ގިނަ އަންހެނުންނަށް ވައިގެ މައްސަލަތަކާ ބަނޑުގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ދިރިއުޅުމުގަ އުފާވެރިކަން ނުލިބޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ގިނަ އަންހެނުންނަށް ވައިގެ މައްސަލަތަކާ ބަނޑުގެ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ދިރިއުޅުމުގަ އުފާވެރިކަން ނުލިބޭ ސަބަބު-

ބައެއް މީހުންނަށް ގެއެއް އެޅެނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ތަނަވަސްކަން ކުޑަމީހުންނަށް ކުރަންޖެހޭ މަސައްކަތް މާބުރައެވެ. ސުވާލަކީ އެހާބުރަކޮށް މަސައްކަތްކޮށްގެން ގެއެއް އެޅިނަމަވެސް އުފާވެރިކަން ނުލިބެނީ ކީއްވެގެން ހެއްޔެވެ؟  

މިސުވާލުގެ ޖަވާބަކީ ބުރަކޮށް މަސައްކަތްކޮށްގެން ގެއެއް އެޅިދާނެއެވެ. އެކަމަކު އުފާވެރިކަން ލިބޭނީ އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަމާއި ލޯބިދީގެންނެވެ. ވީމާ ގެއެޅުމާއި ލޯބިލިބުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ.

މިގޮތަށް ވިސްނައިލާށެވެ! ފިރިމީހާ ހެނދުނު މަސައްކަތުދާން ނުކުންނަ ވަޤުތަކީ ވަރަށް އެހެންކަހަލަ ވަޤުތެކެވެ. ގެއިން ނުކުންނާނީ ގަޑިޖެހިދާނެތީ ތެޅިފޮޅެމުންނެވެ. އެހެންވެ އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން އޮންނަނީ ނުދެވިފައެވެ.  

ފިރިމީހާ ގެއިން ނުކުމެގެން ދިއުމުން މުޅިދުވަހު އަނބިމީހާ ގޭގައި އިންނަނީ ފިރިމީހާއަށް އިންތިޒާރުކޮށްގެންނެވެ. ގިނަ މީހުންނަށް ގެއަށް އައުދެވޭނީ އިރުއޮއްސެން ގާތްވާފަހުންނެވެ. އައިސް ފެންވަރާލައި ދެނަމާދުކޮށްލައި ނިމޭވަޤުތަށް އަނބިމީހާ ވަރަށް ބޮޑަށް އިންތިޒާރުކުރާނެއެވެ. އެއީ އެކުގައި ކެއުމަށެވެ. ނަމަވެސް ބައެއް ފިރިން އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އަދި ކޮންމެވެސް އެކުވެރިންތަކަކާއިއެކު ވަޤުތު ހޭދަކުރަންވެސް ހިނގައިދާނެއެވެ.  

ގިނަ އަންހެނުންނަށް އެހިސާބުން ރޭގަނޑުގެ ކެއުންމަތިން ފޫހިވެވޭނެއެވެ. ނުކައި އެހެން އޮއްވައި ނިދޭނީއެވެ. ހުސްބަނޑާ ގިނަ އަންހެނުންނަށް ނިދަން އާދަވާ އެންމެ ބޮޑު ސަބަބަކީ މިއީއެވެ. އެކަން އާދަވުމުން ވައިގެ އުނދަގޫތައް ކުރިމަތިވުމުގެ އިތުރަށްވެސް މައްސަލަތައް ކުރިމަތިވެއެވެ.  

ފިރިމީހާ އެނބުރި އަންނާނީ އަނބިމީހާ ނިދާފަހުންނެވެ. އަންނަ ވަޤުތު އަނބިމީހާއަށް ހޭލެވުނަސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ވަރުބަލިވެފައި ހުންނާތީ ބޭނުންވާނީ އަވަހަށް ނިދާށެވެ! ބުނަން ހެއްޔެވެ؟ މިގޮތަށް ދިރިއުޅެން ބުރަ މަސައްކަތްކޮށްގެން ގެއެއް އެޅުމުގެ ބޭނުމެއް ނެތެވެ. އަގުބޮޑު ފްލެޓެއް ގަތުމުގެ ބޭނުމެއްވެސް ނެތެވެ. ދިރިއުޅުމުގެ އުފާވެރިކަން ލިބުން އޮތީ ދިރިއުޅޭ ގެ ބޮޑުވެފައި ފުރިހަމަވުމަކުން ނޫނެވެ. އެކަކު އަނެކަކަށް ލޯބިދީ އެކުގައި ގިނަ ވަޤުތު ހޭދަކުރަން މަސައްކަތްކޮށްގެންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން