200 ދުވަސްވަންދެން ކޮންމެ ނަމާދެއްގައިވެސް އިމާމް މީހާގެ ޙަރްމަބަންނަ ތަކްބީރާއެކު ޖަމާޢަތުގަ ނަމާދުކުރި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
200 ދުވަސްވަންދެން ކޮންމެ ނަމާދެއްގައިވެސް އިމާމް މީހާގެ ޙަރްމަބަންނަ ތަކްބީރާއެކު ޖަމާޢަތުގަ ނަމާދުކުރި މީހެއްގެ ވާހަކަ-

އޭނާ އެކަމަށް މަސައްކަތް ފަށައިގަތީ އިމާމް މީހާގެ ޙަރަމްބަންނަ ތަކްބީރާއިއެކު ޖަމާޢަތުގައި ބައިވެރިވެ ނަމާދުކޮށްފި މީހާ ނަރައިންއިންނާއި ނިފާޤުން ސަލާމަތް ކުރައްވަވާނެ ޙަދީޘްފުޅުގައި އޮންނާތީ އެކަން އެދިގެންނެވެ.  

ފުރަތަމަ 16 ދުވަހު ކުރެވުނުތަނާ ފޭލްވީ ޤަމާތްދޭ ވަޤުތުގެ މާކުރިން އިމާމް މީހާ އެދުވަހު ޤަމާތްދީ ނަމާދުފެށުމުންނެވެ. ދުވެފައި ދެންހުރި މިސްކިތަށް ދިއުމުންވެސް ފުރުޞަތު ނުލިބުނީމައެވެ. އަލުން ފަށައިގަނެގެން ދެވަނަ ފަހަރު 14 ދުވަހަށްފަހު ފޭލްވީ ފަތިހު ހޭލެވުނުއިރު ފާޚާނާގައި ފެންލިބެން ނެތުމުންނެވެ.  

މިހާރު ޢޭނާއަށް އެވަނީ ކޮންމެ ގޮތަކަށް ނަމަވެސް ދެފަހަރުމަތިން 30 ދުވަހު އެގޮތަށް ނަމާދުކުރެވިފައެވެ. އެއިރު އޭނާއަށް ވަނީ ވަރަށް ގިނަ ކަންތައްތަކަކަށް ތަރުބިއްޔަތު ލިބިފައެވެ. ހަމައެކަނި ނަމާދުކުރުމުގައެއް ނޫނެވެ. ދުރުއުޅުމުގެ ކަންކަމުގައިވެސް މެއެވެ. ޚާއްޞަކޮށް ނަމާދު ވަޤުތަށް ފަރުވާތެރިވުމަށެވެ. ކުރަން ކޮންމެ ކަމެއް ހުރިނަމަވެސް އެކަން ބަހައްޓާފައި ނަމާދަށް ދިއުމަށެވެ. ކެއުންބުއިމަށްވުރެވެސް ނަމާދުކުރަން އިސްކަން ދިނުމަށެވެ.  

ކޮންމެއަކަސް އޭނާ 3 ވަަނ ފަހަރަށްވެސް ފަށައިގަތެވެ. ފޭލްނުވެ 39 ދުވަސް ހަމަވުމުން ދުޢާކުރިއެވެ. އަދި އެންމެ ދުވަހަކު ދުނިޔޭގައި ބަހައްޓަވައި ދެއްވެވުން އެދިގެންނާއި އޭނާއަށް 40 ދުވަހު އެގޮތަށް ނަމާދު ކުރުމުގެ މަގު ފަހިކޮށްދެއްވެވުން އެދިގެންނެވެ. އޭނާ އެގޮތަށް ނަމާދުކުރުން ކުރިއަށް ގެންދިއައީ ހަމައެކަނި 40 ދުވަހަކަށް ނޫނެވެ. ދުލެއް ދިނީ 200 ދުވަސް ހަަމކޮށްފައެވެ.  

އެއިރު އޭނާ ހުރީ އެތައް ގޮތަކުން މުޅިން އެހެން މީހަކަށް ބަދަލުވެފައެވެ. ދުނިޔޭގައި ހުރިނަމަވެސް މިއުޅެވެނީ ﷲ ތަޢާލާގެ ޙަމްރަތުގައި ކަމަށް ހީކުރެވޭ ފެންވަރަށް ﷲ ތަޢާލާއާއި ކުއްތަންވެވިފައެވެ. ނިފާޤުން މުޅިން ސަލާމަތްވެވިފައެވެ.  

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނާއިއެކުގައެވެ. ނަމާދުކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުކަމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވިޔަސް ކެތްތެރިކަމާއިއެކު ނަމާދުކުރުމަށެވެ.  

- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން