ޒަވާޖީޙަޔާތް އުފާވެރިކަމާއިއެކު ދަމަހައްޓަން އެންމެ މުހިންމު ވަޢުދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޒަވާޖީޙަޔާތް އުފާވެރިކަމާއިއެކު ދަމަހައްޓަން އެންމެ މުހިންމު ވަޢުދު!

ހުރިހާ އުފާވެރިކަމެއް ގުޅިފައިވަނީ ތަނަވަސްކަމާއި ކަމަށް ޤަބޫލުކުރެވޭ މީހުން ގިނަވުމުން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކައިވެނީގެ ކާމިޔާބީއަކީ އަނެކާގެ އެކައުންޓަށް ޖަމާކުރެވޭ ގިނަ ޢަދަދެއްގެ ފައސާތައް ކަމަށެވެ. ނުވަތަ ކައިވެންޏަށްފަހު ތަނަވަސް ދިރިއުޅުމެއް އުޅެވުން ކަމަށެވެ. 

މިއީ ވަރަށް ގޯސް ވިސްނުމެކެވެ. ކައިވެނީގެ ޙަޤީޤީ ފައިދާ ގުޅިފައިވަނީ ތަނަވަސްކަމަކާއެއް ނޫނެވެ. އެންމެ ވަޢުދަކާއިއެވެ. އެ ވަޢުދަކީ ކޮންމެ ޙާލެއްގައިވެސް ދެމީހުން ޢުމުރަށް އެކުގައި ދިރިއުޅުމުގެ ވަޢުދެވެ. މިވަޢުދުގެ މާނައިގައި އެކަކު އަނެކަކަށް ވަފާތެރިވުމާއި ލޯބި ދެމެހެއްޓުން ހިމެނޭ ގޮތަށެވެ.  

މިވަޢުދު ދެމެހެއްޓުމަކީ އެކަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ދެމީހުންވެސް އެކަންކަން ޙާޞިލުކުރަން މަސައްކަތްކޮށްގެންނެވެ. ކަމެއް ދިމާވާއިރަށް ނުވަތަ ރީތި، ތަނަވަސް މީހަކު ލިބިދާނެކަމަށް ހީވާއިރަށް ކައިވެނި ރޫޅައިލުމުގެ ވިސްނުން ދެމީހުންވެސް ދޫކޮށްލައިގެންނެވެ.  

ބުނަން ހެއްޔެވެ؟ ފައިސާއާއި ތަނަވަސްކަން ކިތަންމެ މުހިންމު ނަމަވެސް ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމަކާއެއް ނޫނެވެ. ތަނަވަސް މީހުންނަށްވުރެ މާއުފަލުގައި ތަނަވަސްކަމެއް ނެތް ފަޤީރު ދެމަފރިން އެކުގައި ލޯބިން ދިރިއުޅޭތަން ފެންނަލެއް މަދީހެއްޔެވެ؟ އެކަމުން އަންގައިދެނީ އުފާވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމާއި ނޫންކަމެވެ. ލޯތްބާއި ވަފާތެރިކަމާއިކަމެވެ.  

މައްސަލައަކަށް ވެގެން މިއުޅެނީ މިޙަޤީޤަތް ޤަބޫލުކުރަން ބޭނުން ނުވެވޭކަމެވެ. ޤަބޫލުނުކުރުމަކީ ކަމުގެ އަޞްލަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް އަޞްލު އަޞްލުގެ ގޮތުގައި އެއިގެ ޙައްޤު މަޤާމުގައި ދެމިއޮންނާނެއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން