ރަނގަޅަށް ވިސްނައިގެން ކިޔާލާތި!: ކައިވެނިކޮށްގެން ތިބިނަމަވެސް ދަރިންނަށް ބްލެކްމޭލްވާންޖެހޭ ޙާލަތުގަ ތިބިނަމަ އެއީ ދެމަފިރިންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ރަނގަޅަށް ވިސްނައިގެން ކިޔާލާތި!: ކައިވެނިކޮށްގެން ތިބިނަމަވެސް ދަރިންނަށް ބްލެކްމޭލްވާންޖެހޭ ޙާލަތުގަ ތިބިނަމަ އެއީ ދެމަފިރިންތަ؟

ދައްކަން މިއުޅެނީ ވަފާތެރިކަމުގެ ވާހަކައެވެ. ދެމަފިރިން އެކަކު އަނެކަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތަކުގެ ވާހަކައެވެ. ދިރިއުޅުމާއި އާޚިރަތްވެސް ލިބިގަތުމަށްޓަކައެވެ. 

"މައިންބަފައިންގެ ސިއްރުކޮށްދޭމަތިން ދަރިންނަށް އެކުދިން ބުނާ ކަންކަން ކޮށްދޭންޖެހޭ ޙާލަތަށް އެބަދެއެވެ. ރީތި ބަހުން މިބުނަނީ ބައެއް ބައެއްބަފައިން ތިބީ އެމީހުންގެ ދަރިންނަށް ބްލެކްމޭލްވެގެންނެވެ. މިޙާލަތުގަ މިއީ ކައިވެންޏަކަށް ވާނެތަ؟" ފަދަ ސުވާލުތައް ބައެއް ކިޔުންތެރިން ކުރައްވައެވެ.  

މިދެއްކެނީ ބޮޑުކަމެއްގެ ވާހަކައެވެ. ހަމައެކަނި އެދރިންގެ މުސްތަޤްބަލާއިމެދު ވިސްނައިލި ނަމަވެސްމެއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ދިރިއުޅުމުގެ ކަންކަމާއިބެހޭ ގޮތުން ޢާންމު ގޮތެއްގައި ސުވާލުތައް ލިބޭނީ ދެމަފިރިންގެ ކިބައިން ނުވަތަ އެތަނުން އެކަމެއްގެ ސަބަބުންނެވެ. ބައިވެރިޔާ މިވެނިކަމެއްކުރާތީއެވެ. ނަމަވެސް ޙާލަތު ބަދަލުވެއްޖެއެވެ. މަންމަ ނުވަތަ ބައްޕަ މިވެނިކަމެއްކުރާތީ ދަރިން ޢިލްމުވެރިންނާއި އެބަ ސުވާލުކުރެއެވެ.  

މިފަދަ ބައެއް ސުވާލުތައް ކުދިން މިއަދުނޫހަށްވެސް ހުށަހަޅައެވެ. "--- ކުރާ ކަމެއްގެ ވާހަކަ ނުބުނާމަތިން ދޭ އެއްޗެއް ނުވަތަ ކޮށްދޭ ކަމެއް ޙަލާލުވާނެތޯ؟" އެބަ ސުވާލުކުރެއެވެ.  

ލޮބުވެތި މައިންބަފައިންނަށް ދަންނަވާލަން އޮތީ ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ. ޢަމަލުތައް އިޞްލާޙްކުރައްވާށެވެ! ދަރިން ހަލާކުކުރާ ބައަކަށް މައިންބަފައިން ނުވާށެވެ! އެއީ މައިންބަފައިންނަށް ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ.  

އެއްދުވަހަކު 12 އަހަރުގެ ކުއްޖަކު އޭނާގެ އެކުވެރި ކުއްޖެއްގެ ގާތުގައި ބުންޏެވެ. "ނިކަން ފަސޭހައިން ފައިސާ ލިބޭނެ ގޮތެއް ބުނެފާނަމެވެ. "ކަލޭގެ ސިއްރުތައް ތިމަންނައަށް އެނގޭ ކަމަށް މީހުންގެ ގާތުގައި ބުނާށެވެ! އެކަމަކު ބުނަންވާނީ އެނގޭކަން މޫނުމަތިން ދައްކަމުންނެވެ. ހީނވެސްނުލައި ހުރެއެވެ. ވަރަށް ސީރިއަސްކަން ދައްކަމުންނެވެ."  

ކުއްޖާ ގެއަށްގޮސް މަސައްކަތް ފެށީ ގޭތެރެއިންނެވެ. ފުރުޞަތަކަށް ބަލަންހުރެފައި ބައްޕަ ފޯނާއި ކުޅެން އިންދާ ގާތަށް ގޮސްފައި ބުންޏެވެ. "ބައްޕާއެވެ! ބައްޕަގެ ސިއްރުތައް އަޅުގަނޑަށް އެނގެއެވެ." ޕައްޕަ އަވަސް އަވަހަށް ދަރިފުޅަށް 10 ޑޮލަރު ދީފައި ބުންޏެވެ. "ކޮންމެވެސް ކޮންމެވެސް މަންމަ ގާތުގަ ނުބުނާށެވެ."

އަނެއްދުވަހު މަންމަ ފޯނާއި ކުޅެން އިންދައި ގޮސް ހަމަ އެގޮތަށް ބުނުމުން 20 ޑޮލަރުދީފައި ބުނީ ހަމަ ބައްޕަވެސް ބުނި ގޮތަށެވެ. "ކޮންމެވެސް ކޮންމެވެސް ބައްޕަ ގާތުގަ ނުބުނާށެވެ." 

މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަޅުގަނޑަށް ވަރަށް ހިތްދަތި އިޙްޞާޞްތަކެއް ކުރެވުނެވެ. ސަބަބަކީ މިއީ ވަރަށް ވަރުގަދަ މެސެޖެއް ނުވަތަ ވާހަކައެއް ކަމެވެ. ވަރަށް ޙިކުމަތްތެރި ބަސްކޮޅެއް ކަމެވެ.  

އަޅުގަނޑުގެ ސުވާލަކީ މިއީ އަޅުގަނޑުމެންގެ ޙާލަތުކަމުގައިވާނަމަ ދަރިން އިޞްލާޙްކުރަން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟ އަދި 12 ވަރަކަށް އަހަރުގެ ކުއްޖެއްގެ ވިސްނުމަށް މައިން ބަފައިން ފޯނުގައި ތިބޭ ވަގުތު ގޮސް އެފަދަ ބަހެއް ބުނަން ވިސްނުނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ މައިން ބަފައިން ފޯނުގައި ތިބެގެން ކުރަނީ ރަނގަޅު ކަންކަން ނޫންކަން ކުދިންނަށް އެނގޭކަން ނޫންތޯއެވެ؟ ވާހަކަދައްކަނީ ނުވަތަ ޗެޓްކުރަނީ ކުރަންޖެހޭ މީހުންނާއި ނޫންކަން އެނގޭތީ ނޫންތޯއެވެ؟  

އަޅުގަނޑު މިބުނަނީ މާ މުހިންމު ނޫން ވާހަކައެއްކަމަށް ބައަކު ބުނެފާނެއެވެ. ނަމަވެސް އަޅުގަނޑުދެކޭގޮތުގައި މިއީ ހަމަ ވަރަށް މުހިންމު ވާހަކައެކެވެ. މައިންބަފައިން ވިސްނަން ޖެހިފައިވާ އެންމެ މުހިންމު އެއް މައްސަލައެވެ. އިޞްލާޙްކުރަން އެންމެ ބޮޑަށް ޖެހިފައިވާ ކަންތަކެވެ. 

ފަލާއަރައި ކައިވެނި ރޫޅުނީމާ އެކަކު އަނެކަކު ކުށްވެރިކުރުމުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ކަންކަން އިޞްލާޙްކުރުމުންނެވެ. ތެދުވެރިކަމާއިއެކު ދިރިއުޅެން ދެމީހުންވެސް މަސައްކަތްކުރުމުންނެވެ. ހިތާމައަކީ މިބަޔާންކުރި ޙާލަތުން ސަލާމަތްވެ ތިބީ ވަރަށް މަދު ދެމަފިރިއެއްކަމެވެ.  

އެންމެ ހިތާމަހުރި ކަމަކީ ދަރިންގެ މުސްތަޤްބަލެވެ. ކުޑައިރުންސުރެ ނުބައި އާދަތައް ފެނި ދަސްވުމުން އެދަރިންގެ ދިރިއުޅުމަށް ލިބޭނެ ގެއްލުމެވެ. އެ ޙާލަތުން ދަރިން ސަލާމަތްކުރުން ވެސް އޮތީ ހަމަ މައިންބަފައިންގެ އަތްމަތީގައެވެ.

 

- ޝީރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން