ޢުޘްމާނު ބުނު ޢައްފާނު رَضِيَ اللهُ عَنْهއަކީ މާތްކަމާއި މަތިވެރިކަމާއި ދީލަތިކަމާއި، އަދި ﷲގެ މަގުގައި ގިނަގުނަ ހޭދަ ކުރެއްވުމުގައި އަރައިހުންނެވި މަތިވެރި
ޞަޙާބީއެކެވެ. އެކަލޭގެފާނަކީ، އިސްލާމްދީނަށް ނަޞްރު ދެއްވުމުގައި ޖާނާއި މާލުން ޤުރުބާންވެވަޑައިގެންނެވި ބޭކަލެކެވެ.
އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ޢުޘްމާނުގެފާނު ހިމެނިވަޑައިގަތެވެ. އެކަލޭގެފާނު އިސްލާމުވެވަޑައިގަތުމަށް ފަހު، އަޅުންގެ ގޮތުގައި ތިބި އެތައް ބަޔަކު ބައްލަވައިގަންނަވައި މިނިވަން ކުރައްވައިފައި ވެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި މިނިވަންކުރެއްވި އަޅުންގެ ޢަދަދު ދެހާހަށްވުރެ އިތުރު ވާނޭ ކަމުގައި ތާރީޚު ޢިލްމުވެރީން ލިޔުއްވައިފައި ވެއެވެ.
އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މާތްކަމުގެ ތެރޭގައި، ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ދެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެންނެވުން ހިމެނެއެވެ. މި ކަމަށްޓަކައި އެކަލޭގެފާނަށް ޛުއްނޫރައިނިގެ ލަޤަބު ލިބިވަޑައިގަތެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ދަރިކަނބަލުން ރުޤައްޔާއާއެވެ. އެ ކަމަނާ އަވަހާރަވުމުން، ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ދަރިކަނބަލުން އުއްމު ކުލްޘޫމާ ކައިވެނި ބައްލަވައިގެންނެވިއެވެ.
ޢުޘްމާނު رَضِيَ اللهُ عَنْهُގެ ހޭދަކުރެއްވުމާއި ދީލަތިކަން ހާމަވެގެންދާ އެއް ޙާދިޘާއަކީ ތަބޫކު ހަނގުރާމައަށް ލަޝްކަރު ތައްޔާރުކުރެއްވުމުގެ ޙާދިޘާއެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ތަބޫކަށް ވަޑައިގެންނެވުމަށް އެދި ވަޑައިގެންނެވި ހިނދު، ލަޝްކަރު ތައްޔާރު ކުރެއްވުމަށްޓަކައި، މާތް ﷲގެ މަގުގައި ހޭދަކުރެއްވުމަށް ޞަޙާބީންނަށް ބާރު އެޅުއްވިއެވެ. މި ދަޢުވަތަށް އަޞްޙާބު ބޭކަލުން އިޖާބަ ދެއްވިއެވެ. އެ ލަޝްކަރުގެ ތިންބައިކުޅަ އެއްބައިގެ ޚަރަދުތަކަކީ ހަމައެކަނި ޢުޘްމާނު رَضِيَ اللهُ عَنْهُގެ މުދަލުން ކުރެއްވި ހޭދައެވެ. އެ ހަނގުރާމައަށް ޢުޘްމާނުގެފާނު ނުވަސަތޭކަ ފަންސާސް ޖަމަލާއި، ފަންސާސް އަސް ދެއްވިއެވެ. އަދި ޞަޙާބީންގެ ތެރޭގައި ތިއްބެވި ތިންސަތޭކަ ފަޤީރު ބޭކަލުންނަށް ދަތުރުގެ ތައްޔާރީތައް ހަމަޖައްސައިދެއްވިއެވެ. މީގެ އިތުރަށް، ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ކުރިފުޅު މަތީގައި އެއް ހާސް ދީނާރުން ޞަދަޤާތް ކުރެއްވިއެވެ.
މި ޙާދީޘާގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޢުޘްމާނުގެފާނާ މެދު ޙަދީޘްކުރެއްވިއެވެ. «مَا ضَرَّ عُثْمَانَ مَا عَمِلَ بَعْدَ الْيَوْمِ» (رواه الترمذي) މާނައީ: [މިއަދަށް ފަހު ޢުޘްމާނުގެފާނު ކުރައްވާ އެއްވެސް ޢަމަލަކުން އެކަލޭގެފާނަށް ގެއްލުމެއް ނެތެވެ.] މި ފަދައިން ދެ ފަހަރު ޙަދީޘްކުރެއްވިއެވެ.
ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހު، ޙައްޖަތުލް ވަދާޢުގައި ޢުޘްމާންގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ދުނިޔެ ދޫކުރެއްވީ ޢުޘްމާންގެފާނަށް ރުހިވަޑައިގެންވާ ޙާލުކޮޅުގައެވެ. އެއަށް ފަހު އަބޫ ބަކުރު رَضِيَ اللهُ عَنْهُގެ އަރިހުގައި ހެޔޮ ގޮތުގައި ދެމިހުންނެވިއެވެ. އަބޫ ބަކުރުގެފާނު ދުނިޔެ ދޫކުރެއްވީ ޢުޘްމާނުގެފާނަށް ރުހިވަޑައިގެންވާ ޙާލުކޮޅުގައެވެ. އެއަށް ފަހު، ޢުމަރުގެފާނުގެ އަރިހުގައި ވެސް އެފަދައިން ދެމިހުންނެވިއެވެ. ޢުމަރުގެފާނަށް ފަހު، ވެރިކަމުގެ މަޝްވަރާ ކުރެއްވުމަށް ހޮއްވެވި ޞަޙާބީންގެ ހަ ބޭކަލުންގެ ތެރޭގައި ޢުޘްމާނުގެފާނު ހިމެނިވަޑައިގަތެވެ. އަދި އެކަލޭގެފާނު ވެވަޑައިގެންނެވީ މުސްލިމުންގެ ތިންވަނަ ޚަލީފާ ކަމުގައެވެ.
- ޝައިޚް ޙަސަން މޫސާ ފިކުރީ /ދީނުގެ މަގު