ފަހެ ފުރާނަ އެޅިގެން ތެދުވި ކޮންމެ މީހަކު އެމީހެއްގެ قبر ގެ ކައިރީގައި އިށީދެ ހަމަޖެހޭއިރު، އެއިތެރޭގައި ފޭރާންލެއްވިގެންވާ މީހުނާއި عُرِيَان حَال ގައި ތިބޭ މީހުންނާއި ކުލަ އަލިވެ ދޮންވެގެންވާ މީހުންނާއި ކުލަ ކަޅުވެ އަނދިރިވެގެންވާ މީހުންނާއި، ތިބޭ ހުއްޓެވެ. ބައެއްމީހުންގެ ކައިރީގައި އަލިގަދަ ބައްތިއެއްހައި نور އެއް ހުންނަހުއްޓެވެ. ބައެއްމީހުންގެ ކައިރީގައި ހުންނަ ނޫރު އިރުފަދަވާހުއްޓެވެ.
އެކަމަކު ހަމަ ކޮންމެމީހަކުމެ ތިބޭހުށީ ދެންވާނޭކަމެއް ނުއެގި حَيران ވެ އިސްދަށަށް ޖެހިފައެވެ. އެކަކު އަނެކަކާއި، ބަހެއްބުނެ ވާހަކައެއް ދެއްކުމަކަށް ހިތްވަރެއް ނުހުންނަހުއްޓެވެ. މިގޮތުގައި ހާސްއަހަރު ތިބޭނޭކަމަށް ރިވާވެގެންވެއެވެ.
މިހެންތިއްބާ مغرب ފަރާތުން ގަދައަޑަކާއެކު އަންނަ އަލިފާނެއް އަންނާން ފަށައިފާނެއެވެ. މި އަލިފާން އައިސް އެންމެން ލަވަމުން ލަވަމުން محشر ބިންމައްޗަށް جَمَعَ ކޮށްފާހުއްޓެވެ. މި އަލިފާން އަންނާން ފެށުމުން خلق ތަކުންގެ ބޯތައް އުފުލި حيران ވެ ތެދުވެދާނެއެވެ. އިންސީންނާއި، ޖިންނީންނާއި، ވަލުޖަނަވާރުތަކާއި ދޫނިސޫފާސޫފިތަކާއި އެކުގައި ހިނގައިގެންފާނެތެވެ. ކޮންމެ މީހެއްގެ ކައިރިއަށް އެމީހެއްގެ އޮތް عمل އެއް ކޮންމެވެސް ސަވާރުވާނޭ އެއްޗެއްގެ ސޫރާގައި އައިސް ބުނެފާނެޔޭ. އޭއް. އޭއްޔޭ. އަވަހަށް محشر އަށް ހިގާށެވެ. ރަނގަޅު ރަނގަޅުعَمَلُ ހުންނަމީހުންގެ عَمَل بَغَل އެއްގެ ސިފައިގައި ބަޔެއްމީހުންގެ عَمَل حمار އެއްގެ ސިފައިގައި ބަޔެއް މީހުންގެ عَمَل ކަބަސް ބަކަރިއެއްގެ ސިފައިގައިވެސް އައުދެއެވެ. ބަޔެއްފަހަރަށް އަރަމުން ބައެއް ފަހަރަށް އެމަތީން ވެއްޓެމުންދާހުއްޓެވެ.
ކޮންމެ މީހަކަށްމެ އެމީހާގެ އީމާންކަން ހުރި މިންވަރަކުން ކުރިމަތީގައްޔާއި ކަނާތްފަރާތުގައި نور ލެވިގެންވާނެއެވެ. ވާތްފަރާތުގައި އަލިކަމެއް ނުހުންނަހުށި. އަދި ކިއެއްތަ ވާތްފަރާތުން ފެންނަހުށީ ނުލާހިކު ގަދަފަދަ އަދިރި ކަމެކެވެ. އެއަދިރީގެ ތެރޭގައި ކާފަރުންނާއި، ދީނާއި ދޭތެރޭގައި ޝައްކުކުރާމީހުން ވާހުއްޓެވެ. مؤمن އާ މިއަނދިރިދެކެ އެއަނދިރީގެ ގަދަކަމުން حَيرَانވެ، ތިމާ އެކަމުން ސަލާމަތްކުރައްވައި މިފަދަ حال ގައި ތެދުމަގު ލިބޭނޭ نور އެއް ދެއްވިކަންމައްޗަށް މާތްރަސްކަލާނގެ ކިބައަށް حمد ކުރަމުން ދާހުއްޓެވެ.
މިހެނީ މާތްރަސްކަލާނގެ އަޅާޔަށް އެއަޅާއީ نعمة ލިބިގެންވާ مؤمن އަކު ކަމުގައިވާނަމަ عذاب ލިބޭ އަބާއްޖަވެރީންގެ حال ތައް كَشْفُ ކުރައްވައި ދައްކަވަތެވެ. އެއީ ލިބިހުރި فَائِدَة ބަޔާންކުރައްވައި ދެއްވުމަށެވެ. އެއީ ސުވަރުގޭގެ އަހުލުވެރީންނާއި މެދުގައި ކަންތައް ހުރިގޮތް بَيَان ކުރެއްވި މި آية ގައިވާ ފަދައިންނެވެ. فَاطَّلَعَ فَرَآهُ فِى سَوَاءِ الْجَحِيْم، މިއާޔަތުގެ މުރާދަކީ مؤمن އާ ދުނިޔޭގައި އެކުއުޅުނު ކާފަރުން ނަރަކައިގައި ތިއްބާ އެ مؤمن އާ ދެކޭހުއްޓެވެ. އަދިވެސް وَحِى ކުރައްވާފައިވެއެވެ. وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ މިއާޔަތުގެ مَعْنއީ އެމީހުންގެ ލޯތަކުގެ ބެލުން ނަރަކައިގެ أَهْلُ ވެރީންނާއި ދިމާއަށް އެނބުރިއްޖެއްޔާ އެމީހުން ބުނާނެތޭ ހައްދަވައިބޮޑުކުރެއްވިކަލާކޯ އޭ. އަޅަމެން އެއަނިޔާވެރީންނާއި އެކުގައި ނުލައްވައިދޭނވެ އެވެ. އެމީހުންނޭ މިއޮތީ اَعْرَاف ގައި ތިބޭނެ ބަޔެއްގެ ވާހަކައެވެ.
މިހެނީ ހަތަރުކަމެއްގެ قَدَر އެނގޭނީ ހަތަރު މީހަކަށެވެ. (1) ދިރިތިބުމުގެ قَدَر މަރުވީމީހަކަށް ނޫނީ ނޭނގޭނެއެވެ. (2) نعمة ގެ قدر ދަތި حَالُ ގައި އުޅޭ މީހުނަށް ނޫނީ ނުއެގޭނެއެވެ. (3) މުއްސަނދި ކަމުގެ قَدَر فقير ން ނަށް ނޫނީ ނުއެގޭނެއެވެ. (4) عافية ގެ قَدر ބަލިޙާލުގައި އުޅޭ މީހުނަށް ނޫނީ ނުއެނގޭނެއެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ
الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން