ކިތަންމެ ގިނަ އަޅުކަމެއް ކިތަންމެ ގިނައިން ކުރިޔަސް ދިރިއުޅުމަށް ހެޔޮބަދަލުތައް ނުއަންނަނީ ކީއްވެތަ؟ ސަބަބު މިއޮތީ!-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކިތަންމެ ގިނަ އަޅުކަމެއް ކިތަންމެ ގިނައިން ކުރިޔަސް ދިރިއުޅުމަށް ހެޔޮބަދަލުތައް ނުއަންނަނީ ކީއްވެތަ؟ ސަބަބު މިއޮތީ!-

ތިމާއަކީ ތަޤްވާވެރިއަކަށް ވުމަށް ބޭނުންވާނަމަ އަދި ތިމާ ކުރާ އަޅުކަމުން ލިބެންވާ ޘަވާބާއި ދަރުމަ އެންމެ ރަނގަޅު ގޮތުގައި ލިބެން ބޭނުންވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ސިފަ ގިނަ ބައަކަށް ނުވިސްނެއެވެ. އެއީ ވަރަށް ދެރަ ކަމެކެވެ. އެހެންވެ ހަނދުމަކޮށްލައިދޭނަމެވެ. އިން ޝާ ﷲ  

ބައެއް މީހުން ނަމާދުކުރެއެވެ. ޒަކާތް ދައްކައެވެ. ޙައްޖާއި ޢުމުރާވެއެވެ. ޞަދަޤާތް ކުރެއެވެ. ރޭއަޅުކަންވެސް ކުރެއެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ ކުރިއެރުން އެމީހުންނަކަށް ނުލިބެއެވެ. އެހެންވެ ތިމާގެ ކުށަކީ ކޮބައިތޯ އަމިއްލައަށް ސުވާލު އުފައްދައެވެ. ވަކިހިސާބަކުން އެސުވާލު އެހެން މީހުންނާއިވެސް ކުރެއެވެ.  

އެފަދަ މީހުންނަށް ފުރަތަމަވެސް ބުނެލަން އޮތީ ތިބާގެ އަމިއްލަ އަޚްލާޤާއިމެދު ވިސްނައިލަމުހެއްޔެވެ؟ އަޚްލާޤް އެބަ މިނެކިރަން ހެއްޔެވެ؟  

ފުރިހަމަ މުސްލިމަކަށް ވެވެންއޮތީ އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ހުރެގެންނެވެ. ވީމާ ތިމާގެ ދުލުން ނުބައިބަސްތައް ބުނެވި ރުޅިގަދަވާހިނދު ނުބައި އަނިޔާވެރި ޢަމަލުކުރެވި އެހެން މީހުންގެ އަމިއްލަ ޒާތީ ކަންކަމާއިބެހެވި ޣީބަބުނެވި އަދި މިނޫންވެސް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ކުރެވޭނަމަ އެމީހާކުރާ އަޅުކަމުގެ ފައިދާނުކުރުން އޮންނާނީ ދާދިގަތުގައެވެ.  

ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރަމުންވެސް އަވަސްޓެރިޔާއަށް ނުބައިކޮށް ކަންކަންކުރި މީހާ ދާނީ ނަރަކައަށް ކަމަށް ޙަދީޘްފުޅުކުރައްވަވާފައި އޮތުމުން މިބުނި ބަހުގެ ދަލީލަކަށް ފުދެއެވެ. އެޙަދީޘްފުޅުން އެނގިގެންދަނީ އަޚްލާޤް ނުބައިވެއްޖެނަމަ އެމީހަކު ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ.  

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށްވެސް ތިމާގެ އަޚްލާޤް ރަނގަޅުކުރާށެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންގެ ކުރިމަތީގައި އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަންކަން ނުކުރާށެވެ. އަދި އެއްވެސް މީހަކާއިމެދު އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އެއްވެސް ކަމެއް ނުކުރާށެވެ. ކުރާ އަޅުކަމުގެ ފައިދާކުރާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން