ކީރިތި ޤުރްއާނާއިމެދު ވިސްނަންވީ ކަންކަން ބައިވަރެވެ.
ކިޔެވުމުން ކޮންމެ އަކުރަކަށް 10 ޘަވާބެވެ. އެހެންކަމަށްވާއިރު އެންމެ ކުރު ސޫރަތެއް ނަމަވެސް ކިޔަވައިފިނަމަ ދެއްވަވާނެ ޘަވާބު ވިސްނައިލާށެވެ. މިވާހަކަކޮޅަށްފަހު މިގެނެސްދެނީ ޤުރްޢާން ކިޔަވައި އަޑުއެހުމުން ހިތަށް ލިބޭނެ ހަމަޖެހުމުގެ ވާހަކައެވެ. މީހުން ބުނާހައި ކަންކަން ކުރުމުގެ ބަދަލުގައި ހިތަށް ހަމަޖެހުން ލިބޭނެކަން ޔަޤީންވާ މަގުން ކުރިއަށްދަމާ ހިނގާށެވެ.
އަދިވެސް ބުނެލާނަމެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވެވި ސަބަބު ނުއެނގިގެން އުޅޭ ވަރަށް ގިނަ ބައަކު ދުނިޔޭގައި އެބަ އުޅެއެވެ. އެންމެ ބޮޑު ހިތާމައަކީ މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށްވެސް އެމީހުން ދުނިޔެއަށް ފޮނުއްވެވި ސަބަބު ނުއެނގިގެން އުޅޭކަމެވެ.
އަހުރެން ބުނާނީ ޤުރްއާން ކިޔަވާށެވެ! އެފޮތުގައި ﷲ ތަޢާލާ ވަނީ އިންސާނުން ދުނިޔެއަށް ފޮނުއްވެވުނު ސަބަބާއި ދުނިޔޭގައި އުޅެންވީގޮތް ވަރަށް ރަނގަޅަށް ބަޔާންކުރައްވަވައިފައެވެ.
ދެން އޮތީ ދިރިއުޅެމުން ދަނިކޮށް މައްސަލައެއް ކުރިމަތިވުމެވެ. އެފަދަ ޙާލަތުގައިވެސް ޤުރްއާން ކިޔަވާށެވެ. ޙައްލުކުރެވޭނެ މަގުވެސް ފެންނާނެއެވެ. އެފޮތުގައި ޙައްލު ބަޔާންވެގެން ނުވާ އެއްވެސް މައްސަލައެއް އެއްވެސް މީހަކަށް ކުރިމައްޗެއް ނުވާނެއެވެ.
އަހުރެމެން އެއްޗެއް ގަންނަނަމަ އެއިގެ މެނުއަލް ހޯދަމެވެ. އެއިގެ ބޭނުންކުރަނީ މެނުއަލްގައިވާ ގޮތަށެވެ. މައްސަލައެއް ޖެހިއްޖެނަމަ މެނުއަލް ހުޅުވައި ބަލަމުއެވެ. ޤުރްއާނާއިމެދުގައިވެސް ޢަމަލުކުރަންވީ ހަމައެގޮތަށެވެ. ޤުރްއާނަކީ މީސްތަކުން ދުނިޔޭގައި އުޅެންވީ ގޮތުގެ މެނުއަލްކަމަށް ބަލައިގެންނެވެ. ކުރިން ބުނިފަދައިން ޤުރްއާނުން ޙައްލު ނުފެންނާނެ އެއްވެސް މައްސަލައެއް ނެތެވެ. ނުވެސް އޮންނާނެއެވެ.
މައްސަލައަކީ އަހުރެމެންނަށް މާބޮޑަށް ކަންކަން އެނގިއްޖެކަމަށް ޤަބޫލުކުރެވުމެވެ. ޤުރްޢާނަށް ނުބަލައި އަމިއްލައަށް ވިސްނޭގޮތަށް ކަންކަން ކުރެވޭކަމެވެ. ޤުރްއާނަށްވުރެ ބޮޑަށް އިންސާނުން ބުނާ ގޮތަށް ބުރަވެވި ކަންކަން ކުރެވޭކަމެވެ.
ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. ވަރަށް ފަހުން އެކުވެރިއަކު ބުންޏެވެ. "އަހުރެން މިއުޅެނީ އެންޒައިޓީވެގެންނެވެ." ފަރުވާއަކަށް ކުރަނީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީ "ޑޮކްޓަރުދީފައި ހުރި ބޭސްކައި ޖަހަންދީފައި ހުރި ލަވަތައް ޖަހަނީ" ކަމަށެވެ.
އަހުރެން ވަރަށް ދެރަވިއެވެ. ބަލިވެއްޖެނަމަ ޑޮކްޓަރުންދޭ ބޭސް ނުކާކަށް ނުބުނަމެވެ. އެކަމަކު ލަވަޖެހުމަކީ ނުވަތަ ލަވަކިޔުމަކީ އެއްވެސް ބައްޔަކަށް އޮތް ޝިފާއެއް ނަމަ ނުވަތަ ޝިފާލިބޭކަމެއް ނަމަ އަބަދު ލަވަޖަހައި ލަވަކިޔާމީހުން ބަލިވަނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ މީހުންނަށް އެންޒައިޓީގެ މައްސަލަތައް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟
ޔަޤީން ކަމަކީ ހިތަށް ކޮންމެ ކަމެއް ޖެހުނަސް ﷲ ތަޢާލާ ހަނދުމަކުރުމުން ނޫނީ ހަމަޖެހުމެއް ނުލިބޭނެ ކަމެވެ. ހިތަށް ބައްޔެއް ޖެހިއްޖެ ނަމަ އޮތީ ފަރުވާކޮށް ޝިފާ ހޯދަން މަސައްކަތްކުރުމެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއް ލިބޭނީ ﷲ ތަޢާލާ ހަނދުމަކުރުމުން ކަމާއިމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ.
އެހެންވެ އަހުރެން ބުނާނީ ހިތަށް ހަޖެހުން ބޭނުންނަމަ ގިނައިން ކީރިތި ޤުރްއާން ކިޔަވައި އަޑުއެހުމުގެ އިތުރުން ކީރިތި ޤުރްއާނުގައިވާ "ސަކީނާ" އާޔަތްތައް ކިޔަވާށެވެ. އަދި އަޑުވެސް އަހާށެވެ. ޔަޤީންކުރަންވީ ހިތަށް ހަމަޖެހުން ލިބެންއޮތީ ހިތްވެސް އެފަރާތަކަށް މިލްކުވެވޮޑިގެންވާ ﷲ ތަޢާލާ ހިތަށް ހަަމޖެހުން ދެއްވެވުމުން ކަމެވެ.
މިއާޔަތްތަކުގެ މާނައިން އެކަން ރަނގަޅަށް އެނގިގެންދާނެއެވެ. ތަފްސީރުން އަދިމާބޮޑަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސަކީނާ އާޔަތްތައް އަމިއްލައަށް އަމިއްލައަށް ކިޔަވައިލެއްވުމަށް:
https://binbayyah.net/english/shaykh-bin-bayyah-alluded-to-six-verses-in-the-quran-that-mentioned-tranquillity-sakinah/
- ސަކީނާ އާޔަތްތައް އަޑުއައްސަވައިލެއްވުމަށް:
https://www.youtube.com/watch?v=gXCyszIwvjM