ކީރިތި ޤުރްއާނާއިމެދު މިޙަޤީޤަތްތައް އެނގުމަކީވެސް ޤުރްއާނަށް ލޯބިއިތުރުވާނެ ކަމެއް! ދަރިންނަށް ދަސްކޮށްދޭންވެސް ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ކީރިތި ޤުރްއާނާއިމެދު މިޙަޤީޤަތްތައް އެނގުމަކީވެސް ޤުރްއާނަށް ލޯބިއިތުރުވާނެ ކަމެއް! ދަރިންނަށް ދަސްކޮށްދޭންވެސް ޖެހޭ!

ޤުރްއާން ޤަބޫލުކުރަން ބޭނުން ނުވާ މީހުންނާ ވާހަކަ ދައްކަންވާނީ ޙިކުމަތުގެ ބޭނުންކޮށްގެންނެވެ. ބަލިކުރަންޖެހޭނީ ޒުވާބުކޮށްގެނެއް ނޫނެވެ. ދަލީލު ދައްކައިގެންނެވެ. މިގެނެސްދެނީ އެފަދަ ވަރަށް ގިނަ މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ.  

މައްސަލައެއް ނެތެވެ! ތިބާ ކީރިތި ޤުރްއާން ޤަބޫލުކުރަން ބޭނުންނުވަނީއެވެ. އަދި އެއީ ﷲ ތަޢާލާގެ ވަޙީކަމަށް ޤަބޫލުކުރަންވެސް ބޭނުން ނުވަނީއެވެ. އެކަމަކު ނިކަން އަހުރެންގެ މިސުވާލުތަކަށް ޖަވާބުދީބަލާށެވެ! އެންމެ ޙަޤީޤަތެއްވެސް ނިކަން ދޮގުކޮށްބަލާށެވެ!  

ކީރިތި ޤުރްއާން އެއޮތީ ފެންނާށެވެ! ޢިލްމުވެރިންގެ މެދުގައި އާޔަތްތަކުގެ ޢަދަދާއިމެދުގައި ޚިޔާލުތަފާތުވުމެއް އޮތަސް ލިޔެވިފައިވާ ލިޔުމާއިމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތުވަނީ އާޔަތް ބައިކުރުމުގައެވެ.  

މިއާޔަތްތައް ލިޔެވިގެންވަނީ ވަރަށް ގިނަ ޚާއްޞަ ކަންތައްތަކަކާއިއެކުގައެވެ. ތަޖުވީދުމަގުން ކިޔެވުމަށްޓަކައި ހުއްޓުންތަކަކާއި މައްދުތަކެއްވެސްވެއެވެ. އަދި ފިލިތަކެއްވެއެވެ.  

އަހުރެމެންނަށް އުޅެން މިޖެހެނީ 10 ވަރަކަށް ޞަފްޙާގެ ކުޑަކުޑަ ފޮތެއްވެސް ލިޔުމުގެ އަޞްލާއި އެއްގޮތަށް ހިތުދަސްނުކުރެވިގެންނެވެ. އެކަމަކު ކުރިން މިބުނިގޮތަށް ޤުރްއާން މުޞްޙަފްގައި (600 އަށްވުރެ ގިނަ ޞަފްޙާގައި) ލިޔެވިފައިވާ ގޮތަށް ކިޔަވަން ހިތުދަސް އެތައް މިލިއަން މުސްލިމުން ދުނިޔޭގައި އެބައުޅެއެވެ. އެމީހުންނަށް އަހުރެމެން ކިޔަނީ ޙާފިޡުންނެވެ. އަދި ބޮޑު ފޮތަކީ (މުޞްޙަފަކީ) ދުނިޔޭގެ އެންމެ ގިނަބައަކު ހިތުދަސްކަމުގެ ދުނިޔޭގެ ރެކޯޑް ލިބިގެންވާ ފޮތެވެ!  

ފުރަތަމަ ސުވާލަކީ އެއީ ކިހިނަކުން ހިނގައިގެން އުޅޭ ކަމެއް ހެއްޔެވެ؟ އެފޮތަކީ އެންމެހައި ކަންކަމަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ތަޢާލާ ބާވައިލެއްވެވި ފޮތެއް ކަމަށް އެވަރުންވެސް ޔަޤީންނުކުރެވެނީ ހެއްޔެވެ؟  

ދެން ނިކަން ބުނެބަލާށެވެ! އެފޮތަށް (ފޮތުގައިވާ ލިޔުމަށް، އާޔަތްކަށް) އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށް އޮފޮތުގައި އެބައޮތެވެ. އެފޮތް ބާވައިލެއްވެވުނީންސުރެ އަބަދުވެސް ދުޝްމިނުން ގެންދަނީ ބަދަލުކުރަން މަސައްކަތްކުރަމުންނެވެ. 1400 އަހަރުފުރި 1500 އަހަރުހަމަވާން ގާތްވަމުން އަންނައިރު ބަދަލެއް ނުގެނެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟  

ދެން ނިކަން ބުނެބަލާށެވެ! އިންސާނުން ލިޔާ ފޮތްތައް ކިތަންމެ މޮޅަށް ދިރާސާކޮށްގެން ލިޔުނަސް ފަހުން ބަދަލުގެންނަން އެބަޖެހެއެވެ. ސައިންސްވެރިންގެ ރިޕޯޓްތައްވެސް ބަދަލުކުރަންޖެހެއެވެ. އެކަމަކު ކީރިތި ޤުރްޢާނުން އެންމެ ކުށެއްވެސް ނުދެއްކިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކުށެއް ހޯދަން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ކުށްހޯދަން މަސައްކަތްކުރާ ގިނަމީހުންނަށް ފޮތުގެ ޞައްޙަކަން އިތުރަށް ޔަޤީންކުރެވި އެފޮތް ޤަބޫލުކޮށް އިސްލާމްވަނީ ނޫންހެއްޔެވެ؟  

ބޯހަރުވީމާ ގޮތްދޫކުރަން ބޭނުންނުވާ ބައަކު ތިބޭނެއެވެ. އެމީހުން ބުނާނީ ޤުރްއާން ޤަބޫލުނުކުރާ ކަމަށެވެ. އެކަން އަހުރެންނަކަށް މައްސަލައަކަށް ނުވެއެވެ. ޤުރްއާން ޤަބޫލުނުކުރާ ބައަކު ފެށުނީންސުރެ ތިބޭތީއެވެ. އަހުރެން މިބުނަނީ ޤުރްއާން ޤަބޫލުނުކުރިނަމަވެސް އަހުރެން މިފާހަގަކުރި ކަންކަމަށް ނިކަން ޖަވާބުދީބަލާށެވެ!  

ދުނިޔޭގައި 5 ބިލިއަން ކާފިރުން ގުޅިގެންވެސް ނިކަން އަހުރެން މިފާހަގަކުރި އެންމެ ޙަޤީޤަތެއްވެސް ދޮގުކޮށްބަލާށެވެ! އެއެންމެނަށް ގޮންޖަހާފައި ބުނަމެވެ. އެންމެ ކަމެއްވެސް ދޮގެއް ނުކުރެވޭނެއެވެ. އެކަމަކު އަހުރެން އަދިވެސް އިތުރަށް އެމީހުންނަށް ދޮގުނުކުރެވޭނެ އެތައް ކަމެއް ޤުރްއާނުން ދައްކައިފާނެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން