ބައިވެރިޔާއަށް ކަމެއް ސިއްރުކުރަންވެސް ދޮގުހުވާކުރަން ހެޔޮނުވާނެ! އެއީ ނަރަކައިގެ އަލިފާނުން އެމީހަކު ވަށައިލެވޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބައިވެރިޔާއަށް ކަމެއް ސިއްރުކުރަންވެސް ދޮގުހުވާކުރަން ހެޔޮނުވާނެ! އެއީ ނަރަކައިގެ އަލިފާނުން އެމީހަކު ވަށައިލެވޭ ކަމެއް!

ދޮގުހުވާ ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ޢިލްމުވެރިން ހިމަނުއްވަވާފައިވާ ކަމެކެވެ. ދޮގު ހުވާ ކުރާ ވަގުތު ނަރަކައިގެ އަލިފާންގަނޑު އެމީހަކު ވަށައިލާނެ ކަމަށް ބުނެވެއެވެ. އަދި ތޫނު ތިލައަކުން އެއްޗެއް ބުރިވާ ފަދައިން ތިބާގެ އީމާންކަން ތިބާގެ ކިބައިން ނިގުޅިގެންދާނެ ކަމަށްވެސް ބުނެވެއެވެ.  

ބައެއް ބޭކަލުން ރިވާ ކުރައްވަނީ ދޮގު ހުވާ ކުރުމަކީ ﷲ ތަޢާލާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެއްގެ ގޮތުގައެވެ. ދޮގު ހުވާކުރާ މީހުންނަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ރަޙްމަތުގެ ބެއްލެވުމުން ނުބައްލަވާނެ ކަމަށްވެސް ރިވާވެގެންވެއެވެ.  

މިދެއްކެނީ އާދައިގެ ކަންކަމުގެ ވާހަތަކެއް ނޫނެވެ. ވީމާ ދޮގު ހުވާ ނުކުރާށެވެ. ދޮގު ހުވާ ކޮށްގެން ކަމަކުން ކުރި ހޯދަން މަސައްކަތް ކުރުމެއް ނެތެވެ. އެއިރުން ތިމާއަށް ލިބެން އޮތް ޙަޤީޤީ ގެލުން މާބޮޑެވެ. 

މީސްތަކުންގެ ތެރޭގައި ވަރަށް އާދައިގެ ކަންކަމާއި ހުރެވެސް މިހާރަކަށް އައިސް އެބަ ހުވާ ކުރެއެވެ. ހުވާކުރާ އިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދުގައި ވިސްނައެއްވެސް ނުލައެވެ. ލޯބިވެރިޔާ ރުއްސަން ވެސް އެބަ ހުވާ ކުރެއެވެ. އަދި ވަރަށް އާދައިގެ ކަންކަން ކުރުމަށްފަހު ނުކުރާކަމަށް ހަދަންވެސް އެބަ ހުވާކުރެއެވެ. ކުރިކަމެއް ނުކުރާ ކަމަށްހަދައި އެކަމުގެ ޔަޤީންކަން ދިނުމަށްވެސް އެބަ ހުވާކުރެއެވެ.  

މީސްތަކުންނޭވެ! ހުވާ ކުރުން އިސްލާމް ދީނުގައި މާނަކުރެވެނީ ﷲ ގަންދީ ހުވާ ކުރުމަށެވެ. މުސްލިމުންނަކީ އެހެން އެއްވެސް ފަރާތަކާއި ގުޅުވައިގެން ހުވާކުރުން ހުއްދަ ބައެއް ނޫނެވެ. ވީމާ "ހަމަހުވާ" ކަމަށް ބުނި ނަމަވެސް އެ ބަސް އެ ރައްދުވަނީ ﷲ ތަޢަލާއަށެވެ. "ﷲ ގަންދީ" ބުނުމާއި ކީރިތި ޤްރްއާނުގައި އަތްލައި ހުވާ ކުރުމަކީ ހުވާކުރުމުގެ އެންމެ މަތީ ދަރަޖަތަކެވެ.  

ޤަޞްދުގައި ހުވާކުރުމަށްފަހު ހުވާ އުވާލައިފިނަމަ އޮތީ ކައްފާރާ ދިނުމެވެ. ކައްފާރާ ނުދީ ހުރުމަކީ ﷲ ތަޢާލާއަށް ދަރަނިވެރިވެގެން ހުރުމެވެ. އެދަރަނި އަދާކުރަން ނުޖެހިއެއް ނުދާނެއެވެ. ކައްފާރާގެ ތެރޭގައި 10 މިސްކީނުންނަށް ކާންދިނުން، އުނު އަންނައުނު ދިނުން، އަޅަކު މިނިވަންކުރުން، ނުވަތަ 3 ދުވަހު ރޯދަ ހިފުން އެބަހިމެނެއެވެ. މާއިދަތު ސޫރަތުގެ 89 ވަނަ އާޔަތް ބަލާށެވެ! މިއީ ﷲ ތަޢާލާގެ ވަޙީއެވެ.  

މިކަންކަމަށް ނުވިސްނައި ހަމަ ހިތަށް އަރާއިރަށް ހުވާކޮށް، ހުވާ އުވާލުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. ނަމަވެސް އެކަމަށް ނުބަލައި ހުވާކޮށ، ހުވާ އުވަމުން ގޮސް މުޅި އުމުރުގައި ރޯދަ ހިފި ނަމަވެސް ސަލާމަތް ނުވެވޭނެ މީހުން ބައިވަރެވެ. ވީމާ އެފަދަ މީހުންގެ ތެރެއިން ނުވާށެވެ.  

ކަން އޮތަ ގޮތަކީ މިއީ ނަމަވެސް މިހާރަކަށް އައިސް ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވުމުގެ ސަބަބުން ދޮގުހުވާކުރުން މިވަނީ ފެންފޮދެއް ބުއިންފަދަ ފަސޭހައިން ކުރާ އަތްމަތީ ކަމަކަށް ހަދާފައެވެ. ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެފައިވެސް ދޮގުހުވާ އެބަކުރެއެވެ. ބައެއް މީހުން ދޮގުހުވާކޮށްފައި އެކަންކުރީ ހިތން ނޫންކަމަށާއި ދުލުން ކަމަށް އެބަ ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކީ ޙުއްޖަތެއް ނޫނެވެ. ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން