ސުވަރުގޭގަ އެންމެ މަތީދަރަޖައިގަ ތިބުމުގެ ފުރުޞަތު ލިބިގަތް ދެމަފިރިއަކަށް ދުނިޔޭގައިވެސް ބޮޑު ކުރިއެރުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 13މ 35ސ
ސުވަރުގޭގަ އެންމެ މަތީދަރަޖައިގަ ތިބުމުގެ ފުރުޞަތު ލިބިގަތް ދެމަފިރިއަކަށް ދުނިޔޭގައިވެސް ބޮޑު ކުރިއެރުމެއް!

އެއީ ޒުވާން ދެމަފިރިއެކެވެ. އެހާ ތަނަވަސް ދެމަފިރިންނެއްވެސް ނޫނެވެ. 4 ދަރިން ބަލަމުން އަންނަ ދެމަފިރިއެކެވެ. ދިރިއުޅެނީ އަނބިމީހާގެ ގޭގައެވެ. ފިރިމީހާގެ ދޮށީ ބޭބެ ކުއްލި ގޮތަކަށް ނިޔާވީއެވެ. 5 ދަރިން ޔަތީމްވީއެވެ.

ފިރިމީހާ ޤަޞްދުކުރީ ﷲ އަށްޓަކައި ޒިންމާ އުފުލުމަށެވެ. ބޭބެގެ ހުވަފަތްވި އަނބިމީހާއާއި ޔަތީމްވި ދަރިންގެ ޒިންމާ އުފުލުމަށެވެ. ޢާއިލާގެ އެހެން މީހަކު އެހީވިޔަސް ނުވިޔަސް އޭނާއަށް ވެވުނު ވަރަކުން އެހީތެރިވެ ބެލެހެއްޓުމަށެވެ. އެކަން އަނބިމިހާއަށް ހުށަހެޅުމުން ވަޤުތުން އެއްބަސްވިއެވެ. ހިތުން ރުހުމުންނެވެ. ބުނީ "އަހުރެންނަށްވެސް ކޮންމެވެސް އެއްޗެއް އެބަ ލިބެއެވެ. ތިބާއަށް (ފިރިމީހާއަށް) ލިބޭ އެއްޗަކުން އެކުދިންނަށް ޚަރަދުކުރުމަށެވެ. އިތުރުވެއްޖެނަމަ ގެއަށް ޚަރަދުކުރުމަށެވެ."  

5 އަހަރު ފަހެވެ. މިއަދު އެދެމަފިރިންނަށްވަނީ ޒަމާނީ ފެންވަރުގެ ބޯހިޔާވަހިކަން ލިބިފައެވެ. ގެދޮރުގެ ގޮތުން ދެމަފިރިން ދިރިިއުޅެމުން އައި ދަތިޙާލުން ސަލާމަތްވެވިފައެވެ. އިތުރު ޢާއިލާއަކަށް ޚަރަދުކުރާތީ ބޮޑު ތަނަވަސްކަމެއް ނުލިބުނު ނަމަވެސް ދިރިއުޅެމުން އަންނަނީ ފުދިގެންނެވެ.  

(މިފަދަ ދެމަފިރިއެއްގެ ވާހަކަ މީގެ ކުރިންވެސް ވާނީ ގެނެސްދެވިފައެވެ. މިއީ އެލިޔުމާއި ގުޅިގެން ކިޔުންތެރިއަކު ދެއްވި މައުލޫމާތެވެ.)

ގުޅުން ހުރި ލިޔުމެއް:  

އަމިއްލަ ޢާއިލާގައި ތިބޭ ޔަތީމްކުދިންނަށް އަޅާލައި އެހީތެރިވާން ފަސްޖެހޭ މީހުން އެބައުޅެއެވެ. ހަމައެއާއިއެކު ޔަތީމް ކުދިން ބަލައި އެކުދިންނަށް އެހީތެރިވުމުން ސުވަރުގެއިން ލިބެން އޮތް މަތިވެރި ދަރަޖައާއިމެދު ސަމާލުކަން ދެވެނީވެސް މަދުބައަކަށެވެ.  

އެހެންކަމުން ކިޔުންތެރިންގެ ކިބައިން އެދެނީ ތިރީގައިވާ ލިޔުން ކިޔާލައްވައި ސުަވރުގޭގެ އެންމެ މަތިން ފުރުޞަތު ހޯއްދަވަން މަސައްކަތްކުރެއްވުމެވެ.  

މި  وصيّة ގައި މާތް ﷲ އަންގަވަނީ ޔަތީމުކުދިންގެ މުދަލަށް ރައްކާތެރި ވުމަށެވެ. އެކަލާނގެ ވަޙީބަސްފުޅު ގައިވެއެވެ. "وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖ")ألأنعام 152) މާނައީ: " އެންމެ އެދެވޭ ރަނގަޅު ގޮތުންމެނުވީ ތިޔަބައިމީހުން ޔަތީމު ކުދިންގެ މުދަލާ ގާތް ނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާންދެން (އެމުދާ ރައްކާތެރިކޮށް ބަލަހައްޓާށެވެ!)"  

ޔަތީމު ކުދިންނަކީ، އެކުދިންގެ ތަޞައްރަފު ފުދުމުގެ ކުރީގައި އެކުދިންގެ ބައްޕަ މަރުވެފައިވާ ކުދިންނެވެ. ވީމާ، އެކުދިން އެބައެއްގެ ބެލުމުގެ ދަށުގައިވާ މީހުންނަށް މާތް ﷲ އަންގަވައި ވަޞިއްޔަތް ކުރައްވަނީ، އެކުދިންގެ މުދަލާ ގާތްނުވުމަށެވެ. އެ މުދަލާ ގާތްވެސް ނުވާށޭ އަންގަވަނީ އެއާ ގާތްވެ އުޅޭނަމަ އެއިން ކެވިދާނެ ކަމަށްޓަކައެވެ. އެއިން ބޭނުން ކުރެވިދާނެ ކަމަށްޓަކައެވެ.  

ތިމާގެ ބެލުމުގެ ދަށުގައި ޔަތީމު ކުއްޖަކު ހުރިނަމަ އެކުއްޖަކު ބަލައި ބޮޑުކޮށް ރަނގަޅު ތަރުބިއްޔަތެއް ދޭންވާނެއެވެ. އަދި އޭނާގެ މުދަލަށް ވެސް ރައްކައުތެރިވެ ބަލަހައްޓަންވާނެއެވެ. ރައްކައުތެރިވާނެ ގޮތަކީ، އެންމެ ފައިދާހުރި ރަނގަޅު ގޮތުގައި އެމުދާ ދިރުވައި އިތުރުކުރުމެވެ. ޚަރަދު ކޮށް ހުލިވެގެން ދިޔަނުދިނުމެވެ. އަދި އެކުދިން ބާލިޣުވެ  މުދަލަށް ތަޞައްރަފު ފުދުމުން އެކުދިންނާ އެމުދާ ޙަވާލު ކުރަންވާނެއެވެ. އެކުދިންގެ ވަލީވެރިންނާއި ބަލަދުވެރިންނަށް އަންގަވާފައި ވަނީ އެމީހުންގެ މުދަލުގެ ތެރެއަށް އެކުދިންގެ މުދާ ޖަމާ ނުކުރުމަށެވެ. މާތް ﷲ ވަޙީކުރެއްވި އެވެ." وَآتُوا الْيَتَامَىٰ أَمْوَالَهُمْ ۖ وَلَا تَتَبَدَّلُوا   الْخَبِيثَ بِالطَّيِّبِ ۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ ۚ إِنَّهُ كَانَ حُوبًا كَبِيرًا (2) " (النساء : 2)

މާނައީ: " ތިޔަބައިމީހުން ޔަތީމު ކުިންނަށް އެބައިމީހުންގެ މުދާތައް ދޭށެވެ! އަދި އޭގެ ތެރެއިން މޮޅުތަކެއްޗަށް ދެރަތަކެތި ބަދަލު ކޮށް ނުހަދާށެވެ! އަދި އެބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މުދަލާ އެކު، ބޭނުންކޮށް، ކައި ނުހަދާށެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ފާފައެއް ކަމުގައި އެކަންތައް ވިއެވެ."  

އަދިވެސް ޔަތީމު ކުދިންނާމެދު މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. 

"وَابْتَلُوا الْيَتَامَىٰ  حَتَّىٰ إِذَا بَلَغُوا  النِّكَاحَ فَإِنْ   آنَسْتُمْ مِنْهُمْ  رُشْدًا  فَادْفَعُوا  إِلَيْهِمْ     أَمْوَالَهُمْ ۖ وَلَا تَأْكُلُوهَا  إِسْرَافًا وَبِدَارًا أَنْ يَكْبَرُوا ۚ وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُوا عَلَيْهِمْ ۚ وَكَفَىٰ بِاللَّهِ حَسِيبًا" (6) (النساء : 6) 

މާނައީ: "އަދި ތިޔަބައިމީހުން ޔަތީމުންގެ ގޮތްބަލާށެވެ! އެބައިމީހުން ކާވެންޏާ ހަމައަށް ބާލިޣުވެއްޖައުމަށް ދާންދެނެވެ. (އެބަހީ: އަނބި ނުވަތަ ފިރި ފުރާވަރަށް އަރައްޖައުމަށް ދާންދެނެވެ. ) ފަހެ (މުދާގެންގުޅުމައި އުޅުމުގައި ) ތަންދޮރު އެނގުމެއް އެބައިމީހުންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ އެބައިމީހުންގެ މުދާތައް އެބައި މީހުންނަށް ތިޔަބައި މީހުން ދޭށެވެ! އަދި އިސްރާފުގެ ގޮތުންނާއި އެބައިމީހުން ބޮޑެތި ވެދާނޭ ކަމާމެދު އަވަސްވެ ގަތުމުގެ ގޮތުން ތިޔަބައިމީހުން އެމުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެމީހާ (އެމުދަލުން ނުކައި ) ޢިއްފަތްތެރިވާ ހުށިކަމެވެ. ފަޤީރަކު ކަމުގައި ވެއްޖެމީހާ ހެޔޮގޮތުގައި އެމުދަލުން ކާހުށި ކަމެވެ. (އެބަހީ: ކެއަސް އެންމެ ރަގަޅެވެ. ) އަދި އެބައިމީހުންގެ މުދާތައް އެބައިމީހުންނަށް ދޭހިނދު އެބައިމީހުންގެ މައްޗަށް ތިޔަބައިމީހުން ހެކި ކުރާށެވެ! (އެބަހީ: ހެކިން ބައިތިއްބައިގެން އެކަން ކުރާށެވެ! އަދި ހިސާބު ބައްލަވަނިވި ކަލަކު ކަމުގައި ﷲ ފުދެއެވެ."  

އިސްލާމީ ޝަރީޢަތުގައި، ޔަތީމު ކުއްޖަކު ބަލަން ޖެހިފައިވާ މީހާ އަކީ ފަޤީރަކު ނަމަ އެކުއްޖާގެ މުދަލުން ބޭނުން ހިފުން އޭނާއަށް ހުއްދައެވެ. އެއީ އިސްރާފު ކުރުމަކާ ނުލައި ބޭނުން ކުރުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކުއްޖާގެ މުދާ ދިރުވައި އިތުރު ކޮށް ބެލެހެއްޓުމަށް އޭނާކުރާ މަސައްކަތުގެ އުޖޫރައާ އެއްވަރު މިންވަރެއް އޭނާ ބޭނުންކުރުން ހުއްދައެވެ. އެމީހަކީ މުއްސަންޖަކުނަމަ އެކުއްޖާގެ މުދަލުން ކެއުން ހުއްދައެއް ނޫނެވެ. އިސްވެދިޔަ އާޔަތުން މިކަން ސާފުކޮށް ދޭހަވެއެވެ.  

އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ."إِنَّ الَّذِينَ  يَأْكُلُونَ  أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا (10) (النساء 10)   " 

މާނައީ: "ހަމަކަށަވަރުން އަނިޔާވެރި ގޮތުގައި ޔަތީމު ކުދިންގެ މުދާތައް ކާމީހުން، އެބައިމީހުންގެ ބަނޑުތެރެއަށް އެމީހުންކާކަން ކަށަވަރީ، އަލިފާނެވެ. އަދި އަނދަ އަނދާ ހުންނަ ނަރަކައަށް އެމީހުން ވަންނާނެއެވެ." 

މިފަދަ އާޔަތްތަކުން ދޭހަވެ އެނގޭ ގޮތުގައި ޔަތީމުކުދިންނާމެދު މުޢާމަލާތު ކުރަން ވާނީ އެންމެ ރިވެތި އެންމެ ރަނގަޅު ގޮތުގައެވެ. އެއީ އެކުދިން ބަލައި ބޮޑުކުރުމުގައްޔާއި، އެކުދިންގެ މުދާތައް ރައްކާތެރި ކޮށް ބެލެހެއްޓުމުގައްޔާއި، އަދި މިނޫންވެސް މުޢާމަލާތު ތަކުގައެވެ. އެކުދިންގެ ބައްޕަ ގެއްލުމުން އެކުދިންނަށް ލިބުނު އުނިކަމުގެ ތެރެއިން ކުޑަމިންވަރެއް ނަމަވެސް ފޫބައްދައި ދެވޭތޯއެވެ. މާތް ﷲ ވަޙީ ކުރައްވަނީ " فَأَمَّا الْيَتِيمَ فَلَا تَقْهَرْ (9) " (الضحى: 9)  މާނައީ: " ޔަތީމު ކުއްޖާ އާމެދު ދަންނާށެވެ! ފަހެ ކަލޭ އޭނާ ދެރަކޮށް ނިކަމެތި ކޮށްނުލާށެވެ! 

ޔަތީމަކަށް ވުމަކީ އައިބެއް ނޫނެވެ. މަލާމާތް ރައްދުކުރެވޭ ކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ؟ އެއީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ﷲ މިންވަރު ކުރައްވާފައިވާ ކަމެކެވެ. ރިޒުޤު ދެއްވާ ދީލަތި ވަންތަ ބާރުވެރި ވަންތަ ރަސްކަލާނގެ އެއީ ﷲ ކަން ދެނެގަތުން ހުއްޓެވެ.  

ކުޑަކުއްޖެއްގެ ބައްޕަ ނިޔާވުމަކީ އެކުއްޖާގެ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އަދި އެކުއްޖާ ނުލަފާވުމުގެ ފެށުމެއްވެސް ނޫނެވެ. ބައްޕަ މަރުވެފައިވާ ކިތައް ކިތައް ކުދިން ބޮޑުވެ ބާއްޖަވެރި ރަގަޅު ދިރިއުޅުމެއް ހޯދާފައި ވޭތޯ އެވެ؟ އަދި ބައްޕައާއި މަންމަ ދުނިޔޭގައި ތިބި ކިތައްކުދިން އެކުދިންގެ މައިން ބަފައިންގެ އިހްމާލުގެ ސަބަބުން ގޯޅި އަޅައިގެންގޮސް ވިޔާނުދާ ކުދިންކަމުގައި ވެފައިވޭތޯއެވެ. ބައްޕައާއި މަންމަގެ ކުލުނާއި އެހީތެރިކަން ލިބެމުން އަންނަ އެފުރައިގެ ކުދިންނަށްވުރެ ޔަތީމު ކުދިން ހުރިހާ ރޮނގަކުން ކުރިއަރައިގެން ގޮސްފައިވަނީވެސް މަދެއްކޮށް ނޫނެވެ.  

ޔަތީމު ކުދިންނަށް އެކުދިންގެ މައިން ބަފައިންގެ އޯގާވެރިކަމާއި ކުލުނު ގެއްލިފައި ވާތީ އެކަން ފޫބެއްދޭތޯ ލޯތްބާއި އޯގާވެރިކަން އެކުދިންނަށް ދޭން ޖެހޭނެއެވެ. އެކުދިންނަށް ހިތްހެޔޮކަމާއެކު ބަސްބުނަން ޖެހޭނެއެވެ. ނަފްސާނީ ބަލިތަކުން ސަލާމަތްވެގެންވާ  ހަމަޖެހޭ ފުރިހަމަ ޝަޚްޞިއްޔަތަކަށް ހެދޭނީ އޭރުންނެވެ. މިފަދަ އެހީތެރިކަމެއް އޭނާއަށް ނުލިބިއްޖެނަމަ މުޖުތަމަޢަށް ގެއްލުންދޭ ފާސިދު ދެކޮޅުވެރި ފަރުދަކަށް އޭނާ ވެގެންހިނގައި ދާނެއެވެ.

އެހެންވީމާ އިސްލާމްދީންވަނީ ޔަތީމުކުދިންނަށް ޚާއްޞަ ޢިނާޔަތެއް ދީފައެވެ. އެކުދިންނަށް އިޙްސާންތެރި ވުމަށާއި އެކުދިން ބަލާ ބޮޑުކުރުމަށާއި އެކުދިންނަށް ރައްކާތެރިކަން ދިނުމަށާއި ރަގަޅު ތަރުބިއްޔަތެއް ދިނުމަށް އިސްލާމްދީން ވަނީ ގޮވާލާފައެވެ.  

އެކުދިންނާމެދު ޢަދްލުވެރި ގޮތުގައި ކަންތައް ކުރުމަށް އަންގަވާފައި ވެއެވެ..

" وَأَنْ تَقُومُوا لِلْيَتَامَىٰ بِالْقِسْطِ ۚ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ كَانَ بِهِ عَلِيمًا " (النساء : 127) 

 މާނައީ: އަދި ތިޔަބައިމީހުން ޔަތިމުންނާމެދު ޢަދްލު އިންޞާފުގެ ގޮތުގައި ކަންތައް ކުރުމަށް (އަންގަވައެވެ.) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވާ ކަން ކަށަވަރެވެ."

ޤިޔާމަތްދުވަހުން  ދިންނަވާނޭ ހެޔޮލަފާ މުއުމިނުންގެ  ސިފަތަކުގެ ތެރޭގައި ޔަތީމުކުދިން ނަށް ކަމޭހިތުން ހިމެނިގެން ވެއެވެ. 

 "وَيُطْعِمُونَ  الطَّعَامَ  عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا (8) " (الإنسان: 8) 

މާނައީ: " އެތަކެއްޗަށް ލޯބިހުރުމާއި އެކުވެސް މިސްކީނުންނަށާއި ޔަތީމުންނަށާއި ހައްޔަރު ކުރެވިގެންވާ މީހުންނަށް ކާންދީ އެބައިމީހުން އުޅެއެވެ."  

ޣަނީމާ މުދާ ބަހާއިރު ޔަތީމުކުދިންނަށް ބައެއް އެޅުމަށް އަންގަވާފައި ވެއެވެ.  الأنفال ސޫރަތުގެ ސާޅީސް އެއް ވަނަ އާޔަތުގަ އާއި الحشر ސޫރަތުގެ ހަތްވަނަ އާޔަތުގައި މުދާ ބަހާއިރުވެސް އެކުދިންނަށް ބައެއް އެޅުމަށް އަންގަވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ.

" أَنَا وَكَافِلُ الْيَتِيْمِ فِى الجَنَّةِ هكَذَا " (أخرجه البخارى)   

މާނައީ: " ތިމަންކަލޭގެފާނާއި، ޔަތީމު ކުއްޖާ ބަލާބޮޑުކުރާމީހާ ސުވަރުގޭގައިވާނީ މިފަދައިންނެވެ. " މިހެން ވިދާޅުވެ ޝަހާދަތް އިނގިލި ފުޅާއި މެދުއިނގިލިފުޅުން އިޝާރާތް ކުރައްވައި އެދެ އިނގިލިފުޅު ދުރުކޮށްލެއްވިއެވެ.  

ރަސޫލް (ﷺ)ގެ ހަވަނަ وصيّة: ޔަތީމުކުދިންގެ މުދަލަށް ރައްކާތެރިވުން  

- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން