ގިނަ މައިންބަފައިންނަކީ ދަރިންނަށް އަޅާލައި ހެޔޮކޮށް ހިތާބައެކެވެ.
ދަރިންނަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވަމުން އަންނަ ބައެކެވެ. މަދުން ނަމަވެސް މިއާއި ޚިލާފް މައިންބަފައިން ތިބޭތީ ދަރިން ދެރަވެ ތަފާތު ސުވާލުތައް ކުރެއެވެ.
"އަޅުގަނޑުގެ މައިންބަފައިންނަށް އަޅުގަނޑާއިއެކު ލިބިފައިވަނީ 3 ދަރިންނެވެ. އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ އެމީހުން ބާކީކޮށްލާފައި ހުންނަ ދަރިއެކެވެ. އެއީ މައިންބަފައިނަ ކަމަށްވުމުން އަޅުގަނޑަށް ކުރި ކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އަޅުގަނޑުގެ ސުވާލަކީ މައިންބަފައިންނަށް ދަރިން ހެޔޮކޮށް ހިތަންޖެހޭ ފަދައިން ދަރިންނަށް ވެސް ހެޔޮކޮށް ހިތައި ހަމަހަމަކުރާކަށް ނުޖެހޭނެތޯއެވެ؟"
މިފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ޖަވާބުގައި ބުނަން އޮތީ ހަމަ އެއްވާހަކައެކެވެ. ކޮންމެ މީހަކީވެސް މަސްއޫލުވެރިއެކެވެ. އެމީހަކާއި ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އިނޞާފުވެރިކަމާއެކު އަދާނުކުރާނަމަ ހަމަކޮންމެ މީހަކަށްވެސް ޖަވާބުދާރީވާންޖެހޭނެއެވެ. އެކަމުން އެއްވެސް މީހަކު އިސްތިސްނާއެއް ނުވާނެއެވެ.
ހަމައެއާއިއެކު މައިންބަފައިން އިހާނެތިކޮށް ކަންކަންކޮށްފައިވީނަމަވެސް އެކަން ބަހަނާއަކަށް ހަދައި މައިންބަފައިންނަށް އިހްމާލް ނުވާށެވެ. އެމީހުންގެ ޙައްޤުތައް އެމީހުންނަށް އަދާކުރާށެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ. އެންމެ ހެޔޮކަންބޮޑު ގޮތަކީ މައިންބަފައިންނަށް މާފުކުރުމެވެ. އެއިރުން ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަމުން ކުރާނެ ފައިދާ ދެދުނިޔޭގައިވެސް މާބޮޑުވާނެއެވެ.
އަދި ތިރީގައިވާ ލިޔުން ކިޔައިލާށެވެ. އެކުވެރިންގެ ތެރެއިން މީހަކު ދަރިންނަށް އިހްމާލުވަމުންދާނަމަ އެމީހަކަސް މިލިޔުން ޙިއްޞާވެސް ކުރާށެވެ. އޭނާ އިޞްލާޙްވިޔަސް ނުވިޔަސް އެކަމުން ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ލިޔުން:
ބައްޕަގެ އުމުރަކީ 72 އަހަރެވެ. ބައްޕަގެ 8 ދަރިން ތިބެއެވެ. ޢާއިލާއަކީ ވަރަށް ބޮޑަށް ގުޅިގެން އެކުގައި ދިރިއުޅޭ ޢާއިލާއެކެވެ. އެއް ފަހަރަކު ބައްޕައަށް ވަރަށް ގަދަ ހުމެއް ޖެހުނެވެ. ޑޮކްޓަރުންނަށް ދައްކައިދައްކައި ވަރުބަލިވިއިރުވެސް ޝިފާއެއް ނުލިބުނެވެ. އެންމެފަހުން ގޮތް ހުސްވުމުން ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރިއެވެ.
ޢިލްމުވެރިޔާ އެކުރެއްވި ސުވާލުތަކަކަށްފަހު ކުރެއްވީވެސް ސުވާލެކެވެ. ޢާއިލާގެ އެންމެން ހަމަ އުޅެނީ އެކުގައި ހެއްޔެވެ؟ ހުރިހާ ދަރިންވެސް ހަމަ ބައްޕައަށް ހެޔޮ ދުޢާ ކުރޭ ހެއްޔެވެ؟ ހަމަ ހުރިހާ ދަރިންގެ ލޯބިވެސް ބައްޕައަށް ލިބޭ ހެއްޔެވެ؟
ޖަވާބުގައި ބުނަން ޖެހުނީ ބައްޕަގެ އެއް ދަރިފުޅަކީ ވަރަށް ނުބައި ސިފަތަކެއް ހުންނަ ކުއްޖެއް ކަމަށެވެ. އޭނާއަކީ އަބަދު ވައްކަންކޮށް އަދި ގޭތެރޭގައި ހަޑިހުތުރުބަހުން އަޑުގަދަކުރާ ކުއްޖެއް ކަމަށާއި އެ ކުއްޖާ ހުރީ ޖަލުގައި ކަމަށެވެ. އޭނާއަށް މިކަން ނުވެސް އެނގޭނެ ކަމަށެވެ.
ޢިލްމުވެރިޔާ ވިދާޅުވީ ޖަލަށް ގޮސް އޭނާ ހޯދުމަށެވެ. އަދި ކޮންމެވެސް އިންތިޒާމެއް ހަމަޖައްސައިގެން ބައްޕަ ޢާއި ހަމައަށް ގެންގޮސް އޭނާ ލައްވައިވެސް ދުޢާ ކުރުވުމަށެވެ.
އޭނާ ޖަލަށްލީފަހުން އެއިރުވަނީ 10 ވަރަކަށް އަހަރުވެފައެވެ. ޖަލަށްލީ ފަހުން ޢާއިލާއިން ބައްދަލުކޮށް ޙާލުވެސް ބަލާފައެއް ނުވެއެވެ. ނަމަވެސް ޢިލްމުވެރިޔާ ދެއްވި ލަފައާއި އެއްގޮތަށް އަމަލުކުރަން ބޭނުންވެގެން އޭނާ ހޯދަން ޖަލަށް ދިއައެވެ. ޖަލުން ބުނީ އޭނާ ވަރަށް ރަނގަޅު މީހަކަށްވެ ޖަލުން މިނިވަންވިތާ މިހާރު 3 އަހަރުވަރުވެދާނެކަމަށެވެ. ދިއަ ތަނެއް އުޅޭ ތަނެއް ނުއެނގޭ ކަމަށެވެ.
އަވަށުގެ ޕޮލިސް ސްޓޭޝަނަށް ގޮސް ހޯދި މައުލޫމާތުން އޭނާ ދިރިއުޅެނީ ޖެހިގެން އޮތް އަވަށުގައިކަން އެނގުމުން އެ އަވަށަށް ގޮސް މީސްމީހުންގެ ކިބައިން މައުލޫމާތު ހޯދަމުން ދަނިކޮށް އޭނާ ދަންނަ މީހަކާއި ބައްދަލުވެ މައުލޫމާތު ދިނުމުން ބައްދަލުކުރަން ދިއުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އޭނާވީ އަވަށުގައި ކުޑަ މަދުރަސާއެއް ހިންގާ މީހަކަށެވެ. ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިގެން ދިރިއުޅޭ މީހަކަށެވެ.
ކޮންމެއަކަސް އޭނާއަށް ވާހަކަތައް ކިޔައިދިނުމުން އޭނާވެސް ގޮސް ބައްޕަ އާއި ބައްދަލުކުރިއެވެ. އަދި ޢާއިލާގެ އެހެން މީހުންނާއިއެކު ބައްޕަ ގާތުގައި ވަގުތު ހޭދަކޮށް އެހެން ދަރިން ފަދައިން ބައްޕައަށް ހެޔޮ ދުޢާކުރަން ފެށިއެވެ.
މިވެނިކަމެއް މެދުވެރިވީ މިހެންވެގެން ކަމަށް ބުނާކަށް އެއްވެސް މީހަކަށް ބުނާކަށް ނުއެނގޭނެއެވެ. ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް އެނގުނު ކަމަކީ އޭނާ އާއި ބައްޕައާއި އަދި ޢާއިލާ އާއި ބައްދަލުވިތާ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ބައްޕަގެ ހުން ފަސޭހަވިކަމެވެ.
މިއީ މީގެ 3 އަހަރުކުރިން ޕާކިސްތާނުގެ ޕަންޖާބުގައި ހިނގާފައިވާ ކަމެކެވެ. މިވާހަކަކޮޅުން ލިބޭ އެންމެ ބޮޑު އެއް ޢިބްރަތަކީ މީހަކު ކޮންމެ ވަގުތަކުވެސް ހެޔޮ ލަފާ މީހަކަށް ބަދަލުވެދާނެކަމެވެ. ވައްކަން ކުރާތީ އޮބިނޯވެގެން ފުލުހުންނާއި ޙަވާލުކުރި މީހަކު އިޞްލާޙްވެ ތައުބާވެ މަދުރަސާއެއް ހިންގާ މާތް މީހަކަށް ބަދަލުވިކަމެވެ.
އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައިވެސް ތަފާތު މިޒާޖުގެ މީހުން ތިބޭނެއެވެ. ރަނގަޅު މީހުންނާއި ނުބައި މީހުންވެސް ތިބޭނެއެވެ. ކުށްކުރާ މީހުންވެސް ތިބޭނެ އެވެ. ވަގުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް ތިބެދާނެއެވެ. ނަމަވެސް އަޚްވަންތަ ކަމުގެ ގުޅުން ކަނޑައިގެން ނުވާނެއެވެ.
މިސާލަކަށް ވަކި ބާވަތެއްގެ ކުށެއް ކުރުމަށް ދެވި ހިފާފައި ހުރި ނަމަ އެމީހަކާއި ދުރުހެލިވެގެން އުޅެވިދާނެއެވެ. އެއިގެ އިތުރުން ކުށުގެ ބާވަތަށް ބަލައި ފުލުހުންނަށް ރިޕޯޓްކޮށް ބަންދުކޮށް ޖަލުގައި ވެސް ބެހެއްޓިދާނެއެވެ. އިތުރު މިސާލަކަށް ބުނާނަމަ ވާހަކައިގައި ދިމާވިފަދައިން ގެއިން އަބަދު ވައްކަން ކުރާނަމަ އެމީހަކު ގޭގައި ގެންގުޅުމަކީ ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ފުލުހުންނާއި ހަވާލުކޮށް ޖަލުގައި ބަންދުކުރުވުމަކީ ޢާއިލާއިން ކުރަންޖެހޭނެ ކަމެވެ. އެއީ އެފަދަ މީހުންގެ ކިބައިންޢާއިލާގެ އިތުރުން މުޖުތަމައުވެސް ސަލާމަތްކުރަން ޖެހޭތީއެވެ. އަދި އެކަން އަމިއްލައަށް އިސްނަގައިގެން ކުރުމަކީ ވެސް ޢާއިލާގެ ޒިންމާއެކެވެ.
މިހާލަތުގައި ވެސް އަޚްވަންތަކަމުގެ ގުޅުން ކަނޑާލައިގެންނުވާނެއެވެ. ކޮންމެވެސް ގޮތަކުން ޢޭނާގެ ހާލު ބަލައި އެހީތެރިވާންޖެހޭނެއެވެ. އަދި ނަޞޭޙަތް ވެސް ދޭން ޖެހޭނެއެވެ. އިޞްލާޙްވެއްޖެނަމަ ބަލައިގަންނަންވެސ ޖެހޭނެއެވެ. ވީމާ ޢާއިލާގެ އެއްވެސް މީހަކާއި އުމުރަށް ގުޅުން ނުކަނޑާށެވެ. ހަމަ އެ އަޚާގެ ފަރާތުންވެސް ފައިދާއެއް ކޮށްފާނެ ކަމަށް ވެސް ދެކެން ޖެހޭނެއެވެ. ޚާއްޞަކޮށް ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ. ކުރިން ބަޔާން ކުރި ފަދަ މައްސަލައެއް އޮވެގެން ރަޙިމުގެ ގުޅުން އޮތް މީހަކާއި އެކުގައި އުޅެވެން ނެތިއްޖެ ނަމަ ވަކިން އުޅުމަކީ މައްސަލައެއް ނޫނެވެ. އެހާލަތުގައިވެސް އެކުގައި ގުޅުން ކަނޑައިނުލާށެވެ! އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން