ބިރުވެތިވާށެވެ! ކިތަންމެ ބޮޑަށް އަރާމުލިބޭ ގޮތަކުން ނަމަވެސް އަމިއްލައަށް ބޭނުން ފުއްދުމަކީ އަތްމަތިދަތިވެ ކުރިމަގު އަނދިރިވާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 17މ 55ސ
ބިރުވެތިވާށެވެ! ކިތަންމެ ބޮޑަށް އަރާމުލިބޭ ގޮތަކުން ނަމަވެސް އަމިއްލައަށް ބޭނުން ފުއްދުމަކީ އަތްމަތިދަތިވެ ކުރިމަގު އަނދިރިވާ ކަމެކެވެ!


އުފާވެރިކަން ލޮބިގަންނަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ދެރުހެލިވަމުން ގޮސް ގިނަ ބައަކު މިވަނީ ހައްދުފަހަނައަޅައިފައެވެ. މީސްތަކުންނަށް އެންމެ ބޮޑަށް އުފާވެރިކަން ލިބޭނެ ގޮތަށް ހުއްދަކުރައްވަވާފައިވާ ކަންކަން ބަދަލުކޮށް ތިމާގެ ޞިއްހަތަށްވެސް ގެއްލުން ލިބޭ އަދި ފާފަވެރިވާނެ ގޮތަށްވެސް ގެންދަނީ ކުރަމުންނެވެ. އެއިގެ ތެރެއިން އެއްކަމަކީ އަމިއްލައަށް ޖިންސީ އެދުން ފުއްދުމެވެ.  

ބައެއް މީހުން ދެކެނީ އަމިއްލައަށް ޖިންސީއެދުން ފުއްދުމަކީ އެއްވެސް މައްސލައެއް ނޫން ކަމަށާއި އެއީ ތިމާގެ އަމިއްލަ މައްސަލައެއް ކަމަށެވެ. އެބައިމީހުން ވަނީ އެކަމަށް މީސްތަކުން ލަންބުވަން ޝައިޠޯނާ ވަސްވާސްދީގެން އުފައްދުވާފައިވާ ޒަމާނީ ޢާލާތްތަކުގެ އަވާގައި ޖެހިފައެވެ. އެއާއި ނުލާ ނުއުޅެވޭވަރުވެފައެވެ.  

އެކަން ޢާންމުވެފައިވާ މިންވަރަކީ ދެމަފިރިންވެސް އެފަދަ ވަސީލަތްތައް މިހާރު އެބަ ބޭނުންކުރެއެވެ. ދެމަފިރިން ނަމަވެސް އެފަދަ ވަސީލަތްތައް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެކުރެވެނީ ހަމަ ބޮޑުވެގެންވާ ފާފައެކެވެ.

ތިބާކުރާ ފާފައެއްގެ ސަބަބުން ﷲ ތަޢާލާ ތިބާއަށް ލަޢްނަތް ލައްވަވައިފިނަމަ އެމީހާގެ ދިރިއުޅުން ޚަރާބުވީއެވެ. ޢާއިލީ ދިރިއުޅުން ހަލާކުވެ އަތްމަތިދަތިވެދާނެއެވެ. ވަޒީފާ ގެއްލިދާނެއެވެ. އަދި ކިތަންމެ ބޮޑު ބަލިމަޑުކަމެއްވެސް ކުރިމަތިވެދާނެއެވެ. މިފަދަ ކޮންމެ ކަމެއް އެމީހަކަށްވާހުށީ ބޮޑު މުޞީބާބާތަކަށެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމް ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކް ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރު ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒްޤް ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް،  ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ."

(އަލްއަޏާމް: 151)   

"-- އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ." އޮތް ބަސްފުޅުގައި އެވަނީ ހަމައެކަނި ޒިނޭކުރުން ކަމަށް ދެކެގެން ނުވާނެއެވެ. ޖިންސީ އެދުން ފުއްދުމަށްޓަކައި ﷲ ތަޢާލާ ހުއްދަކުރައްވަވާފައިނުވާ ކަންކަން ހިމެނިގެންދާނީ ޙަރާމްކުރެއްވެވި ފާހިޝް ޢަމަލުތަކުގެ ތެރޭގައެވެ.  

ވީމާ މިވެނި ބާވަތެއްގެ އެއްޗެއްގެ ވާހަކަ، ނުވަތަ މިވެނިކަމެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ނެތްކަމަށް ބުނެ ޙުއްޖަތެއް ނުދެއްކޭނެއެވެ. ހުއްދަކުރެއްވެވި ކަންކަމާއި ހުއްދަކުރެއްވެވި ހަމަތައް ޤުރްއާނުގައި އެވަނީ ބަޔާން ކުރައްވަވައިފައެވެ. އުނި އިތުރެއް ނުގެނެވޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއީވެސް ވިދާޅުވުން މުހިންމު ލިޔުމެކެވެ. 

މި ޒަމާނަކީ މުސްލިމު މުޖުތަމަޢުތަކުގައިވެސް ފާފަތައް ގިނަވެ އާންމުވެފައިވާ ޒަމާނެކެވެ. ހުޅަނގުގެ ފިކުރީ އޮއެވަރުގައި ޖެހި ބައެއް ކަހަލަ ފާފަތައް މިވަނީ މުސްލިމުންގެ ލޯތަކާއި ސިކުނޑިތަކަށް ޢާންމުވެ އެއީ ގޯހެއް ނޫންކަމުގައި ޤަބޫލުކުރެވެން ފަށާފައެވެ. ނަމަވެސް މުސްލިމުންގެ އުޞޫލަކީ ކޮންމެކަމެއްގައިވެސް ޙައްޤުގޮތް ބުނެދީ ތެދުމަގު ބަޔާންކޮށްދިނުމެވެ. މިގޮތުން އަމިއްލައަށް އެދުން ފުއްދުމަކީ ފާފައެއްކަމާއި އެކަމަށް ޢިލްމުވެރިން ގެންނަވާ ދަލީލުތަކާއި، މިކަމުގެ ޙުކުމާމެދު ބައެއް ފަރާތްތަކުން އުފައްދާ ސުވާލުގެ އިތުރުން މި ފާފައިން ރައްކާތެރިވެ ދުރުލެހިވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް މި ލިޔުމުގައި އަލިއަޅުވާލުމަށް ޤަޞްދުކުރަމެވެ. 

އެންމެ ފުރަތަމަ ކަމަކަށް އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ޙަރާމްކަމެކެވެ. މި ކަމުގެ ދަލީލުތައް ޤުރުއާނާއި ޙަދީޘުން ޢިލްމުވެރިން ބަޔާންކޮށްދެއްވައެވެ. 

ابن كثير رحمه الله ވިދާޅުވެފައިވެއެވެ.

“އަމިއްލައަށް އެދުން ފުއްދުމަކީ ޙަރާމްކަމެއްކަމުގައި إمام الشافعي އަންނަނިވި އާޔަތްތަކުން ދަލީލު ނަންގަވައެވެ. ﷲ تعالى ވަހީކުރެއްވެވިއެވެ. 

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾ [سورة المؤمنن: 5-7]

މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ. [5] އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. [6] ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަހައްދު) ފަހަނަ އަޅައިދާ މީހުންނެވެ. [7]” 

އަދި إمام الشافعي ގެ ފޮތް الأم ގައި ވެއެވެ.

“މި އާޔަތުން އަނބިންނާއި މިލްކުވެގެންވާ އަޅުންނާއެކު މެނުވީ ޖިންސީ އެދުން ފުއްދުމަކީ ޙަރާމްކަމެއްކަން ބަޔާންވެގެން ވެއެވެ. އަދި 7 ވަނަ އާޔަތުން އެކަން އިތުރަށް ކަށަވަރުކޮށްދެއެވެ.

ﷲ تعالى ވަޙީކުރެއްވެވިއެވެ. 

فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾

(މާނައީ: ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަހައްދު) ފަހަނަ އަޅައިދާ މީހުންނެވެ) 

ފަހެ، އަނބިންނާއި މިލްކުވެގެންވާ އަޅުންނާއިއެކު މެނުވީ ޖިންސީ އެދުން ފުއްދުން ހުއްދަވެގެން ނުވެއެވެ. އަދި އަމިއްލައަށް ޖިންސީ އެދުން ފުއްދުން ހުއްދަވެގެން ނުވެއެވެ. والله أعلم” 

ބައެއް ޢިލްމުވެރިން النور ސޫރަތުގެ 33 ވަނަ އާޔަތުންވެސް ދަލީލު ނަންގަވައެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ. 

وَلْيَسْتَعْفِفِ الَّذِينَ لا يَجِدُونَ نِكَاحًا حَتَّى يُغْنِيَهُمُ اللَّهُ مِنْ فَضلِهِ ﴿33﴾

މާނައީ: "އަދި ކައިވެނި ކުރުމަށް މަގެއް ނުފެންނަ މީހުން ޢިއްފަތްތެރިވެ ތިބޭހުށިކަމެވެ! ﷲ، އެކަލާނގެ ފަޟްލުވަންތަކަމުގ  ތެރެއިން، އެއުރެން މުއްސަނދި ކުރައްވައި، އެކަން ފުއްދަވާދެއްވުމަށް ދާންދެނެވެ." 

ކައިވެނި ކުރުމަށް މަގެއް ނުފެނުނު މީހާ ޢިއްފަތްތެރިވުމަށް އަންގަވާފައިވުމުން ކައިވެނީގެ ބޭރުން އޭނާގެ އެދުންވެރިކަން ފުއްދުމުން އެއްކިބާވެ އެކަމަށް ކެތްތެރިވާން ޖެހޭކަން ބަޔާންވެގެން ދެއެވެ. 

عَبْدُ اللَّهِ بن مَسعُود رَضِيَ اللَّهُ عَنهُ قال: كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ شَبَابًا لاَ نَجِدُ شَيْئًا، فَقَالَ لَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: [يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ البَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ] ]رواه البخاري: 5066[

މާނައީ: عَبْدُ اللَّهِ بن مَسعُود رَضِيَ اللَّهُ عَنهُ ވިދާޅުވިއެވެ. ޒުވާން ޢުމުރުގައި، މިލްކުގައި އެއްވެސް މުދަލެއް ނުވާއިރު ތިމަންބޭކަލުން ރަސޫލާ صلى الله عليه وسلم އާއެކު ވީމެވެ. ފަހެ ތިމަންބޭކަލުންނަށް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ. “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވެގެންވާ މީހަކު ކައިވެނިކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ މައްޗަށް އޮތީ ރޯދަ ހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރުވާނޭ އައްޑަނައެކެވެ." 

އަމިއްލައަށް އެދުން ފުއްދުމަކީ، ރޯދަހިފާ އެކަމަށް ކެތްތެރި ވުމަށްވުރެ ފަސޭހަ މަގެއް ކަމުގައި ހީވިޔަސް ޙަދީޘްފުޅުގައި އިރުޝާދު ދެއްވާފައިވަނީ ކައިވެނި ކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ރޯދަ ހިފުމަށެވެ. މީގެ އިތުރުންވެސް މި ނޭދެވޭ ޢަމަލުގެ ޙަރާމްކަމަށް ދަލީލުކޮށްދޭ ޝަރުޢީ ދަލީލުތައް ޢިލްމުވެރިން ގެންނަވައެވެ. ޝަރުޢީ ދަލީލުތަކުގެ އިތުރުން ޑޮކްޓަރުން ބަޔާންކޮށްދެއްވާފައި ޞިއްޙީ ގެއްލުންތަކަކީވެސް މި ޙުކުމަށް އިތުރަށް ބާރުދޭ ކަންކަމެވެ. ނަމަވެސް އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގައި ފައިދާތަކެއް ހުރިކަމަށް ބައެއް ޑޮކްޓަރުން ބުނާބުނުމުގެ ސަބަބުން މިކަމުގެ ޙުކުމަށް ބަދަލެއް ނާންނާނެތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. 

ކަމެއްގެ ޝަރުޢީ ޙުކުމް ބިނާވެގެންވަނީ ޞިއްޙީ ހޯދުންތަކެއްގެ މައްޗަށްކަމަށް ވާނަމަ، ހޯދޭ އައު ހޯދުންތަކެއްގެ ސަބަބުން ޞިއްޙީ ރަޢުޔުއަށް އަންނަ ބަދަލަކާ ގުޅިގެން އެކަމުގެ ޝަރުޢީ ޙުކުމަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މިފަދަ މިސާލެކެވެ. އެހެނީ “ޓޮބާކޯ” ފުރަތަމަ ތަޢާރަފުވެ ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުން ކުރެވެން ފެށިއިރު އެއީ އިންސާނާއަށް އެއްވެސް ކަހަލަ ޖިސްމާނީ ގެއްލުމެއްދޭ އެއްޗެއްކަމެއް އެނގިފައެއް ނުވެއެވެ. އެހެންކަމުން އޭރު ޢިލްމުވެރިން ފަތުވާ ދެއްވީ އެ ބޭނުންކުރުމާއި ގަނެވިއްކުމަކީ ހުއްދަ ކަމެއް ކަމުގައެވެ. ނަމަވެސް ސައިންސްގެ ރޮނގުން ލިބުނު ކުރިއެރުންތަކާއެކު ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި އިންސާނާއަށް އެތަކެއް ބޮޑެތި ގެއްލުންތަކެއް ހުރިކަން އެނގިގެން ދިއުމުން އެ ބޭނުން ކުރުމާއި ގަނެވިއްކުމަކީ ޝަރުޢީ ގޮތުން ޙަރާމް ކަމެއް ކަމުގައި ކަނޑައެޅުނެވެ. ޙަޤީޤަތުގައި ދަންނަވަނީނަމަ މިއީ ޝަރުޢީ ޙުކުމެއް ބަދަލުވެގެން ދިޔުމެއް ނޫނެވެ. ނަމަވެސް ލިބިގެން ދިޔަ އައު މަޢުލޫމާތަކާ ގުޅިގެން ޢިލްމުވެރިން ކުރައްވާފައިވާ އިޖުތިހާދަކަށް އައި ބަދަލެކެވެ. އެހެނީ ޢިލްމުވެރިން ބަޔާން ކޮށްދެއްވި ޙުކުމް ބިނާވެގެންވީ ޞިއްޙީ ހޯދުންތަކުގެ މައްޗަށެވެ. ސީދާ ޝަރުޢީ ނައްޞެއްގެ މައްޗަކަށް ނޫނެވެ. ޝަރުޢީ ނައްޞުތަކުގައި އަންގަވާފައިވަނީ ގެއްލުން ދެނިވި ތަކެތިން ދުރުހެލިވުމަށެވެ. 

މިއާއި ޚިލާފަށް އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގެ ޙުކުމް ބިނާ ވެގެންވަނީ ޞިއްޙީ ހޯދުންތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. ނަމަވެސް ޙުކުމް ބިނާވެގެންވަނީ ޝަރުޢީ ނައްޞުތަކުގެ މައްޗަށެވެ. ޙުކުމުގެ ދަލީލުތައް އިސްވެ ބަޔާންވެ ހިނގައްޖެއެވެ. އަދި އަމިއްލައަށް އެދުން ފުއްދުން ޙަރާމް ކުރެއްވެވުމުގެ ޙިކުމަތުގެ ގޮތުގައި ޢިލްމުވެރިން އެކިއެކި ޙިކުމަތްތައް ބަޔާންކޮށްދެއްވާފައި ވެއެވެ. 

މިގޮތުން، އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ޙަރާމް މަންޒަރުތަކާއި ވީޑީއޯތައް ބެލުމަށާއި ޙަރާމް ގުޅުންތައް ހިންގުންފަދަ އިތުރު ފާފަތަކަށް މަގުފަހިކޮށްދޭ ކަމަކަށްވުމުގެ އިތުރުން، އިންސާނާގެ ބުއްދި ރައްކާތެރިކޮށް އިންސާނާގެ ހަކަތަ ބޭނުމެއް ނެތް ކަމެއްގައި ބޭކާރުކޮށްލުމުން ރައްކާތެރިކުރުމަކީ މިކަން ޙަރާމް ކުރެވިގެންވުމުގެ ޙިކުމަތްތަކުގެ ތެރެއިން ވާކަންކަމެވެ. ހަމައެހެންމެ އިންސާނާގެ މުރޫޢަތްތެރިކަން ރައްކާތެރިކުރުންވެސް ޙިކުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. 

الإمام ابن حزم رحمه الله ވިދާޅުވެފައިވެއެވެ.

"ތިމަންމެން އެކަމަކާއި ނުރުހެމެވެ. އެހެނީ އެއީ ރިވެތި އަޚްލާޤާއި ހެޔޮ ޢަމަލުތަކާއި ޚިލާފުކަމެކެވެ."

ހަމައެފަދައިން، މިކަމަށް ދެވިހިފާ، މި ޢަމަލުގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުންތައްކަމުގައި ޑޮކްޓަރުން ބަޔާންކޮށްދެއްވާފައިވާ ކަންކަމަކީވެސް މިކަން ޙަރާމް ކުރެއްވެވުމުގެ އެތަކެއް ޙިކުމަތްތަކުގެ ތެރެއިން ޙިކުމަތެކެވެ. ޙުކުމް ބިނާވެގެންވަނީ ޞިއްޙީ ހޯދުންތަކުގެ މައްޗައް ނޫންކަމުން އަލަށް ހޯދޭ ޞިއްޙީ ހޯދުންތަކަކާ ގުޅިގެން ޙުކުމް ބަދަލުވެގެން ނުދާނެއެވެ. 

ފިޤުހު ފޮތްތައް ބެލިބެލުމުގައިވެސް އަމިއްލައަށް ޖިންސީ އެދުން ފުއްދުން ހަރާމްވެގެންވާ ސަބަބަކީ ހަމައެކަނި އެކަމުގެ ސަބަބުން ލިބޭ ޞިއްޙީ ގެއްލުންތައްކަމުގައި ދަންނަވާ އެއްވެސް ޢިލްމުވެރިއެއް ފެންނާކަށް ނެތެވެ. އެހެނެއްކަމަކު الشوكاني رحمه الله ގެ ބަސްފުޅުން، ޞިއްޙީ ގެއްލުންތަކަކީ އެކަން ޙަރާމް ކުރެވިގެންވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބުކަމުގައި އައިސްފައިވެއެވެ. الشوكاني رحمه الله ވިދާޅުވެފައިވެއެވެ. 

"އެކަން ޙަރާމް ކުރެވިގެންވާ ސަބަބުތަކުގެ ތެރޭގައި: އަމިއްލައަށް އެދުން ފުއްދުމަކީ ޑޮކްޓަރުން ބަޔާން ކުރައްވާފައިވާ ފަދައިން ގެއްލުން ހުރި ކަމެއްކަމުގައި ވުމެވެ.” -الفتح الرباني (3380/7)- 

އެހެންކަމުން މިފަދަ ފާފަތަކުން އަޅަމެން އެންމެންވެސް ދުރުވެ ރައްކާތެރިވާން ޖެހެއެވެ. މިފަދަ ޢަމަލަކަށް އާދަވެފައިވާ މީހަކު އެކަމުން ދުރުވެ ސަލާމަތްތެރިކަން ހޯދުމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތައް ތިރީގައި ފާހަގަކޮށްލަމެވެ.  

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ﴿30﴾ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا… ﴿31﴾

(މާނައީ: މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެ ގޮތް އެއުރެންނަށްޓަކައި ޠާޙިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [30] އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ މިންވަރު ފިޔަވާ އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާ ހުށިކަމެވެ.)

މިއީ ޝަހުވާނީ އެދުންވެރިކަމަށް މަގުފަހި ކުރުވަފާނެ އެންމެހާ ކަންކަމުން ރައްކާތެރިވުމަށްޓަކައި ދެއްވާފައިވާ އިރުޝާދެވެ. 

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : [وَمَنْ يَسْتَعْفِفْ يُعِفَّهُ اللَّهُ، وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ، وَمَا أُعْطِيَ أَحَدٌ عَطَاءً خَيْرًا وَأَوْسَعَ مِنَ الصَّبْرِ] ]رواه البخاري : 1469[

(މާނައީ: ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އަދި ސަލާންނުޖަހާ، ލަދުވެތިވެއްޖެ މީހާ (ދަންނާށެވެ!) ﷲ، އޭނާ ފުދުންތެރި ކުރައްވާ ރައްކާތެރިކޮށްދެއްވާ ހުއްޓެވެ. އަދި އެ މީހަކު އަމިއްލައަށް ފުދުންތެރިވެގެންފި މީހާ (ދަންނާށެވެ!) ﷲ، އޭނާއީ މީސްތަކުންނަށް އާދޭސް ކުރަންނުޖެހޭ މީހަކު ކަމުގައި ލައްވާ ހުއްޓެވެ. އަދި ދަތި އުނދަގޫކަމާއެކުވެސް، ކެތްތެރިވެއްޖެ މީހާ (ދަންނާށެވެ!) އޭނާއީ ކެތްތެރިޔަކުކަމުގައި ލައްވާ ހުއްޓެވެ. އަދި އެއްވެސް މީހަކަށް ކެތްތެރިކަމަށް ވުރެ ވަކީން މަތިވެރި ނިޢުމަތެއް ދެއްވިގެން ނުވެއެވެ.")

والله أعلم 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން