އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި އަންހެނަކު ހުރެއެވެ. އޭނާއާއިމެދު އަޅުގަނޑު ދެކެނީ އުޚުތެއް ފަދައިންނެވެ. އަޅުގަނޑުގެ ކިބައިގައި ކޮންމެވެސް މިންވަރަކަށް ފުދުންތެރިކަން ހުރުމުން އޭނާ އެދޭ ކަންކަންވެސް ކޮށްދެމެވެ. ދަރަންޏަކަށް އެދުނަސް ދެނީ ހަދިޔާއަކަށެވެ.
އަޅުގަނޑުގެ ލޯބިވެރިޔާ އާއި ކައިވެނިކުރަން ތައްޔާރުވަމުން އައި ދުވަސްވަރު ދެމީހުން ކޮފީއަކުން ބައްދަލުކުރީ އެކުވެރިޔާއާއިވެސް އެކުގައެވެ. ވާހަކަދައްކަން ފެށިތަނުން މަންމަ ގުޅުމުން ތެދުވެގެން ދުރަށް ދިއައިމެވެ. ދަމުން މިދަނީ އެކަނިހުރެ ވާހަކަ ދައްކަން މަންމަ އެދޭތީކަމަށްވެސް ބުނީމެވެ.
އެނބުރި އައިސް އިށީންތަނުން ލޯބިވެރިޔާ އެދުނީ އަޅުގަނޑުގެ ފޯނަށެވެ. އެއީ އެހައިތަނަށް ދުވަހަކުވެސް އޭނާ އެދުނު ކަމެއް ނޫނެވެ. ވަޤުތުން ފޯނުހުޅުވާފައި ދިނީމެވެ. ބަލައިލީ ކޯލް ލޮގަށެވެ. ބަލައިލުމާއިއެކު އޭނާގެ މޫނަށް ލަދުވެތިކަމެއް އައެވެ. އެހެންވެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އެކަމަކު އެއްވެސް ސުވާލެއ ނުކުރަމެވެ. "ޝައްކެއް ކުރެވުނީދޯ" އެވެ ބުނެލީމެވެ.
އެރޭ ގެއަށް ދިއުމުން ލޯބިވެރިޔާ ގުޅާފައި މާފަށް އެދުނެވެ. ޝައްކުކުރެވުނު ކަމަށާއި ޝައްކުކުރެވުނީ އަޅުގަނޑުގެ އެކުވެރިޔާ އަޅުގަނޑާއިބެހޭ ގޮތުން ދެއްކި ވާހަކަތަކަކުން ކަމަށް ބުންޏެވެ. އަޅުގަނޑު ބުނީ އިތުރަށް އެވާހަކަ އަޑުއަހަން ބޭނުންނުވާ ކަމަށެވެ. އެކުވެރިޔާއާއިވެސް އަދި ލޯބިވެރިޔާއާއިއެކުވެސް އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމަށެވެ. ލޯބިވެރިޔާއާއިއެކު ކުރިއަށްދާން ބޭނުންނުވަނީ މީހަކު ވާހަކައެއް ދައްކާއިރަށް އިތުބާރުކަނޑާލައި ޝައްކުކުރީތީކަމަށެވެ. އެހާފަސޭހައިން ޝައްކުކުރާ މީހަކާއިއެކު ދިރިނުއުޅެވޭނެ ކަމަށެވެ.
އެކުވެރިޔާއާއި ގުޅުން ކަނޑައިލީ އެކުވެރިކަމުގެ އަގު ވަޒަންނުކުރީތީއެވެ. ދެމީހުންގެ ދެމެދަށް ވަންނަން މަސައްކަތްކުރީތީއެވެ. އެކަން އެހެން އެވީ ފިރިމީހާއަކީ ތަނަވަސް މީހަކަށްވުމުންކަން ވިސްނޭތީއެވެ. އެހެންކަމާއިއެކުވެސް އެކުވެރިޔާއަކަށްވެސް އެއްވެސް އެއްޗެއް ނުބުނަމެވެ.
އަޅުގަނޑަށް ވިސްނުނުގޮތުގައި އެކުވެރިޔާ އެކުރިކަމަކީ އަޅުގަނޑު ދިރިހުއްޓައި އަޅުގަނޑުގެ މުޅަމަސް ކެއުމެވެ. އެފަދަ މީހަކާއި ގުޅުން ބާއްވާނަމަ ދެން ދޭނެ މާބޮޑުވާކަމަށް ވިސްނައި ދުރުހެލިވީއެވެ.
އަޅުގަނޑު އެއިރުހުރީ ކައިވެނިކުރަން ބޭނުންވެގެންނެވެ. އެހެންވެ އެކަނި ހުންނަން ބޭނުންނުވާތީ މާގިނަ ދުވަހެއް ނުވެ ބައްދަލުވި ރަނގަޅު މީހަކާއި ކައިވެނިކުރީއެވެ. އުފަލުގައި ދިރިއުޅެމުން އަންނަތާ މިހާރު 12 އަހަރުވެއްޖެއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކުވެރިއެއްގެ ކިބައިން މިބާވަތުގެ ކަމެއް ފެނިއްޖެނަމަ ރިސްކް ނުނަގާށެވެ. އަދި މީހަކު ބުނެލާ ވާހަކަތައް އެހާފަސޭހައިން ޤަބޫލުކުރާ މީހަކާއި ނުކުޅާށެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.
- ރަޙީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް