އެންމެ ސިފައަކަށް ރައްކައުތެރިވެވިއްޖެނަމަ ސުވަރުގެ ޔަޤީންކުރެވެން އޮތް ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
އެންމެ ސިފައަކަށް ރައްކައުތެރިވެވިއްޖެނަމަ ސުވަރުގެ ޔަޤީންކުރެވެން އޮތް ސިފަ-

ސުވަރުގެ ލިބިގަންނަން އެންމެ ފަސޭހަގޮތް ހޯދަން ވަރަށް ގިނަ ބައަކު މަސައްކަތް ކުރެއެވެ. ސުވަރުގެ އެންމެ ފަސޭހައިން ލިބިގަންނަން ކުރަންވީ ކޮން ކަމެއްތޯވެސް ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން މިބަޔާންކުރަނީ ޔަޤީންކަމާއިއެކު ސުވަރުގެ ވަދެވޭނެކަމަށް އަހުރެންނަށް ފެންނަން އޮތް އެންމެ ފަސޭހަ މަގެވެ. ނުވަތަ ގޮތެވެ! އިން ޝާ ﷲ  

ރަނގަޅަށް ވިސްނާށެވެ! ސުވަރުގެ އެދިގެން ހަމައެކަނި އަޅުކަންކުރުމަކުން ނުފުދެއެވެ. ކުރާ އަޅުކަން އަޅުކަމަކަށްވާނީވެސް ޝަރުޠުތަކެއް ފުރިހަަމކުރެވިގެންނެވެ. އެހެންކަމުން ދައްކަން މިއުޅެނީ އެންމެ މުހިންމު ޝަރުޠުގެ ވާހަކައެވެ. އިން ޝާ ﷲ  

އެމީހާގެ ހިތް ޠޯހިރުވެއްޖެނަމަ އެމީހާގެ ހުރިހާ އަމަލުތައް ޠޯހިރުވާނެ ކަމަށާއި ހިތް ނަޖިސްވެއްޖެނަމަ ކުރާ ހުރިހާ ކަމެއް ނަޖިސްވާނެކަން އަހަރެމެން މިތިބީ ޤަބޫލުކޮށްގެންނެވެ.  

Al-Nu’man ibn Bashir reported: The Messenger of Allah, peace and blessings be upon him, said:

أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ

Verily, in the body is a piece of flesh which, if sound, the entire body is sound, and if corrupt, the entire body is corrupt. Truly, it is the heart. 

Source: Ṣaḥīḥ al-Bukhārī 52, Grade: Muttafaqun Alayhi 

ހިތް ޠޯހިރުކުރެވޭނީ އިޚްލާޞްތެރިވެގެންނެވެ. އިޚްލާޞްތެރިނުވެ އެމީހާގެ ހިތް ޠޯހިރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.  

"އިޚްލާޞް"ތެރިވާށެވެ! "އިޚްލާޞް" އެންމެ 4 އަކުރެވެ! މި 4 އަކުރުގައި ސާބިތުވެއްޖެ ނަމަ ސުވަރުގެ ލިބޭނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. އިން ޝާ ﷲ!  

އިޚްލާޞްތެރިވާންވީ އެންމެ ފުރަތަމަ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް އިޚްލާޞްތެރިމީހާ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންތެރިވާނެތެވެ.  

ދެން އެމީހެއްގެ އަނބިދަރިންނަށެވެ. ފިރިންނަށެވެ. މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށެވެ. މުޖުތަމައުގެ އެންމެންނަށެވެ. ކުރާ މަސައްކަތުގައެވެ. އެފަދަ މީހުން ކުރާ ކޮންމެ ކަމެއްގައިވެސް ވަފާތެރިވާނެއެވެ.  

"އިޚްލާޞް" ބަހެއްގެ ގޮތުން ކިތަންމެ ކުޑަ ނަމަވެސް އެންމެ 4 އަކުރު ނަމަވެސް އެބަސް ގުޅިފައިވަނީ ކޮންމެ މީހެއްގެވެސް މުޅި ދިރިއުޅުމާއިއެވެ. ދިރިއުޅުމުގައި ކުރާ ހުރިހާ ކަމަކާއިއެވެ. ކުރާ ހުރިހާ ޢަމަލަކާއި އެވެ. ދުލުން ބޭރުކުރާ ހުރިހާ ބަސްތަކާއިއެވެ.  

ދުނިޔެ މިއަދު ފަސާދަވެގެން މިދަނީ އިޚްލާސްތެރިކަމެއް ނެތުމުންނެވެ. އިޚްލާޞްތެރިން މަދުވުމުންނެވެ. ވީމާ ސުވަރުގެ އެދޭ މީހާއަށް ކުރަން އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިއަކަށްވުމެވެ. ކުރިން ބުނިފަދައިން އިޚްލާޞްތެރި ވެވިއްޖެ ނަމަ ސުވަރުގެ ޔަޤީނެވެ! އިން ޝާ ﷲ!  

ސުވަރުގެ ލިބިގަންނަން އެންމެ ފަސޭހަގޮތް ހޯދަން ވަރަށް ގިނަ ބައަކު މަސައްކަތް ކުރެއެވެ. ސުވަރުގެ އެންމެ ފަސޭހައިން ލިބިގަންނަން ކުރަންވީ ކޮން ކަމެއްތޯ ވެސް ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން މިބުނަނީ ޔަޤީންކަމާއިއެކު ސުވަރުގެ ވަދެވޭނެ އެންމެ ފަސޭހަ މަގެވެ. ނުވަތަ ގޮތެވެ!  

އިޚްލާޞްތެރިއަކަށް ވެވޭނީ އެމިހާގެ ހިތް ޠޯހިރުކޮށްގެންނެވެ. ހިތް ޠޯހިރު ކުރެވިގެން ނޫނީ ނަފްސް ޠޯހިރެއް ނުކުރެވޭނެއެވެ. ނަފްޞް ޠޯހިރުކޮށްގެން ނޫނީ ނަރަކައިން ސަލާމަތް ނުވެވިދާނެއެވެ! އެއީ ބިރުހުރި ކަމެކެވެ.  

ގިނަ ބައަކު ޝަހާދަތް ކިޔައެވެ. ޝަހާދަތްކިޔާ ގިނަ ބައަކަށް ނަރަކައަށްވެސް ވަންނަން ޖެހެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ޝަހާދަތް ނުކިޔޭތީއެވެ. އިޚްލާޞްތެރިކަމާއިއެކު ޝަހާދަތް ކިޔުމަކީ ޝަހާދަތަށް އަމަލު ކުރުމެވެ. ޝަހާދަތަށް އަމަލު ނުކުރެވެނީ އިކްލާޞްތެރިކަމާއިއެކުގައި ނުކލިޔާތީއެވެ.  

ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް މަގުގައި ހުރި ގަހެއް ނުވަތަ ގަހުގެ އޮފިގަނޑެއް ކަނޑައިލި މީހަކު އެކަމުގެ ސަބަބުން ﷲ ތަޢާލާ ސުވަރުގެ ވައްދަވަތެވެ. އެއީ އޭނާގެ އަމަލުގައި އިޚްލާޞްތެރިކަން ހުރީތީއެވެ.  

ކޮންމެ ދުވަހަކު 1000 ފަޤީރުންނަށް ކާންދިން ނަމަވެސް ސުވަރުގެ ނުވަދެވިދާނެއެވެ. އިޚްލާޞްތެރިކަމެއް ނެތި އެކަން ކޮށްފިނަމައެވެ. އެންމެ މީހަކަށް ނަމަވެސް އިޚްލާޞްތެރި ކަމާއިއެކު ކާންދީފިނަމަ ސުވަރުގެ ވައްދަވައިފާނެކަމަށް އުންމީދުކުރެވިދާނެއެވެ. އެކަމުގެ ދަލީލަކީ އިކްލާޞްތެރިކަމާއިއެކު ކުއްތާއަކަށް ފެންދިން އަންހެނަކު ސުވަރުގެ ވެއްދެވިކަން އެނގެން އޮތުމެވެ. އަދި އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން މީސްތަކުންނަށް ކާންދިނުމަކީ ސުވަރުގެ ވައްދަވާ ޢަމަލެއް ކަމެވެ. ވީމާ ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާޞްތެރިވާށެވެ. ޖަޒާއެއްގެ ގޮތުން އެމީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން