ކޮރަޕްޝަންގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް ވިސްނޭނީ ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމުގެ މައްސަލަތަކެވެ. ކަޅުފައިށާގެ މުޢާމަލާތްތަކެވެ. އެއަށްވުރެވެސް މާނުބައިކަން ބޮޑު ކޮރަޕްޝަނެއް އެބައޮތެވެ. އެއީ ހިތުގެ ކޮރަޕްޝަނެވެ.
ހިތް ކޮރަޕްޓްވީމާ މިވާގޮތަކީ ތެދުވެރިކަން ނެތިގެންދަނީއެވެ. ޙަޔާތުގެ ބައިވެރިޔާއަށްވެސް ތެދުވެރި ނުވެވެނީއެވެ. ދެފުށް ދެގޮތް މުނާފިޤަކަށްވެވެނީއެވެ. އަނެކާގެ މައްޗަށް ރަޙުމް ނުކުރެވެނީއެވެ. ބޭވަފާތެރިވުން ޢާންމުވަނީއެވެ.
ރަނގަޅަށް އަޑުއަހާށެވެ! ހިތް ކޮރަޕްޓްވީމާ މިބުނި ހުރިހާ ބާވަތެއްގެ މައްސަލަތައް ކުރިމަތިވާން ފަށާނެއެވެ. ދިރިއުޅުމުގެ ވަށައިގެން އަލިފާނުގެ ބުރެއް ލެވޭނެއެވެ. ކޮންމެ ދިމާއަކުން ނުކުންނަތް ދިއަޔަސް ސަލާމަތެއް ނުވެވޭނެއެވެ. އަލިފާނުގައި ޖެހި ފިހޭނެއެވެ.
އެއީ ހިތް ކޮރަޕްޓްވާ ހިސާބުން އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދު އޮންނަންޖެހޭ ގުޅުން ކެނޑިގެންދާތީއެވެ. މީހާ ބާކީވެ ނިކަމެތިވާތީއެވެ. އެޙާލަތުގައި އޮންނާނީ އަޅުކަންވެސް ކުރަްނޖެހޭ ގޮތަށް ނުކުރެވިފައެވެ.
ވީމާ ހަމައެކަކުވެސް އެމީހާގެ ހިތް ކޮރަޕްޓްވިޔަނުދޭށެވެ. އެމީހެއްގެ ހިތުގެ ޙާލު އެނގޭނީވެސް އެމީހަކަށެވެ. އަހުރެން މިކިޔައިދިނީ ހިތް ކޮރަޕްޓްވީމާ ހިނގާނެ ކަންކަމެވެ. ވިސްނައި ހިތް ޠޯހިރުކުރުން އޮތީ އެމީހަކަށެވެ. ދުނިޔޭގައިވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ހިތް ޠޯހިރުކުރެވުނުވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން