ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ނޫރު ސޫރަތުގެ 33 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِن فَضْلِهِ ۗ)
މާނައީ: "އަދި ކައިވެނިވުމުގެ މަގެއް ނުފެންނަ މީހުން عفة ތެރިވެ ތިބޭހުށިކަމެވެ! اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެން މުއްސަނދިކުރައްވައި، އެކަން ފުއްދަވައި ދެއްވައިފުމަށް ދާނދެނެވެ."
ނިސާ ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّهُ ۚ)
މާނައީ: "ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ."
އެގޮތުން އެއީ، ފިރިމީހާ ނެތް ޙާލަތެއްގައި އަމިއްލަ ނަފްސު ރައްކާތެރިކުރުންވެސް ހިމެނެއެވެ.
ޢިއްފަތްތެރިކަމާއި ރައްކާތެރިވުން: އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް އެދުންތަކުން ރައްކާތެރިކުރުމަކީ ގުނަވަންތަކުގެ ޢިއްފަތްތެރިކަމާއި ރައްކާތެރިވުމަށް މެދުވެރިވާ ސަބަބެކެވެ. މީގެ ތެރޭގައި ހިތުގެ އިއްފަތްތެރިކަން ހިމެނެއެވެ. އެއީ އެމީހެއްގެ އަމިއްލަ ނަފްސު ރައްކާތެރިކޮށް، ހަސަދަވެރިކަމުން ރައްކާތެރިކުރުމަށެވެ.
ﷲ ތަޢާލާ ނިސާ ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
( وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ)
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ!"
މީގެ އިތުރުން ނުބައި ހީކުރުންތަކުން ދުރުހެލިވުމަށް ވެސް އަންގަވާފައިވެއެވެ. އެގޮތުން ﷲ ތަޢާލާ ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ)
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ."