އެއްވެސް މުސްލިމަކީ ތިމާއަށް ﷲ ތަޢާލާ، ކިތަންމެ ކުޑަކުޑަ މިންވަރަކުން ނަމަވެސް އެއްވެސް މިންވަރެއްގެ ޢަޛާބެއް ދެއްވެވުމަށް އެދޭނެ މީހެއް ނޫނެވެ. އަދި ޛައްރެއްގެ މިންވަރުގެ ނަމަވެސް އެއްވެސް ޢަޛާބަކަށް ކެތްކުރެވޭނެ މީހެއްވެސް ނޫނެވެ! އެކަން ޔަޤީންވާއިރުވެސް ޢަޛާބު ނުލިބޭނެ މަގުގައި ޘާބިތުވެހުންނަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟
ހުރިހާވެސް މައްސަލައަކީ އަހަރެމެންނަށް ވެފައި މިތިބަ ގޮތެކެވެ. ކޮންމެ ނިޢްމަތެއްގެ އަގުވެސް ވަޒަންކުރެވެނީ އެ ނިޢްމަތެއް އެމީހަކާއިވަކިވެދިއުމުންނެވެ. ތަނަވަސްކަން ނަމަވެސް، ޒުވާންކަން ނަމަވެސް، ޞިއްޙަތު ނަމަވެސް، ހެޔޮލަފާ ބައިވެރިއަކުނަމަވެސް މިހެން ގޮސް ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢްމަތެއްގެ އަގުވެސް ވަޒަން މިކުރެވެނީ އެ ނީޢްމަތެއް އެމީހަކަށް ގެއްލިގެން ދިއުމުންނެވެ.
މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ނިޢްމަތް ދެއްވެވުމުން ޝުކުރުވެރި ނުވެވޭތީއެވެ.
"ތިޔަބައިމީހުން ޝުކުރު ކޮށް، އީމާންވީނަމަ، ތިޔަބައިމީހުންނަށް ޢަޛާބު ދެއްވުމުން اللَّه ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް اللَّه ޢަޛާބު ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލު ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ." (އައްނިސާ: 147)
މިއާޔަތަށް ފުންކޮށް ވިސްނައިލާށެވެ! އެމީހާއަށް ޢަޛާބް ދެއްވަވާ ސަބަބުވެސް މިއޮތީ ފެންނާށެވެ. އެއީ ދުނިޔޭގައި ލައްވަވައި ނިޢްމަތްތައް ދެއްވެވުމުން ޝުކުރުވެރިނުވުމެވެ. ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންގެ ތެރެއިން ދަރަޖަ އެންމެ މަތިވެރިކުރައްވަވައި އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ އިންސާނުން ދެކެއެވެ. އެއިންސާނާއަށް ޢަޛާބް ދެއްވެވުމަށް ﷲ ތަޢާލާ އަށް ކުރާނީ ކޮން މަންފާއެއް ހެއްޔެވެ؟ ނަމަވެސް އެ އިންސާނާ ޝުކުރުވެރިނުވެ ޢަޛާބް ލިބިގަންނަނީއެވެ.
ހަމަ އެއާއިއެކު ޝުކުރުވެރިވާ އަޅުނަންނަށް ޢަޛާބް ނުދެއްވަވާނެކަން އާޔަތުގައި އެވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ހުރިހާ ވެސް މައްސަލައަކީ މިފަދަ އާޔަތްތައް ނުކިޔޭކަމެވެ. ދުލުންކީ ނަމަވެސް މާނައަށް ވިސްނައިނުލެވޭކަމެވެ. ޢަމަލު ނުކުރެވޭކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން