގައި ފަސޭހަކަންލެއްވި ﷲ އަށް ހުރިހާ ޙަމްދެއް ހުއްޓެވެ.”

– ނުނިމޭ

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން 

- ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- (8):

 

މިއަދު އޮންލައިން